
އިންޑިއާއަށް އިތުރު ބިރުވެރިކަމެއް، މިފަހަރު ކެރެލާގައި ޒިކާ ވައިރަސް ފެތުރެނީ
އިންޑިއާގެ ކެރެލާ ސްޓޭޓުން ޒިކާ ވައިރަސް ފެނިއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އަދި ވައިރަސް ފެތުރެމުންދަނީ އެ ސްޓޭޓްގެ ވެރިރަށް ޓްރިވެންޑްރަމްގައި އެވެ. އެ ސިޓީން މިހާތަނަށް 14 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ.
ބަލި ފެތުރެމުންދާ ގޮތަށް ބަލާއިރު މިހާތަނަށް ޕޮސިޓިވްވެފައިވަނީ ހަމައެކަނި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެވެ. އޭގެ ތެރެއިން ފުރަތަމަ ޕޮސިޓިވްވެފައިވަނީ ޓްރިވެންޑްރަމްގައި މަސައްކަތް ކުރާ ޓަމިލް ނާޑޫ ސްޓޭޓަށް ނިސްބަތްވާ މާބަނޑު އަންހެނެކެވެ.
ކެރެލާ ސްޓޭޓްގެ ހެލްތް މިނިސްޓަރު ވީނާ ޖޯޖް ވިދާޅުވީ 24 އަހަރުގެ އެ އަންހެން މީހާ ބަލީގެ އަލާމާތްތައް ފެންނާތީ ޑޮކްޓަރަށް ދެއްކީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި ޒިކާ ވައިރަހަށް ޕޮސިޓިވްވެފައިވަނިކޮށް މިދިޔަ ބުދަ ދުވަހު އޭނާ ވިހާފައިވާ ކަމަށެވެ.
ވީނާ ވިދާޅުވީ ދެ މައިންގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.
މިކޭސްތަކާއި ގުޅިގެން ކެރެލާ ސްޓޭޓްގެ ހުރިހާ ޑިސްޓްރިކްޓެއް ވަނީ އެލާޓަށް ގެނެސްފައި އެވެ. ކެރެލާ ހެލްތް މިނިސްޓްރީން ބުނީ މި ދުވަސްވަރަކީ އިންޑިއާއަށް ވިއްސާރަ މޫސުން ކަމުން ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ޒިކާ ވައިރަސް ފެތުރެނީ މަދިރީގެ ޒަރީއާއިންނެވެ. ބައެެއް ފަހަރު ޖިންސީ ގުޅުމުންވެސް ބަލި ފެތުރިފަ އެބަހުރި ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އިންޑިއާގައި އެންމެ ފަހުން ޒިކާ ވައިރަސް ހަލުވިކަމާއި އެކު ފެތުރުނީ ގުޖްރާތް ސްޓޭޓްގައި 17-2016 ވަނަ އަހަރު އެވެ.
ޒިކާ ވައިރަސް ދުނިޔެއިން އެންމެ ފުރަތަމަ ފެނިފައިވަނީ ޔުގެންޑާގެ ޒިކާ ޖަންގަލީގައި އުޅުނު ރާމާމަކުނެއްގެ ގައިން 1947 ގައި އެވެ. ވައިރަސްގެ ތަފާތު ވައްތަރުތައް އުޅޭކަން ދެނެގަނެވި އިންސާނުންގެ ގައިން ވައިރަސް ފެނުނު ކަމަށް ރިޕޯޓުކޮށްފައިވަނީ އިންޑިއާއިން 1953 ވަނަ އަހަރު އެވެ.