ކުރު ވާހަކަ “ޔަލެެނާ” (9)

” ބައްޕަ ވަރަށް އުފާވެއްޖެ. ..” އަހަރެން ބުނަން އުޅުނު އެއްޗެއް ރަގަޅަށް ފުރިހަމަ ނުކުރެވެނިސް ލޮލުން ކަރުނަ އައެވެ. އެކުދިންގެ ކިބައިން އެފެންނަނީ ޖީޒާގެ ތަރުބިއްޔަތު ގެ ފުރިހަމަ ކަމެވެ.

***

އިޝްތިހާރު Below Header ad

ދުވަސްތައް ފާއިތުވަމުންދެއެވެ. އަހަރެންގެ ޔަލީނާ އަށް ލިބުނު ސްކޮލަރޝިޕެއްގައި އެމަންޖެ ރަޝިޔާއަށްދަނީއެެވެ. ދަތުރުގެ ކަންކަން ހަމަޖައްސައި ދެމުން ދިޔައިރު އަހަރެންގެ ހިތުގެ ހިނގުން ވަނީ ހަގުނައަށް އިތުރު ވެފައެވެ. ޔަލީނާއަކީ އަމިއްލައަށް އުޅެވޭނެ ކުއްޖެކެވެ. އެކަމަކު ވެސް ބީރައްޓެހި ބަޔެއްގެ ތެރޭގައި ވާނީ ކިހިނެތްބާއެވެ. ޔަސީރާ ވެސް މެލޭޝިޔާގައި އެހާ ދުވަހު ކިޔަވަން އުޅުނީތާއެވެ. ޔަލީނާ އަށް ވެސް އުޅެވޭނެއެވެ. އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދޭން ފެށީމެވެ. ޔަސީރާއަށް ވުރެ މާބޮޑަށް ވެސް ޔަލީނާ ކަންކަމުގައި ހޭލުންތެރިވެފައި ކަންކަން ކުރަން ދަންނާނެއެވެ. މީހުންނާ ގުޅިގެން އުޅުމާ ކުރަންޖެހިއްޖެ ކޮންމެ ކަމެއްކުރަންވެސް ދަންނާނެއެވެ. އެހެންވީރު އަހަރެން ކަންބޮޑުވާންވީ އެއްވެސް ސަބަބެއްނެތެއެވެ.

އިރުއޮއްސުނުތަނާ އަހަރުމެން އެއަރޕޯޓަށްދިޔައީމެވެ. ޔަލީނާ ފުރުވާލުމަށްޓަކައި އަނެއް ތިންކުދިން ވެސް އަހަރެންނާއެކު ދިޔައެވެ. ފުރާވަގުތު ޖެހުމުން އެންމެ ރުއީ ޔާނިޔާއެވެ. ގޭތެރޭގައި ދެކުދިން ކިތައްމެ ހަމަ ނުޖެހުން ބޮޑުވިޔަސް ވަކިވެގެންދާން ޖެހުމުން ޔާނިޔާގެ ހިތުގައި ޖެހުނީއެވެ. ކިތައްމެ ހިތްވަރު ކުރިއެއް ކަމަކު އަހަންނަށް ވެސް ރޮވުނެވެ.

“ބައްޕާ..ޕްލީޒް..މިވަގުތު ނުރޮއެ! އަހަރެންނަށް ހިތްވަރުދީ.. ބައްޕަގާތު ދައްތައާ ޔާނިކޮއްކޮމެން ތިބޭނުން. އެމީހުންވެސް އަބަދަކު އެގޮތަކަށް ނޫޅޭނެ، ބައްޕަ ބޭނުންވާ ކަހަލަ ހަރުދަނާ ކުދިން ތަކަކަށްވާނެ. ބަލަން ހުންނަށްޗޭ!” އަހަރެން ރުއިމުގެ ތެރޭން ޔަލީގެ ވާހަކަ ތަކަށް ބޯޖަހާލީމެވެ. އުމުރުން އެންމެ އަށާރަ އަހަރުގެ ޔަލީނާއަކީ ތޫނުފިލި ދުރުވިސްނޭ ކުއްޖެކެވެ. އެހެން ކުދިންނަށްވެސް އެފަދަ ތަނަވަސް ވިސްނުމެއްދެއްވާންދޭވެ! ހިތާ ހިތާ އަހަންނަށް ދުޢާކޮށްލެވުނެވެ. އެންމެނާ ފަހުގެ ސަލާމްކޮށްލާފައި ޔަލީނާ އައިސް އަހަރެންގެ އަތަށް އޭނާގެ ބެކްޕެކުން ނެގި ފޮތެއް ދިއްކޮށްލިއެވެ. އަދި މަޑުމަޑުން ކަންފަތް ދަށުގައި ބުނެލިއެވެ.

