
ޔޫރޯ 2020: (ގުރޫޕް ބީ) ފިންލެންޑް – ރަޝިއާ
ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި މިއަދު ރަޝިއާ އަދި ފިންލެންޑް ބައްދަލުކުރާ މެޗަކީ ވަރަށްް ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ. ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗަށް މިއަދު ހަވީރު ރަޝިއާ އަދި ފިންލެންޑް ނިކުންނައިރު، ރަޝިއާ ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ.
އަދި ފިންލެންޑް ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗަށް ނިިކުންނައިރު، އެޓީމު ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ވަނީ މޮޅުވެފައެވެ. އެހެން ކަމުން މިއަދުގެ މި މެޗަކީ ދެ ޓީމަށްވެސް ހުރިހާ ގޮތަކުންވެސް މުހިންމު މެޗެކެވެ. މި މެޗުން ރަޝިއާ ބަލިވެއްޖެ ނަމަ އެޓީމަށް މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވާނެވެ. ހަމަ އެގޮތަށް ފިންލެންޑް މިއަދުގެ މެޗުން މޮޅުވެއްޖެ ނަމަ އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ގާތްގަނދަކަށް ޔަގީންވެގެންދާނެއެވެ.
މި ދެޓީމު ހިމެނޭ ގުރޫޕް ބީއަށް ބަލާއިރު، މި ގުރޫޕުގެ އެއްވަނާގައި މިވަގުތު އޮތީ ބެލްޖިއަމްއެވެ. ބެލްޖިއަމްއާއި ފިންލެންޑް ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައިވާއިރު، ދެޓީމަށްވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ނަމަވެސް ބެލްޖިއަމްއަށް ގުރޫޕް ބީގެ އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގުރޫޕުގައި ދެން ހިމެނޭ ޑެންމާކް އަދި ރަޝިއާ ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. އެހެން ކަމުން މި ދެޓީމަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ޑެންމާކަށް މި ގުރޫޕުގެ ތިންވަނަ ލިބޭއިރު، ރަޝިއާ އޮތީ ގުރޫޕުގެ އެންމެ ފުލުގައެވެ.
ރަޝިއާ އަދި ފިންލެންޑުގެ ތާރީޚީ ކުރިމަތިލުންތައް
ރަޝިއާ އަދި ފިންލެންޑް މިހާތަނަށް ބައްދަލުކޮށްފައިވަނީ ފަސް ފަހަރުގައެވެ. އޭގެ ތެރެއިން ރަޝިއާ ހަތަރު ފަހަރު މޮޅުވިއިރު، ފިންލެންޑް މޮޅުވެފައިވަނީ އެންމެ ފަހަރަކުއެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2009 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައެވެ. އެފަހަރު ޔޫރޯ ކޮލިފައިންގެ ދެ ލެގުންވެސް ތަފާތު ބޮޑުކޮށް މޮޅުވެފައިވަނީ ރަޝިއާއެވެ.
ދެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާތައް
ރަޝިއާ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ ދެ މެޗުންނެވެ. ދެ މެޗުން ބަލިވިއިރު، އެއްމެޗުން ވަނީ އެއްވަރުވެފައެވެ.
ފިންލެންޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެއްމެ މެޗަކުންނެވެ. ތިންމެޗުން ބަލިވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ.
ރަޝިއާ އަދި ފިންލެންޑް ބައްދަލުކުރާ ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖޭ ގަޑިން 6 ޖަހާއިރުގައެވެ.