
މެންގޯ ޗަޓްނީ: ހަދާލަން ވަރަށް ފަސޭހަ
ފޮނި ކަރަދަ އަދި މޭވާގެ ރަހަ އެކުލެވޭ މި މޭންގޯ ޗަޓްނީއަކީ ގްރިލްޑް ޗީޒް ސޭންޑްވިޗާއި ފިހެފައި ހުންނަ ސަލްމަން މަހާއި ޗޮޕްސް ފަދަ ތަފާތު ގިނަ ކާތަކެއްޗާއެކު ބޭނުންކޮށްލަން ވަރަށް ކަމުދާނެ އެއްޗެކެވެ.
މިއީ ފޮނި ޖޭމަކާއި ކާ އެއްޗެހީގެ ރަހަ މީރުކޮށްދޭ ސޯސްއެއްގެ މެދު މިންވަރަކަށް ހުންނަ އެއްޗެކެވެ.
ޗަޓްނީގެ އަސްލު އުފެދިގެން އައި އިންޑިއާގައެވެ. މި ލަފުޒު ބޭނުންކުރެވެނީ މޭވާ އެކި ބާވަތުގެ ފަތްޕިލާވެލި އަދި ތަރުކާރީ ބޭނުންކޮށްގެން ހަދާ ތަފާތު ހަވާދުލީ ކާނާތަކަށެވެ.
މިސާލަކަށް ފްރައިޑް ފުޑްސް ނުވަތަ ތެލުލި ތަކެއްޗާއެކު ބޭނުންކުރާ މިންޓް ޗަޓްނީ އަކީ ދިޔާ ސޯސްއެކެވެ. އަދި ދޯސާ ނުވަތަ އުތައްޕަމް ފަދަ ތަކެއްޗާއެކު ކެޗަޕް ފަދަ ގޮތަކަށް ބޭނުންކުރާ ޓޮމާޓޯ ޗަޓްނީ އަކީ ވެސް ވަރަށް މަގުބޫލު އެއްޗެކެވެ. މީގެ އިތުރުން މިއީ ބަރގާ ފަދަ ތަކެއްޗާ އެކު ކާލަން ވެސް ވަރަށް މީރު އެއްޗެކެވެ.
އިންޑިއާގެ ބޯޑަރުން ބޭރަށް ޗަޓްނީ މި ލަފުޒު މަގުބޫލުވެގެން ދިޔައީ އިނގިރޭސިން ވިޔަފާރީގެ ބޭނުމުގައްޔާއި އެ ޤައުމު އިސްތިއުމާރުކޮށްގެން ތިބި ދުވަސްވަރު ކަމަށް ބެލެވެ އެވެ.
އެޓިމޮންލައިން އިން ހާމަކުރާ ގޮތުގައި އިނގިރޭސި ބަހުގެ ތެރެއަށް މި ލަފުޒު ތައާރަފުވީ 1813 ވަނަ އަހަރު ހިސާބުގަ އެވެ.
އޭރު މީގެ މާނައަކީ ”އިރުމަތީގެ ޤައުމުތަކުގައި ކާލަން ބޭނުންކުރާ މޭވާއާއި ހަވާދުގެ ބާވަތްތައް އެކުލެވޭ އެއްޗެއް“ ކަމަށެވެ.
އިނގިރޭސިވިލާތާއި އެމެރިކާގައި ޗަޓްނީ ބެލެވެނީ ގިނަ އަދަދަކަށް ވިނިގަރ ބޭނުންކޮށްގެން ހަދާފައި ހުންނަ ޖޭމް ކަހަލަ އެއްޗެއްގެ ގޮތުގަ އެވެ.
މޭންގޯ ޗަޓްނީގައި ވެސް ހިމެނެނީ އެ ސިފަތަކެވެ. މީގައި ދިރި، ދަނަފަތް، އަދި ދިރީގެ އާއިލާގެ އެކި ބާވަތްތަކުގެ އިތުރުން އިނގުރު ވެސް ބޭނުންކުރެވެ އެވެ.
މި ރެސިޕީގައި ބޭނުންކުރާ މިރުސް ބޭނުންވާ މިންވަރަކަށް އިތުރު ނުވަތަ މަދުކުރެވިދާނެ އެވެ. ވަރަށް ކުޅިގަދަކޮށް ނުވަތަ ކުޅީމަޑުކޮށްވެސް މިއީ ތައްޔާރުކުރެވިދާނެ އެއްޗެކެވެ.
ތައްޔާރު ކުރަނެގޮތް:
1 ވަނަ މަރުހަލާ:
މެދު މިންވަރެއްގެ ތަވައެއް ނުވަތަ ތެއްޔަކަށް ތެޔޮ އަޅައި ހޫނުކުރާށެވެ. އޭގެ ތެރެއަށް ދިރި، ދަނަފަތް އަދި ހަވާދުގެ އޮށްތައް އަޅައި، އެ ތަކެތި ގޮވާލަންދެން (30 އާއި 60 ސިކުންތާ ދެމެދު) ކައްކާށެވެ. ދެން ރަތް ފިޔާ (ޝެލޮޓް) އަދި އިނގުރު އަޅައި، މަޑުވަންދެން ގާތްގަނޑަކަށް 2 މިނެޓުވަންދެން ހަލަމުން ކައްކާށެވެ.
2 ވަނަ މަރުހަލާ:
އޭގެ ތެރެއަށް އަނބު، ވިނިގަރ، ހަކުރު، ލޮނު އަދި މިރުސް (ބޭނުންނަމަ) އަޅާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު، މަޑު ގިނީގައި ކައްކަން ފަށާށެވެ. ގިނަގިނައިން ހަލަމުން އަދި އަނބުތައް މަޑުކުރުމަށްޓަކައި ބައެއް ފަހަރު ފިއްތާލަމުން ގާތްގަނޑަކަށް 40 އާއި 45 މިނެޓުވަންދެން ކައްކާށެވެ. މި މިސްކްޗަރ އޮލަވެ، އަނބުތައް އަލިކުލައެއް ނުވަތަ ދެފުށް ފެންނަ ވަރަށް މަޑުވަންދެން ކައްކަންވާނެ އެވެ.
3 ވަނަ މަރުހަލާ:
މިއީ ކުރިއާލައި ތައްޔާރުކޮށްފައި ބެހެއްޓިދާނެ އެއްޗެކެވެ. މި ޗަޓްނީ 1 މަސް ދުވަސް ކުރިން ވެސް ތައްޔާރުކުރެވިދާނެ އެވެ. ވަައި ނުވަންނަ ފަދަ ކޮންޓޭނަރަކަށް އަޅައި ފިނިކުރަން ފްރިޖުގައި ބަހައްޓާށެވެ.



