
އެމްޓީސީސީން ބަންނަ 17 ފެރީގެ މަސައްކަތް ސީއީއޯ އާޒިމް ބައްލަވާލައްވައިފި
މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބަންނަމުން އަންނަ 17 ފެރީގެ މަސައްކަތް ކުރިއަށްދާގޮތް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފި އެވެ.
އިންޓަގްރޭޓެޑް ނެޝިނަލް ޕަބްލިކް ފެރީ ނެޓްވޯރކް ޕްރޮޖެކްޓް ގެ ދަށުން މި 17 ފެރީ ބަނުމަށް އެމްޓީސީސީން ގަލްފް ކްރާފްޓް މޯލްޑިވްސް އާ ހަވާލު ކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު އެވެ.
އެމްޓީސީސީން ބުނީ ޒަމާނީ ފެންވަރަށް ބަންނަ މި ލޯންޗު ފެރީތައް ފެރީ ކުރުމަށް މިހާރުބޭނުން ކުރަމުންދާ ލޯންޗުތަކަށް ވުރެ 3 ގުނަ ބާރަށް ދަތުރު ކުރާނެ ކަމަށެވެ. އަދި 50 މީހުންގެ ޖާގައިގެ މި ފެރީއަށް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއެކު އަރައި ފޭބޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.
އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް ޕްރޮޖެކްޓް ގެ ދަށުން އިތުރު ލޯންޗުތަކެއް ވެސް މިހަރުވަނީ އެމްޓީސީސީން ބަންނަން ފަށާފަ އެވެ.
މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެރީ ޓާރމިނަލް ތައްއެޅުމަށް އެމްޓީސީސީން ނިންމާފައިވާ އިރު، އެގޮތުން ހއ ހޯރަފުށީގައި އަޅާ ފެރީ ޓާރމިނަލްގެ ބިންގާ އެމްޓީސީސީން މިހާރުވަނީ އަޅާފަ އެވެ.
އިންޓަގްރޭޓެޑް ނެޝިނަލް ޕަބްލިކް ފެރީ ނެޓްވޯރކް ޕްރޮޖެކްޓް ގެ ދަށުން އެމްޓީސީސީގެ ފެރީގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ އަގުހެޔޮ އަދި އަވަސް ޚިދުމަތެއް ދެވިގެން ދާނެ ކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.