ޚަބަރު ފީތާ

ޔޫރޯ 2020: މުބާރާތުގެ ފުރަތަ މޮޅު އިޓަލީއަށް

ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން އިޓަލީ މޮޅުވެއްޖެ އެވެ.

ރޭ އިޓަލީގެ ރޯމްގެ އޮލިމްޕިކޯ ސްޓޭޑިއަމްގައި ކުޅުނު މެޗުން ތުރުކީގެ މައްޗަށް އިޓަލީން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް އޭގައި ހިމެނޭ އިޓަލީ އާއި ތުރުކީ ބައްދަލު ކުރި މި މެޗު ފަށައިގެން މޮޅަށް ކުޅުނީ އިޓަލީންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިންމާލަން ޖެހުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެއޮވެއެވެ.

އިޓަލީން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ ފަހު ހާފުގަ އެވެ. އެޓީމުގެ ފުރަތަމަ ގޯލަކީ 53 ވަނަ މިނެޓުގައި ތުރުކީގެ މެރިހް ޑެމިރަލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި ގޯލު ބައިކޮޅަށް ވަނީ އިޓަލީގެ ޑޮމެނިކޯ ބެރާޑީ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޑެމިރަލްގެ މޭމަތީގައި ޖެހިފައެވެ.

މި ގޯލަށް ފަހު ވެސް މޮޅަށް ކުޅެމުން ދިޔައީ އިޓަލީންނެވެ. އެޓީމުގެ ދެ ވަނަ ގޯލު މެޗުގެ 66 ވަނަ މިނެޓުގައި ޗީރޯ އިމޯބިލޭ ޖެހިއިރު އިޓަލީގެ ތިންވަނަ ގޯލް އިމޯބިލޭގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ލޮރެންޒޯ އިންސީނިއޭ އެވެ.

މުބާރާތުގެ ތިން މެޗެއް މިއަދު ވެސް ކުޅޭނެއެވެ. އެގޮތުން މިއަދު ހަވީރު ރާއްޖޭގަޑިން 6 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވޭލްސް އާއި ސްވިޒަލެންޑެވެ. މިއީވެސް ގުރޫޕު އޭގެ މެޗެކެވެ. މިރޭ ދެން ކުޅެން އޮތް ދެމެޗަކީ ގުރޫޕް ބީގެ ދެމެޗެވެ. އެގޮތުން މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޑެންމާކާއި ފިންލެންޑްއެވެ. އަދި މިރޭ ދަންވަރު 12 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބެލްޖިއަމް އާއި ރަޝިއާ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ޔޫރޯ 2020: މުބާރާތުގެ ފުރަތަ މޮޅު އިޓަލީއަށް"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.