
ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަޅިތައް ބޭނުންކޮށްގެން ޕާކެއް ހަދަނީ
ކޮވިޑް19 ގައި މަރުވި މީހުންގެ އަޅިތައް ބޭނުންކޮށްގެން (މަރުވާ މީހުން އަންދާ) ކްރިމެޓޯރިއަމްއެއްގައި ޕާކެއް ހަދަން އިންޑިޔާގެ ބޯޕާލް ސިޓީއިން ނިންމައިފިއެވެ. ޕާކް ހެދުމަށް ނިންމާފައި ވަނީ ބޯޕާލްގައި ހުންނަ އެންމެ ބޮޑު ކްރިމެޓޯރިއަމް ކަމުގައިވާ ބަދްބަޅާ ވިޝްރަމް ގާޓްގައި ހުންނަ 12،000 އަކަފޫޓުގެ ހުސް ބިމެއްގައެވެ.
އިންޑިޔާގައި ކޮވިޑް ފެތުރުން ކޮންޓްރޯލުން ނެއްޓި ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު އެބަލީގައި މަރުވުމުން، މަރުވި މީހުންގެ ހަށިތައް އެންދުމަށް ފަހު އާއިލާއިން އަޅިތައް ނުގެންގޮސް ކްރިމެޓޯރިއަމްގައި ވަނީ ބަހައްޓާފައެވެ. ބޭރުގެ މީޑިއާއަކަށް މަޢުލޫމާތު ދެމުން ކްރިމެޓޯރިއަމް ހިންގުމާބެހޭ ކޮމިޓީގެ ސެކެޓްރީ މަމްތޭޝް ޝަރްމާ ބުނެފައި ވަނީ، 3 މަސް ތެރޭގައި ކޮވިޑް ޕްރޮޓޮކޯލާއި އެއްގޮތަށް 6000 އަށްވުރެ ގިނަ ހަށިގަނޑު އަންދާފައިވާނެ ކަމަށާއި، އާއިލާތަކުގެ ގިނަ މީހުން ކަށިކޮޅުތައް ގެންދިޔަނަމަވެސް އަޅިތައް ނުގެންގޮސް ބަހައްޓާ ކަމަށެވެ. އެގޮތުން ބޮޑު 21 ޓްރަކް ފުރޭވަރަށް އަޅި ކްރިމެޓޯރިއަމްގައި ހުރުމުން އެހުރިހާ އަޅިއެއް ކޯރަށް އަޅާލުމުން ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށް އެއަޅިތައް ބޭނުން ކޮށްގެން ޕާކެއް ހަދަން ނިންމީ ކަމަށެވެ. ޕާކް ހެދުމަށް ގަސްދުކޮށްފައި ވަނީ އަޅިއާއި ވެލި އެއްކޮށްގެންނެވެ.
ކޮވިޑްގެ ސަބަބުން އިންޑިޔާ ލޮކްޑައުން ކުރުމަށްފަހު ފިޔަވަޅުތަކަށް ލުޔެއް ދޭން ފަށާފައި ވަނީ ޖޫން މަހުގެ ތެރޭގައެވެ. ކްރެމަޓޯރިއަމްތަކުން ނެރެފައިވާ ހިސާބުތަކާއި ސަރުކާރު އިދާރާތަކުން ނެރެފައިވާ ހިސާބުތައް ދިމާ ނުވުމުގެ ސަބަބުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޔަޤީން އަދަދަކާމެދު ވަނީ ސުވާލު އުފެދިފައެވެ. އެޕްރިލްމަހުގެ ފަހު ހަފްތާގައި ބޯޕާލްއިން މަރުވި މީހުންގެ އަދަދު 41 ކަމަށް ބޯޕާލްގެ އޮފިޝަލުން ރިޕޯޓު ކުރިނަމަވެސް ކްރިމެޓޯރިއަމްގެ ޑޭޓާތަކުން ދައްކާ ގޮތުގައި 1000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް ބަލީގައި މަރުވެގެން އަންދާފައެވެ.
ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދުތައް އޮޅިފައިވާ ކަމުގެ ތުހުމަތުތައް މަދްޔަޕްރަދޭޝްގެ ސަރުކާރުން ވަނީ ދޮގުކޮށް އެސަރަހައްދުގެ ޗީފް މިނިސްޓަރ ޝިވްރާޖް ސިންގ ޗައުހާން ބުނެފައި ވަނީ، ކޮވިޑްގައި މަރުވާ މީހުންނަށް އަމަލުކުރަންވީ ގޮތުގެ ޕްރޮޓޮކޯލާއި އެއްގޮތައް އެމީހުންގެ ހަށިތައްވެސް އަންދާފައިވާނެ ކަމަށާއި، ކޮވިޑް ނޫން ބަލިތަކުގައި ވެސް މީހުން މަރުވެފައިވާ ކަމަށެވެ.
މަރުވި މީހުންގެ އަޅިތައް ބޭނުން ކޮށްގެން ޕާކެއް ހެދުމާއި ބެހޭގޮތުން ކްރިމެޓޯރިއަމް ހިންގާ ކޮމިޓީގެ ރައީސް ބުނެފައިވަނީ، މިއީ ކޮވިޑްގެ ސަބަބުން ދުނިޔެ ދޫކުރި ފަރާތްތަކުގެ ހަނދާންތައް އައުކުރުމަށް ވެސް ރަނގަޅު ގޮތެއް ކަމުގައެވެ.