“ބައްޕާ! ވަރަށް ހަމަޖެހިލައިގެން އިނދެ މިފޮތް ކިޔާލާތި. މީ ޔަލީ ލިޔެފަ އޮތް އެއްޗެއް އިނގޭ!” އަހަރެން ގާތަށް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. ޔަލީނާ އަކީ އަބަދުވެސް ވާހަކަ ކިޔުމަށް ފޯރި ހުންނަ ކުއްޖެކެވެ. އެކަމަކު ވާހަކަ ލިޔާކަމެއް އެނގިފައެއް ނެތެއެވެ. ދެން އަހަރެންގައިގައި ނިކަން ލޯބިން ބައްދާލާފައި  އެތެރެއަށްވަދެގެން ދިޔައީއެވެ. އެވަގުތުވެސް އަހަންނަށް ފަޅުކަން އިހްސާސް ކުރެވުނެވެ. ދުރަށް އެދަނީ ބައްޕަ އެކަނި ކޮށްފައޭ ބުނެލާ ހިތްވިއެވެ. ކުދިންބޮޑެތިވީމާ މައިންބަފައިންނަށް އެކުދިން ހުއްޓުވޭނެ ހެއްޔެވެ. އެކުދިން އަބަދަކު އުނގުގައި ހައްޔަރެއްނުކުރެވޭނެއެވެ. ދުނިޔޭގެ އޮޔާ ވައި ބަލައި ކަންކަން ހިނގާނުހިނގާގޮތް ތަޖްރިބާކުރަން ޖެހޭނެއެވެ. އެކުދިންގެ މުސްތަޤްބަލްއަށްޓައި ނަގާ ކޮންމެ ފިޔަވަޅަކީ އަހަރެންނަށް ވެސް ލިބޭނެ ކާމިޔާބީއެކެވެ. ދަރިފުޅާއެވެ. ހިތްވަރު ކުރައްޗެވެ.

***

ފެންވަރަލީމާ ހަށިގަނޑަށް ލިބުނު ތާޒާކަމަށް ވުރެ ލޮޑުކަންވީ އިތުރެވެ. އިރުކޮޅަކު ނިދާލާފައި ހޭލިޔަސް އަދި ފަތިސް ނަމާދަށް ގޮވަންވާއިރަށް ހޭލެވޭނެއޭ ހީކޮށް އަހަރެން އެނދުގައި އޮށޯވެލީމެވެ. އެނދުގެ އެއްއަރިމަތީގައި ހުރި ސުވިޗުން ކޮޓަރީގެ ބޮކި ނިއްވާލާފައި ނިދާބޮކި ޖައްސާލީމެވެ. އެވަގުތު ލޮލުގައި އަޅައިގަތީ މީގެ ތިން ދުވަސްކުރިން ޔަލީނާ އަހަރެންގެ އަތަށް ދިންފޮތެވެ. އަދިވެސް އެފޮތް ކިޔާނެ ވަގުތެއް އަހަންނަށް ނުލިބެއެވެ. ވީޑިއޯ ކޯލް މެދުވެރި ކޮށް ޔަލީނާ އަހަރުމެންނާ ކޮންމެ ދުވަހަކުވެސް ބައްދަލުކުރެއެވެ. އުޅޭ އެޕާޓްމެންޓް ދައްކާ ހެދިއެވެ. ކިޔެވުން ފެށެން އަދި ހައެއްކަ ދުވަސް އޮތުމުން އޭނާ އެތަނުގެ މާހައުލަށް ހޭނިލަން ވަގުތު އެބައޮތެވެ. އެއީވެސް ނަސީބެކެވެ. އަހަރެން އެފޮތަށް އިރުކޮޅަކު ބަލަން އޮތީމެވެ. އެފޮތް ދިނީއްސުރެ އަހަރެން ހިތައް އަރަމުން އައީ ޔަލީ ވާހަކަ އެއްލިޔެފައި އަހަރެންގެ އަތަށް ދޭނީ ޔަލީ މަތިން އަހަރެން އަބަދު ހަދާންކުރުވާފައި ބެހެއްޓުމަށެވެ. އެއްފަހަރުވެސް އެފޮތުގެ އެތެރެ ހުޅުވާ ނުބަލަމެވެ. ކުއްލިއަކަށް މިރޭ އެފޮތް އަހަރެން ކިޔާހިތްވެއްޖެއެވެ. އެދަރިފުޅު ކޮންމެވެސް ވާހަކަ އެއް ބުންނަ އޮތީ ނޫންބާއެވެ. ނޫނީ އެއީ އަނެއްކާ ޖީޒާގެ ފޮތަކީ ބާއެވެ. ފަހުން އައި ޚިޔާލުން އަހަރެންނަށް ތެޅިގަނެފައި އެފޮތް ނެގުނެއެވެ. ފުރަތަމަ ގަނޑުގައި ހިއްޕާލާފައި އޮތީ ރަތްކުލައިގެ ރީތި ފިނިފެންމާތަކެއްގެ ފޮޓޮއެކެވެ. ފިނިފެންމަލަކީ އަބަދުވެސް ޔަލީނާ ވަރަށް ލޯބިކުރާ އެއްޗެކެވެ. ދެވަނަ ގަނޑު ހުޅުވާލީމެވެ. އެއީ ޔަލީނާގެ ލިޔުންކަން ޔަޤީނެވެ. ބެލެނިވެރިންގެ ބައްދަލުވުންތަކުގައި ޓީޗަރުންގެ ޝަކުވާއަކަށް ވެފައި އޮންނަ ހަމަ އެކަނި ކަމަކީ ޔަލީނާގެ ލިޔުން ކުދި ވާހަކަ އެވެ. އަކުރުތައް މާކުދިކުދިކޮށް ލިޔެފައި ހުންނަނީއެވެ. އަހަންނަށް ހީލެވުނެެވެ. ލިޔެފައި އޮތެއެވެ.

“ބައްޕާ! ޔަލީއަށް އެނގޭ ބައްޕައަށް މިފޮތް ކިޔަން ކީއްކުރަން ފޮތް ހުޅުވާލަން ވެސް ވަގުތެއް ނޯންނާނެކަން. އެކަމަކުވެސް ކޮންމެ ދުވަހަކުން މިފޮތް ކީނަމަވެސް މިހާރު ތިޔައިނީ އުފަލުންދޯއެވެ. ދެން އަވަހަށް އަނެއްގަނޑު ހުޅުވާލާ! އެއީ ބައްޕަ އިތުރަށް އުފާ ކޮށްލަދޭންވެގެން ”

ނޭވާ ހީވީ ހިފަހައްޓާލެވުނުހެނެއެވެ. އެކުއްޖާ މިއުޅެނީ އަހަރެން ކޮންފަދަ ޓެސްޓެއްގައި ބައިވެރި ކުރުވަންބާއެވެ. ދެލޯމަރާލާފައި ޖެހިގެން އޮތް ގަނޑު ހުޅުވާލީމެވެ. އިރުކޮޅަކު އެހެން އިނދެލާފައި ލޯހުޅުވާލިއިރު ދިޔައީ ސިހިގެން ނެވެ. އަހަރެންނާއި ޖީޒާއާއި ދެމަފިރިން އެކުގައި ނަގާފައި ހުރި ފޮޓޮއެއް ތަތްކޮށްލާފައި ހުއްޓެވެ.

“ޖީޒާ…” އަހަންނަށް ހިތުން އެނަން ކިޔާލެވުނެވެ. މަޑުމަޑުން އެފޮޓޯގައި އިނގިލިކުރިން ފިރުމާލީމެވެ. ފޮޓޯގެ ތިރީގައި ލިޔެފައި އޮތެވެ.

“މީ އަޅުގަނޑުމެން ހުރިހާ ކުދިން ފަޚްރުވެރިވާ ރޯލްމޮޑެލް މަންމައާއި ބައްޕަ” އެފޮޓޯ ފެނުމުން ވެފައި ހުރި ވަރުބަލިކަން ފިލައިގޮސް ހަށިގަނޑު ހަމަ ޖެހިލި ކަހަލަ އެވެ.

އިތުރުއެއްޗެއް ލިޔެފައި ނެތުމުން އަހަރެން އަނެއްގަނޑަށް އެއްލީމެވެ.

“މަންމައާއި ބައްޕަ އަޅުގަނޑުމެން ހުރިހާ ކުދިން ބަލާ ބޮޑުކުރީ ވަރަށް ރަގަޅަށް ކަމަށް އަބަދުވެސް ޤަބޫލުކުރަމެވެ. އަޅުގަނޑުމެނަށް އެންމެ ފުރިހަމަ ތަރުބީއްޔަތުދީ ދީންވެރި ކުދިން ތަކަކަށް ހެދޭތޯ ބެލީމެއްނުން ހެއްޔެވެ. އަޅުގަނޑުމެން ބައްޕައާއި މަންމައަށް ތާއަބަދު ޝުކުރުވެރިވިޔަސް ނުފުދޭނެ ކަން އެނގެއެވެ. ބައްޕާއެވެ. އަޅުގަނޑުމެން ކުދިން ކުޑައިރު ތޮޅިހަދާ އިރު މަންމަ ވަރަށް ލޯބިން އެމައްސަލަ ހައްލުކޮށްދޭ ހަދާން ވެއެވެ. ދެކުދިން ދެމެދު ސުލްހަކޮށް މަޢާފަށް އެދެންބުނެއެވެ. އަދިވެސް، މިހާރުވެސް ދޭތެރެއަކުން އަޅުގަނޑުމެން ކޯޅެމެއްނުންހެއްޔެވެ. ބައްޕަ އެމައްސަލަ ހައްލުކޮށްދެމެއްނުންދޯ. ކުދިން ކުރާ ކުށަށް މަޢާފުކުރުންވެސް އޮންނާނީ މައިންބަފައިންގެ އަތްމަތީގައެވެ. ޔުޝްކޮއްކޮއަށް ބަޔަކު އޮޅުވާލައިގެން ދިން އަނިޔާއެއީ ޔުޝް ވަރަށް ދެރަވި ލަދުގަތް ކަމެކެވެ. ޔުޝްކޮއްކޮ އެދެނީ މިފޮތުގައި އެވާހަކަ ބައްޕަ ގާތުގައި ބުނުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.