ޚަބަރު ފީތާ

ޔޫރޯ 2020: މިއީ ލަދުވެތި ނަތީޖާއެއް އެކަމަކު ޕޯޗުގަލް މުސްތަގުބަލު އުޖާލާ: ސަންޓޯސް

ޖަރުމަން އަތުން ތަފާތު ބޮޑުކޮށް ބަލިވުމަކީ ލަދުވެތި ނަތީޖާއެއް ކަމަށާއި އެކަމަކު ޕޯޗުގަލް ފުޓްބޯޅައިގެ މުސްތަގުބަލު އުޖާލާ ކަމަށް ރޭގެ މެޗަށް ފަހު ޕޯޗުގަލް ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.

“ގިނަ އަހަރުތަކަކަށް މަޑުކުރަން އަަހަރެން ބޭނުން. އެކަމަކު އެކަން ވާން އޮތީ ރަނގަޅު ނަތީޖާ ނެރެގެން. މިއީ އަހަރެމެންގެ ފެންވަރެއް ނޫން. މިއީ ލަދުވެތި ނަތީޖާއެއް،” 2014 ވަނަ އަހަރު ޕޯޗުގަލް ގައުމީ ޓީމާ ހަވާލުވި ސަންޓޯސް ރޭގެ މެޗަށް ފަހު ބުންޏެވެ.

ސަންޓޯސްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަންކަން ހޯދާފައެވެ. ނަަމަވެސް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން އެ ޓީމު ކެޓީ ދެވަނަ ބުރުންނެވެ. އޭގެ ފަހުން ޔޫއެފާއިން  އެންމެ ފުރަތަމަ 2019 ވަނަ އަހަރު ބޭއްވި ނޭޝަންސް ކަޕް ވަނީ ކާމިޔާބު ކޮށްފައެވެ.

މިފަހަރުގެ ޔޫރޯ ކޮލިފައިންގައި 2016 ވަނަ އަހަރު ޔޫރޯ ކާމިޔާބު ކުރި ގިނަ ކުޅުންތެރިން ހިމެނޭޭ ގޮތަށް ނެގި ސްކޮޑާއި އެކު ސަންޓޯސް ވަނީ ޔޫރޯ  ކޮލިފައިންގައި ކުޅުނު 8 މެޗުގެ ތެެރެއިން ފަސް މެޗުން މޮޅުވެފައެވެ. ނަމަވެސް މި މުބާރާތުގައި މިހާތަނަށް އެ ޓީމު ކުޅުނު ދެ މެޗުގެ ތެެރެއިން އެއްމެޗުން ވަނީ ބަލިވެފައެވެ. އެއީ ގްރޫޕް ސްޓޭޖުގައި ރޭ ޖަރުމަންއާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. ގުރޫޕް ސްޓޭޖުގައި އަދި ބާކީ އެއްމެޗު ޕޯޗުގަލްއަށް އޮތް އިރު، މި މެޗަކީ އެޓީމު މުބާރާތުގެ ދެވަނަ ބުރަށް ދިއުމާއި ނުދިއުން ބިނާވެގެންވާ ހަމަ އެކަނި މެޗެވެ. މި މެޗު އެޓީމުން ކުޅޭނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސްއާއި ދެކޮޅަށެވެ. ދެވަނަ ބުރަށް ދިއުމަށް މި މެޗުން މޮޅެއް ހޯދުން ޕޯޗުގަލްއަށް މަޖުބޫރެވެ.

ސަންޓޯސް ޕޯޗުގަލްއާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތަކީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. ސަންޓޯސްގެ އެއްބަސްވުން ހަމަވާން އަދި ބާކީ ހަތަރު އަހަރު އެބައޮތެވެ.

Like
Like Love Haha Wow Sad Angry