ޚަބަރު ފީތާ

ޔޫރޯ 2020: (ގުރޫޕް ސީ) ޔޫކްރެއިން – އޮސްޓްރިއާ

ޔޫރޯ 2020 ގެ ގްރޫޕް ސީ ގެ އެންމެ ފަހު މެޗަށް މިރޭ ޔޫކްރޭނާއި އޮސްޓްރިއާ ނިކުންނާނެއެވެ. މި ދެޓީމު މިރޭ ބައްދަލުކުރާ މި މެޗަކީ މި ދެޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ. މި މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެގެންދާނެއެވެ.

މި ދެ ޓީމުން މިހާތަނަށް ގުރޫޕު ސްޓޭޖުގައި ދެ މެޗެއް ކުޅެފައިވާއިރު، ޔޫކްރޭން ވަނީ ފުރަތަމަ މެޗުގައި ނެދަލެންޑްސް އަތުން ބަލިވެފައެވެ. އެކަމަކު ދެވަނަ މެޗުން ނޯތު މެސެޑޯނިއާ އަތުން ޔޫކްރޭން މޮޅުވިއެވެ. އޮސްޓްރިއާއަށް ބަލާއިރު، އެޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ނޯތު މެސެޑޯނިއާ އަތުން މޮޅުވެފައެވެ. ނަމަވެސް ދެވަނަ މެޗުގައި ނެދަލެންޑްސް އަތުން ވަނީ ބަލިވެފައެވެ. އެހެން ކަމުން މިރޭގެ މި މެޗަކީ ދެ ޓީމަށް ވެސް މޮޅުވުން ވަރަށް މުހިންމު މެޗަކަށް ވާނެއެވެ.

މި ދެޓީމު ހިމެނޭ ގުރޫޕް ސީއަށް ބަލާއިރު، މި ގުރޫޕުގެ އެއްވަނާގައި ކުޅުނު ދެމެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއި އެކު އޮތީ ނެދަލެންޑްސްއެވެ. ދެވަނައިގައި އޮތް ޔޫކްރޭނާއި ތިންވަނައިގައި އޮތް އޮސްޓްރިއާއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ނޯތު މެސެޑޯނިއާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މެސެޑޯނިއާއަށް މިހާރުވަނީ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވެސް ގެއްލިފައެވެ.

ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ދެވަނަ ބުރަށް ދަތުރުކުރާއިރު، ދެވަނަ ބުރުގެ ޖާގައެއް ދެން ލިބޭނީ ކޮންމެ ގުރޫޕަކުން ވެސް ތިންވަނައަށްދާ އެންނެ ރަނގަޅު ނަތީޖާ ހޯދާ ހޯދާ ހަތަރު ޓީމަށެވެ.

ޔޫކްރެއިން އަދި އޮސްޓްރިއާގެ ތާރީޚީ ބައްދަލުވުންޔައް

ޔޫކްރެއިން އަދި އޮސްޓްރިއާގެ ބައްދަލުވުންތަކަށް ބަލާއިރު މީގެ ކުރިން މި ދެޓީމު ބައްދަލުކޮށްފައިވަނީ އެންމެ ދެ ފަހަރުއެވެ. އޭގެތެރެއިން އެއްފަހަރު އޮސްޓްރިއާ މޮޅުވިއިރު، އަނެއް މެޗުން މޮޅުވެފައިވަނީ ޔޫކްރެއިންއެވެ.

ދެޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ނަތީޖާތައް

ޔޫކްރެއިން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވެއެވެ. އެއް މެޗުން އެއްވަރުވިއިރު އެއް މެޗުން ވަނީ ބަލިވެފައެވެ.
އޮސްޓްރިއާއަށް ބަލާއިރު އެ ޓީމު އެންނެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ތިން މެޗުން ބަލިވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

ޔޫކްރެއިން އަދި އޮސްޓްރިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރުގައެވެ.

Like
Like Love Haha Wow Sad Angry
1