
ހޯރަފުށީ އެއަރޕޯޓްގެ މަރާމާތުގެ މަސައްކަތް އެއްކޮށް ނިމިއްޖެ: އެމްޓީސީސީ
ހއ ހޯރަފުށީ އެއަރޕޯޓްގެ މަރާމާތުގެ މަސައްކަތް އެއްކޮށް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ އެ އެއަރޕޯޓަށް ލިބުނު ގެއްލުންތައް މިމަހުގެ 8 ވަނަ ދުވަހު މުޅިން މަރާމާތުކޮށް ނިމިފައިވާ ކަމަށެވެ.
ހޯރަފުށި އެއަރޕޯޓަށް ގެއްލުން ލިބުނީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގަ އެވެ.
އެ ވިއްސާރައިގާ ހޯރަފުށީ އެއަރޕޯޓަށް އުދަ އެރުމާ ގުޅިގެން ރަންވޭއަށް ވަނީ ފަސް (ވެލި) އަރާފަ އެވެ. އަދި ޓަރމިނަލަށާއި އެތަނުގައި ބޭނުން ކުރާ ބައެއް ސާމާނުތަކަށާއި އެކޮމޮޑޭޝަން ބްލޮކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.
2020 ވަނަ އަހަރުގެ ނޮވެމްބަރު 19 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުއްވައިދެއްވި މި އެއަރޕޯޓް 198 މިލިއަން ރުފިޔާއަށް ތަރައްގީ ކުރީ ވެސް އެމްޓީސީސީން ނެވެ.
އެހެންކަމުން އެ އެއަރޕޯޓުގެ މަރާމާތުގެ ކަންކަން ބަލަހައްޓަން ޖެހެނީ އަދިވެސް އެ ކުންފުނިން ނެވެ.
ހޯރަފުށި އެއަރޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ.
ޓަރމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިންގ އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔަރ އެކްސެސް މަގަކާއި 720 މީޓަރުގެ އެއަރޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދާފައި ވެއެވެ.