ފަތުރުވެރިކަމުގެ ރަންއަހަރުގެ ރަސްމީ ލޯގޯ ބޭނުންކުރަން ރެޖިސްޓްރީވުމަށް ހުޅުވާލައިފި
ފަތުރުވެރިކަމުގެ ރަންއަހަރުގެ ރަސްމީ ލޯގޯ ބޭނުންކުރަން ރެޖިސްޓްރީވުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ 2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރު ކަމަށްވާތީ، އެއަހަރު ފާހަގަކުރުމުގެ ގޮތުން ބޭނުންކުރުމަށް ކަނޑައަޅައި، ފަރުމާކޮށްފައިވާ ފަތުރުވެރިކަމުގެ ރަންއަހަރުގެ ރަސްމީ ލޯގޯ ފުޅާދާއިރާއެއްގައި ބޭނުންކުރުމަކީ އެ މިނިސްޓްރީ އިން މަރުހަބާ ކިޔާކަމެއް ކަމަށެވެ.
މިއަހަރުގެ މާރޗް މަހު އިފްތިތާޙް ކޮށްފައިވާ މި ލޯގޯ ފަތުރުވެރިކަމުގެ އެކިއެކިކަންކަމުގަ އާއި ރާއްޖެ ޕްރޮމޯޓް ކުރުމަށް ހިލޭ ބެހުމަށް ތައްޔާރުކުރެވޭ ތަކެތީގައި ބޭނުންކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އެ ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
ނަމަވެސް ލޯގޯ ބޭނުންކުރަންވާނީ، މިކަމަށްޓަކައި އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން، ލޯގޯ ބޭނުންކުރުމުގެ ގައިޑްލައިނާއި މިންގަޑުތަކާއި އެއްގޮތަށް ކަމަށް ވަނީ ބުނެފަ އެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ލޯގޯ ބޭނުންކުރުމަށް ރަޖިސްޓަރީ ކުރުމަށް އެދިލައްވާނެ އެޕްލިކޭޝަން ފޯމް، “ފަތުރުވެރިކަމުގެ ރަން އަހަރުގެ ލޯގޯ ބޭނުންކުރުމަށް ރަޖިސްޓްރީކުރުމަށް އެދޭ ފޯމު” އަދި ލޯގޯ ބޭނުންކުރުމުގެ ގައިޑްލައިން އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
އަދި މި ލޯގޯ ވިޔަފާރި އުސޫލުން ބޭނުންކުރެވޭނީ މިކަމަށްޓަކައި އެ މިނިސްޓްރީން ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުންކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.