އަޅުގަނޑުމެން އުޅެމުން އަންނަ އަވަދިނެތިކަމުގެ ތެރެއިން ޢާއިލާއަށް ވަގުތުކޮޅެއް ދިނުން މުހިންމު: މެޑަމް ފަޒުނާ

ގެވެށި ގުޅުން ބަދަހިކުރުމަށްޓަކައި މުޖުތަމަޢުގައި ކުރާކަންކަމާއި ދޭ މެސެޖުތައް އެއްގޮތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބާރުއަޅުއްވައިފި އެވެ.

އެކަމަނާ މިކަމަށް ބާރުއަޅުއްވާފައިވަނީ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މާހައުލެއް ބިނާކުރުމަށްޓަކައި މީހުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ޔޫ.އެން.އެޕް.ޕީ.އޭ އާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ތައްޔާރުކޮށް ސިލްސިލާކޮށް ގެނެސްދެމުންދިޔަ ގެވެށި ގުޅުން “ސާސްތްރަ” ޕްރޮގްރާމްގެ އެންމެ ފަހު އެޕިސޯޑުގައި މިރޭ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

އިޝްތިހާރު Below Header ad

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މީޑިއާތަކުން ގެނެސްދޭ ބައެއް އިޝްތިހާރުތަކުން ގޭތެރޭގެ މައްސަލަތައް ފާހަގަވާގޮތަށް އިޝްތިހާރު ގެނެސްދިނުމުގެ ބަދަލުގައި ގޭތެރޭގައި މީހުން މުޢާމަލާތްކުރާ ރަނގަޅުގޮތްތަކާއި، ރަނގަޅު އާދަތައް އިޝްތިހާރުތަކުން ވެސް ދައްކައި އެއް މެސެޖެއް މުޖުތަމަޢަށް ފޯރުކޮށްދިނުމުގެ މުހިންމު ކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

ހަމަ އެއާއެކު އަޅުގަނޑުމެން އުޅެމުން އަންނަ އަވަދިނެތިކަމުގެ ތެރެއިން ޢާއިލާއަށް ވަގުތުކޮޅެއް ދިނުން މުހިންމު ކަމަށާއި އަދި އެފަދަ ވަގުތުތަކުގައި ފޯނާއި ދުރުވެ، އެކުވެރިކަމާއި އެކު ގޭތެރޭގެކަންކަން އިންތިޒާމްކޮށް ޢަމަލުތައް ހެޔޮގޮތުގައި ބަހައްޓާނަމަ މުޖުތަމަޢު ތެރޭގައި އުޅޭއިރުވެސް އެ ރީތި އާދަތައް މި ގޮތަށް ހުރުން ގާތްކަމުގައި އެކަމަނާ ވިދާޅުވި އެވެ.

ގޭތެރޭގައި އެކަކު އަނެކަކާ މުޢާމަލާތް ކުރާއިރު، ލޯތްބާއި އިޙްތިރާމާއެކީ މައިންބަފައިން ވާހަކަދެއްކުމަށް ބާރު އެޅުއްވުމަށް ވެސް އެކަމަނާ ވަނީ ބާރުއަޅުއްވާފަ އެވެ. އަދި އެކަމުން ދަރިންނަށް ރައްކާތެރިކަމާ އަމާންކަން އިހުސާސްވޭނެކަމުގައި އެކަމަނާ ފާހަގަކުރެއްވެވި އެވެ.

ހަމަ އެއާއެކު ކުދިންގެ ނުވަތަ ބޮޑެތިމީހުންގެވެސް ޢަމަލެއް ބަދަލުކުރުމަށް މަސައްކަތްކުރާއިރު ފައްސި ބަސް ބޭނުންކުރުމަށް ސަމާލުކަންދިނުމަށް އެކަމަނާ ވަނީ ބާރުއަޅުއްވާފަ އެވެ. އަދި އެކަމުގެ ސަބަބުން އެ ޢަމަލު ބަދަލުކުރަން ފަސޭހަވާނެކަމަށް އެކަމަނާގެ މެސެޖުގައި ފާހަގަކުރައްވައިފައި ވެއެވެ.

ސާސްތުރަ ޕްރޮޤްރާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ މި ސިލްސިލާތަކުން އެކަމަނާއަށް ފާހަގަވި އެއްކަމަކީ ގެވެށި އަނިޔާއިން ރައްކާތެރިވުމަށްޓަކައި، ބަދަހި ގެވެށި ގުޅުމެއް އޮތުން މުހިންމުކަމުގަ އެވެ. އެހެންކަމުން ބަދަހި ގެވެށި ގުޅުމެއް ބިނާކުރުމަށްޓަކައި، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށާއި ފިރިހެނުންނަށް އެނގުން މުހިންމުކަމުގައި އެކަމަނާ ފާހަގަކުރެއްވެވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ މީހުންނަށް އެކަމުން އަރައިގަނެވޭނެ ގޮތްތަކެއް ހޯދައިދިނުމުގެ މައްޗަށް ވަނީ އަލިއަޅޫވާލައްވާފަ އެވެ.

އެގޮތުން އެކަމަނާ ވަނީ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމުން އެކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ލިބޭނެ މަގުފަހިކޮށްދިނުން މުހިންމުކަމުގައި ފާހަގަކުރައްވާފަ އެވެ.

“މިސާލަކަށް ދަރިފުޅަށް ޚަރަދު ނުދިނުމުން ދާންވީ ކޮންތާކަށްތޯ ފުރަންވީ ކޮންފޯމެއްތޯ، ފޯމް ފުރަންވީ ކިހިނެތްތޯ ނޫންނަމަ ޖިންސީ ގޯނާ ނޫނީ ރޭޕްގެ މައްސަލައެއްނަމަ ފުލުސް އޮފީހުންނާއި، ހޮސްޕިޓަލުން ޢަމަލުކުރަން އޮންނަނީ ކިހިނެއްތޯ، މިފަދަ މަޢުލޫމާތު މީހުންނަށް އެނގި ސަޕޯޓް ސިސްޓަމް ވަރުގަދަ ކުރެވިއްޖެނަމަ އެމީހުން ބާރުވެރިވުމުގެ ފުރުޞަތު ބޮޑުވާނެކަމަށް ތަޖުރިބާކާރުން ބުނޭ. އެހެންނަމަވެސް މި ހުރިހާ ކަމަކީ މިނިސްޓްރީން އެކަނި ކުރެވޭނެކަމެއްކަމަށް ޤަބޫލުފުޅު ނުކުރެވޭ. ރަށު ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުން ވެސް މިފަދަ މަޢުލޫމާތު ފޯރުކޮށްދީ އެހީތެރިވުން މުހިންމު.” މެޑަމް ފަޒުނާ ވިދާޅުވި އެވެ.

ސާސްތްރަ ޕްރޮގްރާމަކީ ގެވެށި ގުޅުން ޤައުމީ ކެމްޕެއިންގެ ދަށުން ރާއްޖޭގައި ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ގެވެށި އަނިޔާ ‘ޑޮމެސްޓިކް ވައިލެންސް’ އާއި ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށާއި، ގެވެށި އަނިޔާ ރިޕޯޓުކޮށް މިކަމަށް ބާރުވެރިކުރުވުމަށް ގެނެސްދެމުން އައި ސިލްސިލާ ޕްރޮގްރާމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.