
ޚަބަރާއި މައުލޫމާތު ފެތުރުމުގައި ޤައުމީ މަސްލަހަތު އިސްކުރުމަށް ސަމާލުކަންދީ: އެމްއެމްސީ
ރާއްޖޭގައި ތިއްބަވާ ސަފީރުންނާއި ޑިޕްލޮމޭޓުންގެ އަބުރާއި ކަރާމާތަށް އަސަރުކުރާގޮތަށް ޚަބަރު ނުލިޔުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީން) އިން އެދެފި އެވެ.
އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، ޑިޕްލޮމަޓިކް މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔުންތައް ޝާއިޢުކުރަމުންދާކަމުގެ ޝަކުވާ ކަމާއިބެހޭ އެކި ފަރާތްތަކުން އެ ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
އެއްވެސް ޤައުމަކާމެދު އޮންނަ ޚާރިޖީ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ކަނޑައެޅިގެން ދޮގު ޚަބަރު ފެތުރުމަކީ، އެއްވެސް މީޑިއާއަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެ ކައުންސިލުން ދެކޭ ކަމަށާއި ރާއްޖޭގައި ހުރި ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫން ކަމަށް ވެސް އެމްއެމްސީން ވަނީ ބުނެފަ އެެވެ.
މިފަދަ ކަންކަމަކީ، އޭގެ ސަބަބުން ރާއްޖެއާއި ދޭދޭ ޤައުމުތަކާއެކު އޮތް ގުޅުމަށް ބުރޫއަރައި، ވަކި ޤައުމަކާމެދު އާންމު ރައްޔިތުން ދެކޭ ގޮތް ބަދަލުވުމުގެ ސަބަބުން ޖުމްލަ ގޮތެއްގައި މުޅި ޤައުމަށް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
“އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދެވަނަ ބާބު (އަސާސީ ޙައްޤުތަކާއި މިނިވަންކަން) ގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ ހައްޤު ހަމަ ގޮތުގައި ބޭނުން ކުރުމަށާއި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ގަވާއިދާއި އަދި ކޯޑް އޮފް އެތިކްސްއާ އެއްގޮތްވާގޮތުގެ މަތިން ޒިންމާދާރުކަމާއެކު ޚަބަރުތައް ފެތުރުމަށް އެންމެހާ ނޫސްވެރިންނާއި މީޑިއާތަކަށް އިލްތިމާސްކުރަމެވެ.” އެމްއެމްސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ ހުރިހާ މުއާހަދާތަކަށްވެސް އިހުތިރާމްކުރުމާއެކު، ޚަބަރާއި މައުލޫމާތު ފެތުރުމުގައި ޤައުމީ މަސްލަހަތު އިސްކުރުމަށް ސަމާލުކަން ދިނުމަށް އެ ކައުންސިލުން ވަނީ ބާރުއަޅުއްވާފަ އެވެ.