ޚަބަރު ފީތާ

ވިޔަފާރިތަކަށް އެހީވުމަށް މޮރެޓޯރިއަމް ހަމަޖެއްސުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ވިޔަފާރިތަކަށް އެހީވުމަށް މޮރެޓޯރިއަމް ހަމަޖެއްސުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ހުށަހެޅުއްވި މިގަރާރަކީ ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ވިޔަފާރިތަކަށް އެހީތެރިވުމުގެގޮތުން ލޯނު ނަގާފައިވާ ފަރާތްތަކަށް އެހީވުމަށް ހުށަހެޅުއްވި ގަރާރެކެވެ.

އޭނާ ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއިއެކު ބައެއް ވިޔަފާރިތަކަށް އާމްދަނީ ލިބުން އެއްކޮށް ހުއްޓި، އަނެއްބައި ވިޔަފާރިތަކުގެ އާމްދަނީ ބޮޑުތަނުން ދަށަށްގޮސްފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ މުސާރަ ދިނުމާއި، ވިޔަފާރި ހިންގާ ތަންތަނުގެ ކުލި ދެއްކުންފަދަ ކަންކަމަށް ވެސް ވިޔަފާރިވެރިންނަށް ނުކުޅެދިފައިވާ ކަމަށެވެ.

މީގެ އިތުރުން މިފަދަ މޮރެޓޯރިއަމްއެއް ހަމަނުޖެހިއްޖެ ނަމަ، ވިޔަފާރިތައް ބަގުރޫޓުވުމުގެ ފުރުސަތު ވަރަށް ބޮޑުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި މީގެކުރިން ވެސް ވިޔަފާރިތަކުގެ އާމްދަނީ ހީނަރުވެގެން ގޮސްދާނެކަމަށް ބަލައި ވިޔަފާރިތަކަށް ލޯނު ދެއްކުމުގައި ލުއިދިނުމުގެ ގޮތުން މޮރެޓޯރިއަމްގެ ފުރުސަތު ފަހިކޮށްދިފައިވޭ. މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ނުލިބި ދިގު މުއްދަތަކަށް ފިޔަވަޅުތައް ދަމަހައްޓަން ޖެހިދާނެ ކަމަށް ބެލެވޭތީ މޮރެޓޯރިއަމް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ގޮވާލަން.” މުމްތާޒު ވިދާޅުވި އެވެ.

މޮރެޓޯރިއަމް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންނެވި ގޮތް:

  • އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ވިޔަފާރިތަކަކުން ނަގާފައިވާ ލޯނުތަކާއި ކްރެޑިޓް ފެސިލިޓީތަކަށް މޮރެޓޯރިއަމް ހަމަޖައްސައިދިނުން.
  • މޮރެޓޯރިއަމް ދިނުމުގައި ލޯނު ނުވަތަ ކްރެޑިޓް ފެޒިލީޓީއަށް ބަރާބަރަށް ފައިސާ ދައްކާފައިވުން އެއީ ޝަރުތެއްކަމުގައި ކަނޑަނޭޅުން.
  • މޮރެޓޯރިއަމްގެ މުއްދަތުގެ ތެރޭގައި އެއްވެސް އިންޓްރަސްޓެއް، ލޯނު ނުވަތަ ކްރެޑިޓް ފެޒިސިލީޓީއަށް ދައްކަންޖެހޭ ފައިސާގެ ތެރެއަށް އިތުރުނުވެ އެއްކޮށް މައާފުވާގޮތަށް ހަމަޖައްސައިދިނުން.

މިދިޔަ އަހަރެކޭ އެއްގޮތަށް ކުދި ވިޔަފާރިތަކުގެ ދަތިތައް ހައްލު ކުރަން ލުއި ލޯނު ދޫކުރަން ފައްޓަވާނެ ކަން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ސްޓްމިއުލަސް ލޯނު ދޫކުރަން ނިންމަވާފައިވާ ކަމަށާއި މި މަހުގެ ތެރޭގައި ލޯނުތައް ދޫކުރެވެން ފެށޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެކަމަށްޓަކައި 375 މިލިއަން ރުފިޔާގެ ފެސިލިޓީއެއް ވަނީ ހަމަޖައްސާފަ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ވިޔަފާރިތަކަށް އެހީވުމަށް މޮރެޓޯރިއަމް ހަމަޖެއްސުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.