މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް 24 ގަޑި އިރު ޑެލިވަރީގެ ޚިދުމަތް ދެވޭނެ!
މި ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް 24 ގަޑި އިރު ޑެލިވަރީ ކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފި އެވެ.
އެ މިނިސްޓްރީން މިކަން ހާމަކުރީ މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ވިޔަފާރިތަކުން އަމަލުކުރަންވީ ގޮތްތައް ބަޔާންކޮށް ނެރުނު އިއުލާނެއްގަ އެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 1 ޖުލައި 2021 އިން ފެށިގެން 8 ޖުލައި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަން އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ފަތިހު 4:00 އިން ރޭގަނޑު 8:00 އާ ދެމެދުގައި ކަމަށެވެ.
އެހެންނަމަވެސް، މުދާ ވިއްކާ ތަންތަނުންނާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް ދެވިދާނެ ކަމަށާއި ޑެލިވަރީގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިޔަފާރިތަކަށް ދޫކޮށްފައިވާ ކޮންމެ ފާހެއް ވެސް ބޭނުންކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ.
އެ މިނިސްޓްރީން ބުނީ ކާފިއު ގަޑިތަކުގައި އެ ވިޔަފާރިއަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމަށްޓަކައި، ބޭރަށް ނުކުތުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިން ދޫކޮށްފައިވާ ގަވް/ކޮމްޕެނީ ފާސް ބޭނުންކުރެވިދާނެ ކަމަށެވެ.
” ކާފިއު ގަޑިތަކުގައި، ގަވް/ކޮމްޕެނީ ފާސް ނެތް ފަރާތަކުން މުހިންމު ބޭނުންތަކުގައި ކޮންމެހެން ނުކުންނަން ޖެހިއްޖެނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޯޓަލް މެދުވެރިކޮށް މިސެލޭނިއަސް ފާހެއް ނަގަންވާނެ. އަދި ކޮވިޑުގެ ހާލަތާއި ގުޅިގެން ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމާއި ގުޅިގެން، މި މިނިސްޓްރީ މެދުވެރިވެގެން ހުއްދަ ދޫކުރުން ވަނީ ހުއްޓާލާފަ.” އިކޮނޮމިކް މިނިސްޓްރީގެ އިޢުލާނުގައި ބުނެފައި ވެއެވެ.
01 ޖުލައި 2021 އިން 08 ޖުލައި 2021ގެ ނިޔަލަށް ވިޔަފާރިތަކުން ޢަމަލުކުރަންވީ ގޮތްhttps://t.co/JPRGR0NuDF
— Economy & Trade (@MoEDmv) July 1, 2021