ޚަބަރު ފީތާ

ޔޫރޯ 2020 – ޓީމް ޕްރޮފައިލް: ތުރުކީ

ތުރުކީ އެންމެ ފުރަތަމަ ޔޫރޯ މުބާރާތަކަށް ކޮލިފައިވީ 1996 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތަށް ތުރުކީ ކޮލިފައިވީ ނަމަވެސް އެ ޓީމު ވަނީ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. ނަމަވެސް ޖެހިގެން އައި 2000 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގެ ކުއާޓާ ފައިނަލަށް ތުރުކީ ދަތުރު ކުރިއެވެ. ދެން އެގައުމު ކޮލިފައިވި 2012 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ވެސް ސެމީ ފައިނަލަށް އެގައުމު ދަތުރު ކުރިއެވެ. ނަމަވެސް އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުން އެޓީމު ވަނީ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. ޔޫރޯގައި ތުރުކީ އަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2012 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ސެމީފައިނަލަށް ދަތުރު ކުރުމެވެ.

ކޮލިފައިވީ ގޮތް

ތުރުކީ މިފަހަރު ޔޫރޯއަށް ކޮލިފައިއިރު އެގައުމު ހިމެނުނީ ކޮލިފައިން ގުރޫޕް އެޗްގައެވެ. ތުރުކީން ޔޫރޯއަށް ކޮލިފައިވީ މި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގުރޫޕުގެ އެއްވަނަ ގައުމުގެ ގޮތުގައި ކޮލިފައިވި ފްރާންސްއާއި ތުރުކީގެ ވާދަވެރިކަން މި ގުރޫޕުގައި ބޮޑެވެ. އެގޮތުން ކޮލިފައިން ގުރޫޕުގެ އެއްވަނަ ފްރާންސްއަށް ލިބުނީ އެންމެ ދެ ޕޮއިންޓު ތަފާތުންނެވެ. ފްރާންސްއަށް 10 މެޗުން 25 ޕޮއިންޓް ލިބުނު އިރު، ތުރުކީއަށް 10 މެޗުން 23 ޕޮއިންޓް ލިބިފައިވެއެވެ. ތުރުކީ ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން 7 މެޗުން މޮޅުވިއެވެ. ދެ މެޗުން އެއްވަރުވި އިރު، ބަލިވީ އެންމެ މެޗަކުންނެވެ.

ކޯޗު

ތުރުކީގެ ކޯޗަކީ އެގައުމަސް އުފަން އުމުރުން 69 އަހަރުގެ ސެނޯލް ގިނޭސްއެވެ. ތުރުކީގެ ގިނަ ކުލަބުތަކަކަށް ކޯޗުކޮށްދީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ގިނޭސް ތުރުކީގެ ގައުމީ ޓީމާއި ހަވާލުވީ 2019 ވަނަ އަހަރުގައެވެ. ގިނޭސް ވަނީ މީގެ ކުރިން ވެސް 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާއި ހަމައަށް ތުރުކީގެ ގައުމީޓީމަށް ކޯޗުކޮށްދީފައެވެ. އެގޮތުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތިންވަނަ ތުރުކީއަށް ހޯދައިދިނުމުގެ އިތުރުން 2003 ވަނަ އަހަރު ކުޅެވުނު ފީފާ ކޮންފެޑެރޭޝަން ކަޕްގެ ތިންވަނަވެސް އެގައުމަށް ހޯދައިދީފައެވެ. މީގެ އިތުރުން ކުލަބު ލެވެލްގައިވެސް ގިނަ ކާމިޔާބީތަކެއް ގިނޭސް ވަނީ ހޯދާފައެވެ. މިފަހަރުގެ މުބާރާތަކީ އޭނާގެ ކޯޗުކަމުގައި ތުރުކީ ވާދަކުރާ ފުރަތަމަ ޔޫރޯ މުބާރާތެވެ.

ކީޕްލޭޔަރ

ބުރަކް ޔިލްމާޒް: ބުރަކް ޔިލްމާޒް އަކީ މިފަހަރުގެ ޔޫރޯގައި ވާދަކުރާ ތުރުކީގެ ޓީމުގައި ހުރި އެންމެ ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިޔާއެވެ. ޓީމުގެ ކެޕްޓަން ކަންވެސް ކުރަމުން އަންނަ ޔިމްމާޒް އަކީ ތުރުކީގެ ގިނަ ކުލަބުތަކަށް ކުޅެ ތަޖުރިބާ ލިބިފައިވާ ކުޅުންތެރިއެކެވެ. ޔިލްމާޒް ތުރުކީގެ ގައުމީޓީމާއި ގުޅުނީ 2006 ވަނަ އަހަރުގައެވެ. މިހާތަނަށް ގައުމީޓީމަށް ކުޅެދިން 67 މެޗުގައި 29 ލަނޑު ވަނީ ޖަހައިދީފައެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މި ފަހަރުގެ ޔޫރޯގައި ތުރުކީ ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ތުރުކީގެ އިތުރުން ދެން ހިމެނެނީ އިޓަލީ، ސްވިޒްލެންޑް އަދި ވޭލްސްއެވެ. ފަހަކަށް އައިސް ތުރުކީ ދައްކަމުން އަންނަ މޮޅުކުޅުމުގެ ސަބަބުން މިފަހަރުގެ ޔޫރޯގައި ރަނގަޅު ހިސާބަކަށް ތުރުކީ ދަތުރުކޮށްފާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ތުރުކީ މިފަހަރުގެ ޔޫރޯއަށް ކޮލިފައިވީވެސް ވަރުގަދަކޮށެވެ. އެގޮތުން މި ގުރޫޕަކީ ތުރުކީއަށް ރަނގަޅު ފައިޓެއް ދެވިދާނެ ގުރޫޕެއް ކަމަށް ބެލެވެއެވެ.

ގުރޫޕް ސްޓޭޖުގައި ކުޅޭ މެޗުތައް

11 ޖޫން – ތުރުކީ – އިޓަލީ

16 ޖޫން – ތުރުކީ – ވޭލްސް

20 ޖޫން – ތުރުކީ – ސްވިޒްލެންޑް

Like
Like Love Haha Wow Sad Angry
%d bloggers like this: