ޚަބަރު ފީތާ

ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ބޮޑު ގައުމެއް: މިނިސްޓަރ ޝައުނާ

ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ޤައުމަކަށްވެފައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ބޮޑު ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސައިންސް އެންޑް ޓެކްނޯލޮޖީގެ ދެވަނަ ސަމިޓުގައި ދެއްވި ތަޤްރީރުގަ އެވެ.

މިނިސްޓަރ ވިދާޅުވީ ކޮވިޑް 19 ގެ ސަބަބުން މިހާރު ހުރިހާ ޤައުމެކޭވެސް އެއްފަދައިން ދިވެހިރާއްޖޭގެ އިޤްތިޞާދަށްވެސް އަސަރުކޮށްފައިވާ ކަމަށެވެ.

“ދިވެހިރާއްޖެއަކީ އިމްޕޯޓަށާއި، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ކޯވިޑް 19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރ ބަންދުކުރުމާއި ބޭރު ޤައުމުތަކާއި ދެމެދު އޮންނަ ދަތުރުފަތުރުގެ ކަންކަމަށް ބުރޫއަރާފައި ވުމާއެކުވެސް، ކާބޯތަކެއްޗާއި އެނަރޖީ ސެކިއުރިޓީއަށް އޭގެ އަސަރު ނުކުރީ ދިވެހި ސަރުކާރު އެކަމަށް ރަނގަޅަށް ތައްޔާރުވެފައި އޮތުމުން” މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަކީ މުހިއްމު ކަމަކަށްވާތީ، ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތަކާއި، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށްގެންދާ ކަމަށެވެ. އަދި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަޕްޑޭޓެޑް އެކްޝަން ޕްލޭން ނުވަތަ ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ހިމަނާފައިވާނެ ކަމަށެވެ.

މީގެ އިތުރުން ބޭނުންވާ ވަރަށް ޓެކްނޮލޮޖިކަލް އަދި ފައިސާގެ އެހީ ލިބިއްޖެނަމަ 2030 ވަނަ އަހަރު އަންނަން ވާއިރަށް ދިވެހިރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ކަނޑައަޅާފައިވާނެ ކަމަށް ވެސް މިނިސްޓަރ ޝައުނާ ވިދާޅުވި އެވެ.

Like
Like Love Haha Wow Sad Angry

ޚިޔާލު 1 on "ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ބޮޑު ގައުމެއް: މިނިސްޓަރ ޝައުނާ"

  1. ގައުމަށް ވަފާތެރި | ޖޫން 16, 2021 at 22:14 | Reply

    އަލަށް މި އެނގުނީ ،ޝައުނާ ނުބުނި ނަމަ ނޭންގުނިސް

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.