ޚަބަރު ފީތާ

އޮޅިގެން ފޮނުވި އެތައްސަތޭކަ ޕާރުސަލް ތަކެއްގެ ސަބަބުން އެތައް ކުދިންނަކަށް ހިލޭ މާސްކު

އެމެޒޮންއަށް އޮޅިގެން އެމެރިކާގެ ނިއު ޔޯކްގައި ދިރިއުޅޭ އަންހެނަކަށް ފޮނުވި އެތައް ސަތޭކަ ޕާރުސަލްތަކުގެ ސަބަބުން އޭނާ ދިރިއުޅޭ ގޭގެ ދޮރުވެސް ނުފެންނަ ކަމަށް ބުނެފިއެވެ.

ޖިލިއަން ކެނަން ބުނެފައި ވަނީ، ޖޫން 5 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް އޭނާ އޯޑަރު ނުކުރާ އެތައް ޕާރުސަލެއް އޭނާގެ ގެއަށް އަންނަ ކަމަށެވެ. ޕާރުސަލުތައް އަންނަން ފެށުމުން އެންމެ ފުރަތަމަ އޭނާ ހީކުރީ އެއީ އޭނާގެ ބިޒްނަސް ޕާޓްނަރު އޯޑަރު ކުރި އެއްޗެއް ކަމަށާއި، ނަމަވެސް އޭނާވެސް އޯޑަރު ނުކުރާކަން އެނގުމުން މިއީ ކޮންމެސް ބަޔަކު މަކަރެއް ހެދުމަށް ނުވަތަ ޖެއްސުމެއް ކުރުމަށް ކުރާ ކަމެއް ކަމަށްވެސް ހީކުރި ކަމަށެވެ.

ޑެލިވަރީ ޓްރަކް ފުރާ ކޮންމެ ދުވަހަކު އޭނާގެ ގެއަށް ގެންނަ ޕާރުސަލް ތަކުން އޭނާގެ ގޭގެ މައިދޮރު ވެސް ނުފެންނަ ކަމަށް ޖިލިއަންގެ އަވައްޓެރިންވެސް ވަނީ ބުނެފައެވެ.

ޕާރުސަލްތައް ގެންނަން ފެށުމުން އޮންލައިން ކޮށް ވިޔަފާރި ކުރާ އެންމެ ބޮޑު އެއް ވިޔަފާރި ކަމުގައިވާ އެމެޒޮންގެ ކަސްޓަމަރ ރިލޭޝަންއަށް ގުޅާފައި ނުބައި އެޑްރެހަކަށް ޕާރުސަލްތައް ފޮނުވާފައިވާ ކަމަށް އޭނާ އެންގިއެވެ. އެހެންނަމަވެސް އެމެޒޮންއިން ބުނެފައި ވަނީ، ފޮށިތައް އޭނާގެ ގެއަށް ފޮނުވާފާއި ހުރުމުން އެއީ އޭނާގެ އެއްޗެހި ކަމަށެވެ. މިވާހަކަތައް ޖިލިއަން ވަނީ އޭނާގެ ފޭސްބުކްގައި ވެސް ހިއްސާ ކޮށްފައެވެ. އޭގެން ބައެއް ފޮށިތައް ހުޅުވާ ބެލިއިރު އޭގައި ހުރީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މާސްކު ތައްޔާރު ކުރުމަށް ބޭނުންކުރާ ސިލިކޯން ސަޕޯޓް ފެރޭމްތަކެއް ކަމަށްވެސް ބޭރުގެ ނޫހަކަށް މައުލޫމާތު ދެމުން އޭނާ ބުންޏެވެ.

ޖިލިއަންގެ ގޭގެ އެޑްރެސް ކޮންމެ ފޮށިގަނޑެއްގައި ޖަހާފައި ހުރިއިރު އޭގެން އެއްވެސް ފޮށިގަނޑެއްގައި މައްސަލައެއް ދިމާވެއްޖެނަމަ ފޮށިގަނޑު ރައްދު ކުރާނެ އެޑްރެހެއް ޖަހާފައެއް ނުވެއެވެ. އެހެންކަމުން ވެގެންއުޅޭ ގޮތެއް ހޯދުމަށް ޓްރެކިންގ ނަމްބަރުތަކާއި ބާކޯޑުތައް ވެސް ޖިލިއަން ސްކޭން ކުރިއެވެ. ޖިލިއަން ހީކުރީ ކޮންމެސް މީހަކު ޖެއްސުމެއް ކުރީ ކަމަށެވެ. ނަމަވެސް ކޮންމެ ފޮއްޓެއްގައިވެސް އެއްވައްތަރެއްގެ ސާމާނު ހުރުމުން އެއީ ޖެއްސުމަކަށް ކޮށްފައިވާ ކަމެއް ނޫންކަން އެނގުނެވެ. ޖިލިއަންއާއި އޭނާގެ ފިރިމީހާ އެތައް ފަހަރަކު އެމެޒޮންއަށް ގުޅުމުންވެސް އެމީހުންގެ ފަރާތުން އެހީތެރިކަމެއް ލިބިފައި ނުވާ ކަމަށާއި، ފޮށިގަނޑާއި ހަވާލު ވުމަށް ދެކޮޅުހެދުމުން ވެސް ފޮށިގަނޑުތައް ގެންނަނީ ކަމަށް ބުންޏެވެ.

އެންމެފަހުން ހަދާނެގޮތް ހުސްވުމުން ޖިލިއަން ކަންތައް ކުރީ ވަރަށްވެސް ހީނުކުރާނެ ފަދަ ގޮތަކަށެވެ. ނޭނގިގެން ނަމަވެސް އޭނާގެ ގެއަށް ފޮނުވާފައިވާ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މާސްކު ތައްޔާރުކުރާ ސާމާނުތަކުން މާސްކު ހެދުމަށްފަހު އޭނާ ވަނީ ކައިރީގައި ހުރި ކުޑަކުދިންގެ ހޮސްޕިޓަލަކަށް ހަދިޔާ ކޮށްފައެވެ.

Like
Like Love Haha Wow Sad Angry
5
%d bloggers like this: