ޚަބަރު ފީތާ

ޔޫރޯ 2020 ޓީމް ޕްރޮފައިލް- ރަޝިއާ

ރަޝިއާ އަކީ އެންމެ ފުރަތަމަ ބޭއްވުނު ޔޫރޯ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގައުމެވެ. މީގެ ކުރިން ރަޝިއާ ވަނީ 11 ފަހަރު ޔޫރޯގައި ވާދަކޮށްފަ އެވެ. ކުރިން ސޯވިއެޓް ޔޫނިއެންގެ ގޮތުގައި އޮތް ރަޝިއާ އިން އެންމެ ފުރަތަމަ ޔޫރޯގައި ކުޅުނީ 1960 ވަނަ އަހަރު ޖަރުމަންގައި ބޭއްވުނު މުބާރާތުގައެވެ. އެ ފަހަރު އެ މުބާރާތުގެ ތަށި ނެގީ ރަޝިއާއިން ނެވެ. މިއީ ޔޫރޯގައި މިހާތަނަށް އެގައުމުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
އޭގެ ފަހުން ސޯވިއެޓް ޔޫނިއަންގެ ގޮތުގައި ރަޝިއާ އޮތްއިރު 1964 ވަނަ އަހަރާއި 1972 ވަނަ އަހަރާއި، އަދި 1988 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް އެގައުމު ދަތުރުކުރިއެވެ.

ސޯވިއެޓް ޔޫނިއަން ރޫޅި، ވަކި ދައުލަތެއްގެ ގޮތުގައި ރަޝިއާ އުފެދުނު ފަހުން އެ ގައުމު ޔޫރޯގައި ފުރަތަމަ ވާދަކުރީ ސްވިޑަންގައި 1992 ގައި އޮތް މުބާރާތުގަ އެވެ. އޭގެ ފަހުން 1996، 2004، 2008، 2012 އަދި 2016 ގެ ޔޫރޯގައި  ވެސް ކުޅުނެވެ. ނަމަވެސް 2008 ވަނަ އަހަރުގެ މުބާރާތް ފިޔަވައި ދެން ވާދަކުރި ހުރިހާ މުބާރާތެއްގެވެސް ގުރޫޕް ސްޓޭޖުން ރަޝިއާ ވަނީ ކަޓާފައެވެ.

ކޮލިފައިވި ގޮތް

މި ފަހަރުގެ ޔޫރޯގައި ރަޝިއާ ވާދަކުރީ ކޮލިފައިން ގުރޫޕް އައިގައެވެ. ކޮކިފައިންގައި ބެލްޖިއަމްއާއި އެއް ގުރޫޕެއްގައި ހިމެނުނު ރަޝިއާ މިފަހަރުގެ މުބާރާތައް ކޮލިފައިވީ ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން 8 މެޗުން މޮޅުވެ އަދި ދެ މެޗުން ބަލިވެ 24 ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ކޯޗު

ރަޝިއާ އަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު ސްޓަނިސްލާވް ޗެރްޗެސޯފް އެވެ. އުމުރުން 57 އަހަރުގެ ޗެރްޗެސޯފްގެ ކޯޗިން ކެރިއަރުގައި އޭނާ ވަނީ އޮސްޓްރިއާ، ޕޯލެންޑް އަދި ރަޝިއާގެ ރަނގަޅު ކްލަބުތަކެއްގައި މަސައްކަތްކޮށްފަ އެވެ. ރަޝިއާގެ ކޯޗުކަމާ 2016 ގައި ހަވާލުވުމުގެ ކުރިން، ޗެރްޗެސޯފް ހުރީ ޕޯލެންޑްގެ އެންމެ މަޝްހޫރު ކްލަބު ކަމަށްވާ ލެގިއާ ވޯސޯގެ ކޯޗަށެވެ. ޗެރްޗެސޯފް އަކީ މޮޅު ގޯލްކީޕަރެކެވެ. އަދި ސޯވިއެޓް ޔޫނިއަން އާއި ރަޝިއާގެ ގައުމީ ޓީމަށް ވެސް އޭނާ ކުޅުނެވެ. ޗެރްޗެސޯފް އަށް ރަޝިއާގެ ކޯޗުގެ މަގާމު ހަވާލުކުރުމާ އެކު، ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް އަމާޒުވި އެވެ. އޭގެ އެއް ސަބަބަކީ ޗެރްޗެސޯފް ކޯޗިން ކެރިއަރުގައި އެއްވެސް ކްލަބެއްގައި މާ ގިނަ ދުވަހު މަސައްކަތް ކުރެވިފައި ނެތުމެވެ. ރަޝިއާގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން، ޗެރްޗެސޯފް ކޯޗުކޮށްދިން ހުރިހާ ކްލަބެއްގައި ވެސް އޭނާ އުޅުނީ އެއް ސީޒަނަށެވެ. ނަމަވެސް، ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީ، ރަޝިއާގެ ކުޅުން ބަދަލުކޮށްލަން ޗެރްޗެސޯފް ކުރާ މަސައްކަތުގެ ސަބަބުން އޭނާ އަށް މިހާރު ތައުރީފް ވެސް ކުރެ އެވެ.

ކީޕްލޭޔަރ

އާޓެމް ޒިޔޫބާ: ރަޝިއާގެ ގައުމީ ޓީމުގެ ކެޕްޓަން އާޓެމް ޒިޔޫބާ އަކީ މި ވަގުތު ރަޝިއާ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އަދު މުހިންމު އެއް ކުޅުންތެރިޔާ އެވެ. ރަޝިއާގެ ޒެނިޓް ސެއިންޓް ޕީޓާސްބާގް އަށް 2015 އިން ފެށިގެން ކުޅެމުން އަންނަ ޒިޔޫބާ ރަޝިއާގެ ގައުމީ ޓީމަށް ފުރަތަމަ އެރީ 2011 ގަ އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ ގައުމީ ޓީމަށް 52 އަށް ވުރެ ގިނަ މެޗު ކުޅެދީ 29 ލަނޑުވެސް ޖަހައިދީފައެވެ. ރަޝިއާގެ ގައުމީ ޓީމާ އެކު ޔޫރޯގެ ދެ މުބާރާތް އޭނާ ކުޅުނެވެ.

ގުރޫޕްގައި އޮތް ފުރުސަތު

ރަޝިއާ މިފަހަރު ހިމެނެނީ ގުރޫޕް ބީގައެވެ. ގުރޫޕް ބީގައި ރަޝިއާ އަށް ދެވަނަ ބުރުގެ ޖާގައެއް ހޯދަން މާ އުނގަދުތަކަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ނުބެލެވެއެވެ.   މި ގުރޫޕްގެ ފޭވަރިޓުންނަކީ ބެލްޖިއަމް އެވެ. މި ގުރޫގައި ރަޝިއާގެ އިތުރުން ދެން ހިމެނެނީ ބެލްޖިއަމް، ފިންލެންޑް އަދި ޑެންމާކްއެވެ. ރަޝިއާއަށް ދެވަނަ ބުރަށް ދެވިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ގަބޫލްކުރެ އެވެ.

ގުރޫޕް ސްޓޭޖުގައި ކުޅޭ މެޗުތައް

12 ޖޫން – ރަޝިއާ – ބެލްޖިއަމް
16 ޖޫން – ރަޝިއާ – ފިންލެންޑް
21 ޖޫން – ރަޝިއާ – ޑެންމާކް

Like
Like Love Haha Wow Sad Angry
1