ސޫރަތު ޢަބަސަ 1

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް.

ސޫރަތް ބާވާލެއްވުނު ސަބަބު:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގުރައިޝުންގެ ބޮޑުންގެ ބަޔަކަށް ދީނަށް ގޮވާލެއްވުމުގެ މަސައްކަތް ކުރައްވަން ހުންނަވަނިކޮށް ޢަބްދުﷲ ބިން އުއްމި މަކްތޫމް[1] ވަޑައިގެން ވާހަކަ ދައްކަވަން ފެއްޓެވިއެވެ. މައްކާގެ ބޮޑުން އިސްލާމްވެއްޖެނަމަ އެބައިމީހުންގެ ފަހަތުގައި ތިބި މީހުންތައްވެސް އިސްލާމްވާނެތީވެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުންނެވީ އެކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވެ ވަޑައިގެންފައެވެ. އެހެންކަމުން، މިބޮޑުންތައް އިސްލާމްވެދާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުންނެވިއެވެ. މިގޮތަށް އެކަލޭގެފާނު މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ޢަބްދުﷲ ބިން އުއްމި މަކްތޫމް ވަޑައިގެން ވާހަކަ ދައްކަވަން ފެއްޓެވިއެވެ. އެކަލޭގެފާނު ވިދާޅުވި ކަމަށް ވެއެވެ. ކަލޭގެފާނަށް މާތް ﷲ އުގަންނަވައި ދެއްވި ތަކެތިން މިންވަރެއް އަހަންނަށްވެސް އުނގަންނަވައި ދެއްވާށެވެ. ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމު މަކްތޫމުގެ ކިބައިން މޫނު އަނބުރާ ލެއްވީއެވެ. އަދި އެކަލޭގެފާނުގެ މޫނުފުޅުމަތިން ރުޅިވެރިކަން ފާޅު ކުރެއްވިއެވެ. އެއީ ކައިރީގައި ތިބި ބޮޑުންތައް އިސްލާމްވެދާނެ ކަމުގެ އުއްމީދުގައެވެ. އެމީހުން ފަދަ ބޮޑުންތަކެއް ތިއްބާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލޯފަން ނިކަމެއްޗަކާއި ވާހަކަ ދައްކަވަން ފައްޓަވައިފިނަމަ އެބައިމީހުން ރުޅިއައިސް ނުރުހުން ވެދާނެ ކަމަށް އެކަލޭގެފާނު ބިރުފުޅުގަތެވެ. މިއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިޖްތިހާދަށް ކުރެއްވި ކަމެކެވެ. ފަހަރެއްގައިވެސް އިބްނު އުއްމު މަކްތޫމް އަކީ ލޯފަން ބޭފުޅަކަށް ވާތީވެ އެކަލޭގެފާނު ނިކަމެތިކޮށްލެއްވުމުގެ ގޮތުން ކުރެއްވި ކަމެއް ނޫނެވެ. ސަބަބަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެންމެ ބޮޑު ބޭނުންފުޅަކަށް ވާނީ އިސްލާމްދީން ފެތުރުމެވެ. އެދީނުގެ ކަންކަން އެންމެ ބޮޑަށް ގަބޫލު ކުރާ މީހަކީ އެކަލޭގެފާނުގެ އަރިހުގައި އެންމެ އަރިސް އެންމެ ލޮބުވެތިކަން ބޮޑު މީހާ އެވެ.  ކޮންމެ އަކަސް މި ޙާދިޘާ އާއި ގުޅިގެން މި ސޫރަތް ބާވާލެއްވުނެވެ.

އިޝްތިހާރު Below Header ad

)عَبَسَ وَتَوَلَّىٰ ﴿١﴾(

( عَبَسَ ) މާނައަކީ: މޫނުމަތިން ރުޅިވެރިކަން ފާޅުކުރުން.

( تَوَلَّىٰ   ) މޫނު އަނބުރާލުން.

މިތަނުގައި ޟަމީރު އިޢާދަވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ.

( أَن جَاءَهُ الْأَعْمَىٰ ﴿٢﴾   )  މިތަނުގައި (الْأَعْمَىٰ ) އޭ އޮތް ބަސްފުޅުގެ މުރާދަކީ ޢަބްދުﷲ ބިން އުއްމި މަކްތޫމްގެ ވާހަކަ.

(وَمَا يُدْرِ‌يكَ لَعَلَّهُ يَزَّكَّىٰ ﴿٣﴾)  ކަލޭގެފާނުގެ ފަރާތްޕުޅުން ދަސްކުރައްވާ ކަމެއްގެ ސަބަބުން މި ލޯފަން މީހާ އޭނާގެ ފާފަތަކުން ޠާހިރު ނުވާނެ ކަމެއް ކަލޭގެފާނަށް އެނގިވަޑައިގަންނަވަނީ ކިހިނެއްތޯ އެވެ؟

މި ލޯފަން މީހާ އަކީ ކަލޭގެފާނުގެ ދަޢްވަތު ބޮޑަށް ގަބޫލު ކުރައްވާ މީހާ ކަމަށް ވުމުން އެމީހާ އަށް އިސްކަން ދެއްވުމަކީ ކަލޭގެފާނު ކަންތައް ކުރައްވަން ޖެހޭނެ ގޮތެވެ.

(أَوْ يَذَّكَّرُ‌ فَتَنفَعَهُ الذِّكْرَ‌ىٰ ﴿٤﴾ ) މި ލޯފަން މީހާ އަށް ކަލޭގެފާނު ދެއްވާ އިރްޝާދެއްގެ ފައިދާ ލިބިގަނެ، އެކަލޭގެފާނުގެ ޢަމަލުތައް އިޞްލާޙު ކުރެއްވުން އަނެއްބައިމީހުންނަށް ވުރެ ގަތްކަން ބޮޑެވެ. (ގުރައިޝުންގެ ބޮޑުންނަށް ވުރެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވަޢްޡާއި ނަޞޭޙަތް ގަބޫލު ކުރެއްވުން ބޮޑަށް ގާތްކަން ބޮޑީ އިބްނު އުއްމު މަކްތޫމެވެ.)

(أَمَّا مَنِ اسْتَغْنَىٰ ﴿٥﴾ ) އެމީހެއްގެ އަތުގައި ހުރި ފައިސާ އެއްގެ ސަބަބުން ނުވަތަ ޖާހާއި މަންޞިބުގެ ސަބަބުން، އެކަމަށް ބޮޑާވެ، އީމާން ނުވި މީހުން،

(فَأَنتَ لَهُ تَصَدَّىٰ ﴿٦﴾) އެކަލޭގެފާނަށް އެއްޗެއް ބުނެދެއްވުމުގެ ބަދަލުގައި އެހެން މީހުންގެ ކަންތަކައިގެން ކަލޭގެފާނު މަޝްޣޫލުވެ ވަޑައިގަންނަވަނީ.

(وَمَا عَلَيْكَ أَلَّا يَزَّكَّىٰ ﴿٧﴾  ) އެބައިމީހުންނަށް ހިދާޔަތް ދެއްކެވުން އެއީ ކަލޭގެފާނު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫނެވެ. ކަލޭގެފާނުގެ މައްޗަށް ވާޖިބު ވެގެންވަނީ ހެޔޮގޮތް ބަޔާން ކޮށް ދެއްވުމެވެ.

(وَأَمَّا مَن جَاءَكَ يَسْعَىٰ ﴿٨﴾ ) ކަލޭގެފާނުގެ މަޖްލިސް އިން ލިބިވަޑައިގެންފާނެ ފައިދާ އެއް ހޯއްދެވުމުގެ ބޭނުމުގައި އަވަސް އަވަހަށް އައި މީހާ،

(وَهُوَ يَخْشَىٰ ﴿٩﴾   ) ﷲ ގެ މަތިވެރި ކަން އެނގި، އެކަލާންގެ އަށް ބިރުވެތިވީ މީހާ،

(فَأَنتَ عَنْهُ تَلَهَّىٰ ﴿١٠﴾ ) ކަންހުރީ އެގޮތަށް ކަމުގައިވީނަމަވެސް، ކަލޭގެފާނު އޭނާގެ މަތިން މަޝްޣޫލުވެ ވަޑައިގަންނަވަނީއެވެ. އޭނާ ދޫކޮށްލައްވާ އެހެންބަޔަކައިގެން މަޝްޣޫލުވެލައްވަނީއެވެ.

(كَلَّا إِنَّهَا تَذْكِرَ‌ةٌ ﴿١١﴾  )

(كَلَّا  ) އެގޮތަށް އެކަން ނުކުރައްވާށެވެ.

(إِنَّهَا  ) މާނައަކީ ކަލޭގެފާނުގެ މައްޗަށް ބާވާލެއްވުނު އާޔަތްތަކަކީ،

( تَذْكِرَ‌ةٌ ) އިންސާނާ އަށް ފައިދާ ހުރި ކަންތައް ހަނދާން ކޮށްދެއްވާ ހެޔޮ ޢަމަލު ކުރެއްވުމަށް ބާރު އެޅުއްވިއެވެ. އަދި އިންސާނާ އަށް ގެއްލުން ދެނިވި ކަންތައް ބަޔާން ކޮށް ދެއްވާ އެކަންތައް ތަކުން ދުރުހެލިވުމަށް އެންގެވިއެވެ.  ވުމާއި، އެކު މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކްރާރު ނުކުރައްވާށެވެ.

(فَمَن شَاءَ ذَكَرَ‌هُ ﴿١٢﴾  ) ބޭނުންވެއްޖެ މީހަކު މި ގުރްއާނުން ނަޞޭޙަތާއި ޢިބްރަތް ލިބިގަނެ، އެމީހެއްގެ އުޅުން އިޞްލާޙު ކުރާހުށިކަމެވެ. އަދި ގުރްއާނުގައި މިވާ އިރްޝާދުތަކުން އިރްޝާދު ލިބިގަންނާށެވެ. އަދި ބޭނުން ނުވެއްޖެ މީހަކު ނަޞޭޙަތް ލިބިނުގަނެ ހުންނާށެވެ. ސޫރަތުލް ކަހްފިގެ 29 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَقُلِ الْحَقُّ مِن رَّ‌بِّكُمْ ۖ فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ‌ ۚ) މާނައަކީ: ” އަދި ކަލޭގެފާނު ވިދާޅުވާށެވެ! (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ حق ތެދެވެ. ފަހެ، ބޭނުންމީހަކު إيمان ވާށެވެ! އަދި ބޭނުންމީހަކު كافر ވާށެވެ!”

އިންސާނުންނަށް ބޭނުންނަމަ އީމާންވާށޭ ބޭނުންނަމަ ކާފަރުވާށޭ އަންގަވާފައި އޮތްނަމަވެސް ޝަރްޢީ ގޮތުން އެންމެންވެސް އީމާންވުމަކީ ލާޒިމް ކަމެކެވެ.

(فِي صُحُفٍ مُّكَرَّ‌مَةٍ ﴿١٣﴾) މި ގުރްއާންވަނީ މަތިވެރިވެގެންވާ ފަތްފުތްތަކެއްގައި ﷲ ގެ ޙަޟްރަތުގައި ލިޔުއްވާފައެވެ.

(مَّرْ‌فُوعَةٍ مُّطَهَّرَ‌ةٍ ﴿١٤﴾) އެންމެހައި ޢައިބުތަކާއި އުނިތަކުން ސަލާމަތްވެގެންވާ މަތިވެރި ދަރަޖަ ދެއްވާފައިވާ ފޮތެކެވެ.

(بِأَيْدِي سَفَرَ‌ةٍ ﴿١٥﴾)

(سَفَرَ‌ةٍ  ) އަކީ މަލާއިކަތްބޭކަލުންނެވެ. ސަފަރާގެ ނަމުން ނަންދެވިފައިވާ ސަބަބަކީ އެބޭކަލުންނަކީ ލިޔުއްވާ ބޭކަލުން ކަމަށްވާތީވެއެވެ. މި ލަފްޡު ނެގިފައިވަނީ (ސަފަރި) ނުވަތަ (ސަފްރު) އިންނެވެ. އޭގެ މާނައަކީ ފޮތެވެ. ސޫރަތުލް ޖުމްޢާގެ 5 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (مَثَلُ الَّذِينَ حُمِّلُوا التَّوْرَ‌اةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ‌ يَحْمِلُ أَسْفَارً‌ا ۚ  ) މާނައަކީ: “توراة އަށް عمل ކުރުމަށް އަންގަވާފައިވަނިކޮށް، ދެން އެއާއެއްގޮތަށް عمل ނުކުރި މީހުންގެ مثال އަކީ، ފޮތްތަކެއް އުފުލާ حمار ގެ مثال އެވެ.”

މި ލަފްޡު ނެގިފައިވަނީ (ސަފަރާ) އިން ކަމަށްވެސް ބުނެވެއެވެ. އެއީ ﷲ އާއި އެކަލާންގެ ޚަލްގުތަކުންނާއި ދެމެދުގައިވާ ވާސިޠާ އެވެ. ސަފީރު ނެގިފައިވަނީ މިކަލިމައިންނެވެ. އޭގެ މާނައަކީ ވާސިޠާ އެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މައިމޫނާގެ ކައިވެނީގެ ވާހަކަ ބަޔާން ކުރައްވަމުން އަބޫ ރާފިޢު ވިދާޅުވެފައި ވެއެވެ. (وَكُنْتُ أَنَا السَّفِيرَ فِيمَا بَيْنَهُمَا )  މާނައަކީ: “ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މައިމޫނާ އާއި ދެމެދުގައި ސަފީރަކަށް (މެދުވެރި އަކަށް) ހުންނެވީ ތިމަންކަލޭގެފާނެވެ.” އަދި އިންސާނުންގެ ޢަމަލުތައް ލިޔުއްވުމާއި ޙަވާލުވެ ތިއްބަވާ މަލާއިކަތް ބޭކަލުން ހުރިހާ ކަމެއް ލިޔުއްވުމަށްފަހުގައި ﷲއަށް އެކަން އަންގަވައެވެ. އެބޭކަލުން އެވާހަކަތައް ލިޔުއްވާ އިރުގައިވެސް އަދި އޭގެ ކުރިންވެސް ﷲ އެކަންތައް މޮޅަށް ދެނެވޮޑިގެން ވެއެވެ.

