
ރައީސް ޔާމީން ސަރުކާރަށް ކުރި ތާއިދު މައުމޫން އަނބުރާ ގެންގޮސްފި.
ސަރުކާރަށް ކުރި ތާއިދު އަނބުރާ ގެންގޮސްފި ކަމަށާއި ދެން މިސަރުކާރަށް ތާއިދު ނުކުރައްވާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ޝީބިލްޑިންގައި ބޭއްވި އެ ފެކްޝަނުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިރޭގެ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވަން ނިންމި ނިންމެވުމުގެ ވާހަކަ ވިދާޅުނުވެ ވޭތޯ މިހާތަނަށް ވެސް ބެއްލެވި ކަމަށާއި އެހެން ނަމަވެސް އެކަން އެގޮތަށް ނުކޮށް ނުވީކަމަށެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނަށް މިހާރު ގަބޫލުކުރެވެނީ މި ހިނގާ ސަރުކާރަކީ ޕީޕީއެމްގެ ވިސްނުމާއި ޕީޕީއެމްގެ އާއްމު އުސޫލުތަކާއި ޚިލާފައް ހިނގާ ސަރުކާރެއްގެ ގޮތުގައި ކަމަށާއި އެހެނަކަމުން ސަރުކާރުން ކުރައްވަވާ ކަންކަން ކޮންމެސް ވަރަކަށް އެމަނިކުފާނުގެ ބޮލުގައިވެސް ޒިންމާ އެޅޭކަމަށެވެ.
މައުމޫން ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީމަ އެފަދަ ކަންކަމުގެ ޒިންމާ އެމަނިކުފާނުގެ ބޮލުގައި އެޅެމުން ދާތީ ގަސްދުކުރީ މިއަދުން ފެށިގެން ސަރުކާރަށް ދެމުން އައި ތާއީދު އަނބުރާ ގެންދިއުމަށްކަމަށެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނު ޕީޕީއެމް ސަރުކާރު ގެނައީ އެޕާޓީގެ މެމްބަރުންގެ ބުރަމަސައްކަތުން ވަރަށް ފޮނިއުންމީދުތަކަކާ އެކުގައި ކަމަށާއި އެހެން ނަމަވެސް އުންމީދުކުރި އެއްވެސް ކަމެއް ހާސިލް ވަމުން ނުދާކަމަށެވެ.
އަދި ކަންކަން ރަނގަޅު ކުރުމަށް މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީނާ ބައްދަލުކޮށް މައްސަލަތައް ކުރެއްވި ކަމަށާއި އެހެން ނަމަވެސް އެކަންތައް ވަނީ ނާކާމިޔާބުވެފައިކަމަށެވެ.
މިރޭގެ ރަސްމިއްޔާތު ނިންމަވާލެއްވީ ޕީޕީއެމްއަށް 5 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކޭކެއްވެސް ފެޅުމައްފަހުގައެވެ.



