އިޓަލީގައި ހަވީރު ހިނގާލަން ނިކުމެ އުޅުން މަނާކޮށްފި
މުޅި ދުނިޔޭގައި ކޮވިޑް19 ކޮންޓްރޯލް ވުމެއްނެތި އަދިވެސް ފެތުރެމުންދާ ދުވަސްވަރެއްގައި އިޓަލީގައި އެންމެ މަޝްހޫރު އަދި އެންމެ މަޤުބޫލު ތަންތަން ދަނީ ފަތުރުވެރިން ގިނަވެ ފުރެމުންނެވެ. ބައެއް ހިސާބުތަކުގެ މަގުތަކާއި ކެފޭ ރެސްޓޯރެންޓްތައް ދަނީ ފަތުރުވެރިންނާއި އަދި އިޓަލީ ރައްޔިތުން ވަދެ ފުރެމުންނެވެ.
މިކަމުގެ ސަބަބުން އިޓަލީއަށް އަނެއްކާވެސް ކުރިން ދިމާވިފަދަ ކާރިސާއަކުން ރައްކާތެރި ވުމަށް ފްލޮރެންސްގެ މޭޔަރު ޑާރިއޯ ނާޑެއްލާ ވަނީ މަޝްހޫރު ބިނާތަކާއި މީހުން ގިނަވާފަދަ ތަންތާނގައި ބުރާސްފަތި ދުވަހާއި ހުކުރު ދުވަސް، އަދި ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތުގައި ހިނގާފައި އުޅުން (ހިނގާލަން ނިކުމެ އުޅުން) މަނާކޮށް ޤަރާރެއް ނެރެފައެވެ. އެގޮތުން މަޝްހޫރު 6 ތަނެއްގައި ވަނީ އެއްވެ އުޅުމާއި ހިނގާފައި އުޅުން މަނާކޮށްފައެވެ. އޭގެތެރޭގައި ރާބޯ ބާތަކާއި މަޝްހޫރު ރެސްޓޯރެންޓް އަދި ބިނާތަކާއި އެނޫންވެސް ރޭގަނޑު މީހުން އެއްވާ ބައެއް ތަންތަން ހިމެނެއެވެ.
މިޤަވާއިދާއި ޚިލާފުވާ ފަރާތްތަށް 400 ޔޫރޯއާއި 1000 ޔޫރޯއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.
ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި މިފަދަ ފިޔަވަޅެއް އެޅިނަމަވެސް އެފިޔަވަޅުތަކާއި ބައެއް ރައްޔިތުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނާގޮތުގައި އެތަންތަނަކީ އާންމުންނަށް ހިތްހަމަ ޖެއްސުމަށް ހުރި ތަންތަން ކަމަށް ވުމުން އެތަންތަނުގައި ޤަވާއިދާއި ޚިލާފަށް އުޅޭނަމަ އެތަނުން ފޮނުވާލުން އެންމެ ރަނގަޅެވެ. އެކަމަކު މިގޮތަށް އާންމުންނަށް ތަންތަން ބަންދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ފާއިތުވި އަހަރު ކޮރޯނާ ސަަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވާ އެއް ޤައުމަކީ އިޓަލީއެވެ. ކޮވިޑް ކޮންޓްރޯލް ނުކުރެވި އިޓަލީއަށް ދަތުރުކުރުން މުޅި ދުނިޔެއިން ހުއްޓާލައި، އަދި އިޓަލީގެ ބޯޑަރ ދުނިޔެއަށް ބަންދު ކުރުމަށްފަހު ފާއިތުވި އަހަރު މާރޗް 9 ގައި ވަނީ މުޅި އިޓަލީ ފުރަބަންދު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އިޓަލީގެ ފަތުރުވެރިކަމަށް ވަނީ ކުރިން ނުކުރާ ވަރުގެ ބޮޑު ނޭދެވޭ އަސަރު ކޮށްފައެވެ.