ޚަބަރު ފީތާ

ވެލާ ކަހަނބު ހިމާޔަތްކުރުމުގެ މުހިންމުކަން، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުރިހަމަކޮށްދޭ!

ވެލާކަހަނބަކީ ފަރުގެ މާހައުލީ ނިޒާމު ރަގަޅަށް ފަންކްޝަން ކުރުމަށް ވަރަށް މުހިންމު ބާވަތެކެވެ. އެގޮތުން ވެލާއަކީ މޫދުވިނަ ގަނޑު “ބަލަހައްޓާ” ދެއެވެ.

އެސޮރުމެން މޫދުވިނަ ކެއުމުން، މޫދުވިނަ ގަނޑު މާބޮޑަށް ހެދުމުގެ ސަބަބުން އޮއެވަރު ބަދަލުވުމާއި މޫދުވިނައިގައި އުފެދޭ ފަންގަސް ފަދަ އެއްޗެހި އެޅުމުން ރައްކާތެރިކޮއްދެއެވެ. މޫދުވިނަ އަކީ މަސް އާލާވުމަށް ވަރަށް މުހިންމު މާހައުލެއްކަމުން، މޫދުވިނަ ރަގަޅު ހާލަތެއްގައި ބޭވުމަކީ ވަރަށް މުހިންމުކަމެކެވެ.

ކަހަނބަކީ ފަރުތަކުގައި އުފެދޭ ސްޕޮންޖް ކައި އުޅޭ ބާވަތެކެވެ. ފަރުތަކުގައި ސްޕޮންޖް މާގިނަވުމަކީ އެތަންތަނުގައި މުރަކަ އުފެދުމަށް އެޅޭ ހުރަހެކެވެ. އަދި ސްޕޮންޖު މާ ގިނަވުމުން ފަރުތަކުން ކާނާހޯދާ އެހެން ބާވަތްތަކުގެ ދިރުމަށް އުދަގޫވެއެވެ. އެހެން ކަމުން ކަހަނބު ސްޕޮންޖު ކައި، ފަރުގައި ސްޕޮންޖު އާލާވާ މިންވަރު ކޮންޓްރޯލްކޮއްފައި ހުރުމަކީ ފަރުގެ މާހައުލު ރަގަޅަށް ފަންކްޝަންކުރުމަށް ވަރަށް މުހިންމު ކަމެކެވެ.

މީގެން އިތުރުން ކަނޑުތަކުގައި ޖެލީ ފިޝްގެ އަދަދު ކޮންޓްރޯލް ކުރުމާއި ނިއުޓްރިއަންޓް ސައިކަލް ކުރުން ފަދަ މުހިންމު ރޯލުތައް ވެލާ ކަހަނބު އަދާ ކުރެއެވެ.

ވެލާ ކަހަނބަކީ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ވަރަށް މުހިންމު ބާވަތެކެވެ. 2019 ވަނަ އަހަރު ޓުއަރިޒަމް މިނިސްޓްރީން ނެރުނު ވިޒިޓަރސް ސާރވޭއިން ދައްކާ ގޮތުގައި 57 އިންސައްތަ ފަތުރުވެރިން ދިވެހިރާއްޖެ ޚިޔާރުކުރީ ކަނޑު އަޑީގެ މާހައުލު ރީތިވުމުން ނެވެ. އަދި 22 އިންސައްތަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ސްނޯކަލްކޮށް ފީނުމަށެވެ.

މިފަދަ ދަތުރުތަކުގައި ވެލާކަހަނބު ފެނުމަކީ ފަތުރުވެރިންގެ ދަތުރު އިތުރަށް ފުރިހަމަކޮށްދޭނެ ކަމަކަށްވާ އިރު، ޚާއްސަކޮށް ދުނިޔެއިން ވެލާކަހަނބު ފެންނަލެއް މަދުވެފައިވާ ދަނޑިވަޅެއްގައި މިފަދަ މަންޒަރުތައް ރާއްޖެއިން ފެނުމަކީ ފަތުރުވެރިން ރާއްޖެ އައުމަށް ޝައުގުވެރިކުރުވާނެ ކަމެކެވެ.

މީގެ އިތުރުން އަޅުގަނޑުމެން އިންސާނުން ވިސްނާލަންޖެހޭ ކަމަކީ، ދުނިޔެއަކީ ހަމައެކަނި އިންސާނުން ދިރިއުޅިމަށް ލައްވާފައިވާ ތަނެއް ނޫން ކަމާއި، އިންސާނުންގެ އިތުރުން ދުނިޔޭގައި ދިރިއުޅޭ ބާވަތްތަކަށް ވިސްނައިގެން އެފަދަ ދިރުންތަކަށް އިއާދަނުކުރެވޭ ގެއްލުން ނުދީ އެފަދަ ދިރުންތަކާއި އެކީގައި ދުނިޔޭގައި އުޅެންޖެހޭ ކަމެވެ.

މިސަބަބަށްޓަކާވެސް ވެލާކަހަނބު ހިމާޔަތްކުރުން މުހިންމެވެ.

ވެލާ ކަހަނބު ހިމާޔަތްކުރުމަށް ކުރެވިދާނެ ކަންތައްތައް

ކަނޑަށް ޕްލާސްޓިކް އަދި ކުނި އެޅުން ހުއްޓާލުން

ގޮޑުދޮށަށް ކުނި އެޅުން ހުއްޓާލާ އެތަންތަން ސާފުކޮށް ބޭއްވުން

ވެލާ ކަހަނބާއި، އެސޮރުމެންގެ ބިސްނެގުން ހުއްޓާލުން (މިއީ ޤާނޫނީ ގޮތުންވެސް މަނާކަމެއް އަދި ޖޫރިމާ ކުރެވޭ ފަދަ ކަމެއް)

ވެލާ ކަހަނބު ހިފުމުގައި ހަރަކާތްތެރިވާ ރަހުމަތްތެރިންނާއި މީހުންނަށް ވެލާ ކަހަނބު ހިމާޔަތްކުރުމުގެ މުހިންމުކަން އަންގައިދީ އެފަދަ ކަންކަމާ ދެކޮޅަށް އަޑު އުފުއްލައި ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކުރުން.

ވެލާ ކަހަނބުގެ މާހަލުތަކަށް ލިބޭ ގެއްލުމާއި ދެކޮޅަށް އަޑު އުފުއްލުން

އަނިޔާ ލިބިފައިވާ ވެލާ ކަހަނބެއް ފެނިއްޖެނަމަ ވެލާ ކަހަނބަށް ފަރުވާދޭ ތަނަކަށް ނުވަތަ އީޕީއޭއަށް އެންގުން

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ވެލާ ކަހަނބު ހިމާޔަތްކުރުމުގެ މުހިންމުކަން، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުރިހަމަކޮށްދޭ!"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.