ޚަބަރު ފީތާ

ގެދޮރުވެރިޔާ ލޯން ސްކީމް އިފްތިތާހު ކޮށްފި، އިންޓަރެސްޓަކީ ހަ ޕަސެންޓު

ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ދޫކުރުމަށް “ގެދޮރުވެރިޔާ ލޯން” ގެ ނަމުގައި ސްކީމެއް ތައާރަފުކޮށްފި އެވެ.

މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން އިފްތިތާހު ކުރި މި ސްކީމު ގެ ދަށުން ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ނުވަތަ ގެ އިމާރާތް ކުރުމަށެވެ.

ގްރޭސް ޕީރިއަޑްގެ ގޮތުގައި 12-15 މަހުގެ މުއްދަތެއް ލިބޭއިރު، މިއީ ޑިޕޮސިޓް ދައްކަން ޖެހޭ ލޯނެއް ނޫނެވެ.

ހަތް ލައްކަ ރުފިޔާއާ ހަމައަށް ލޯން ދޫކުރުމަށް ނިންމާފައިވާ އިރު، މި ލޯން ދައްކައި ޚަލާސްކުރަން ޖެހޭނީ ދިގު މުއްދަތަކުން ނެވެ.

މި ސްކީމް އިފްތިތާހު ކުރުމަށް އޮންލައިންކޮށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އަތޮޅުތެރޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމުގައި ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ، ފަސޭހަ ގޮތުގައި ލިބެން ނެތުން ކަމަށެވެ.

“ބޭންކުތަކުން ދޫކުރާ ލޯންތަކުގެ އިންޓަރެސްޓް ވަރަށް ބޮޑު. އަތޮޅު ތެރޭގެ ގެތަކަކީ މާލެއާ އަޅާ ބަލާއިރު، ކޮމަރޝަލް ވެލިއު ކުޑަތަންތަން. އެހެންކަމުން އެ އިމާރާތް ކުރުމަށް ލިބޭ ލޯނަކީ ހަމަ އަގުގައި އަތްފޯރާ ފަށުގައި ލިބޭ ލޯނަކަށް ހަދަންޖެހޭ.” މިނިސްޓަރ އަސްލަމް ވިދާޅުވި އެވެ.

އެގޮތުން މި ލޯން ސްކީމްގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓް ކަމަށާއި އެއީ މިހާރު ދޫކުރާ ލޯންތަކުގެ އިންޓްރެސްޓަށްވުރެ ދެބައި ކުޅަ އެއްބައި ކުޑަ ރޭޓެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި މި ސްކީމްގައި އަތޮޅު ތެރޭގެ ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.

މި ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ.

Like
Like Love Haha Wow Sad Angry
13