(كِرَ‌امٍ بَرَ‌رَ‌ةٍ ﴿١٦﴾)

(كِرَ‌امٍ  ) އެބޭފުޅުންގެ އަޚްލާގުގައިވެސް އަދި ޚިލްގަތުގައިވެސް މާތްވެގެންވާ ބަޔެކެވެ. މާތް ﷲ އެބޭކަލުން ހައްދަވާފައިވަނީ އެންމެ ފުރިހަމަ ޞޫރާގައެވެ. އަދި އެބޭކަލުން ލައްވާފައިވަނީ އެންމެ ފުރިހަމަ އަޚްލާގުގެ މަތީގައެވެ.

( بَرَ‌رَ‌ةٍ ) މިއީ “ބާއްރު” މިލަފްޡުގެ ޖަމްޢު އެވެ. އެއީ އިޙްސާންތެރިކަމާއި ހެޔޮކަން ބޮޑު ފަރާތެވެ.

ސޫރަތުލް އިންފިޠާރުގެ 11 އަދި 12 ވަނަ އާޔަތުގައި މާތް ﷲ މަލާއިކަތް ބޭކަލުން ޞިފަ ކުރައްވާފައިވަނީ މިފަދައިންނެވެ.(كِرَ‌امًا كَاتِبِينَ ﴿١١﴾ يَعْلَمُونَ مَا تَفْعَلُونَ ﴿١٢﴾) “މާތް ވެގެންވާ ލިޔުއްވާ ބޭކަލުންގެ ގޮތުގައެވެ. ތިޔަބައިމީހުން ކުރާކަންތައް އެމަލާއިކަތް ބޭކަލުންނަށް އެނގިވަޑައިގަންނަވާނެއެވެ.”

ސޫރަތުލް އަޢްރާފްގެ 206 ވަނަ އާޔަތުގައި މަލާއިކަތް ބޭކަލުން ޞިފަކުރައްވާ ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الَّذِينَ عِندَ رَ‌بِّكَ لَا يَسْتَكْبِرُ‌ونَ عَنْ عِبَادَتِهِ وَيُسَبِّحُونَهُ وَلَهُ يَسْجُدُونَ ۩ ﴿٢٠٦﴾  ) މާނައަކީ: “ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައިވާ ملائكة ން، އެކަލާނގެއަށް އަޅުކަން ކުރެއްވުމަށް ބޮޑާވެއެއް ނުގަނެތެވެ. އަދި އެބޭކަލުން އެކަލާނގެއަށް تسبيح ދަންނަވަތެވެ. އަދި އެބޭކަލުން سجدة ކުރައްވަނީ އެކަލާނގެއަށެވެ.”

އިސްވެދިޔަ އާޔަތްތަކުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައި އެވަނީ ޚަލްގުތަކުން ރިވެތި އަޚްލާގުން ޞިފަލިބިގަތުމަށެވެ. އަމިއްލަ މަޞްލަޙަތަށް ވުރެ ޢާއްމު މަޞްލަޙަތު އިސްކުރުމަށެވެ. އަދި ދީނަށް ދަޢްވަތު ދިނުމުގައި މަތީފަންތީގެ މީހަކަށްވީތީވެ، ނުވަތަ ގާތް މީހަކަށްވީތީވެ ވަކި ގޮތަކަށް ނުހެދުމަށެވެ. އިސްލާމްދީނަށް ދަޢްވަތު ދިނުމުގައި ފަގީރަކަށް ފައިސާވެރިޔަކަސް، ގާތްމީހަކަސް ދުރުމީހަކަސް، ބޮޑު މީހަކަސް ކުޑަ މީހަކަސްވެސް ހަމަހަމަވެގެންވާ ކަމެވެ.

އަދިވެސް މިއާޔަތްތަކުން ފާހަގަ ކުރެވޭ އަނެއްކަމަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުޚާޠަބު ކުރެއްވުމުގައި ގެންގުޅުއްވާފައިވާ އޯގާތެރި އުސްލޫބެވެ. (عَبَسَ وَتَوَلَّىٰ ﴿١﴾ أَن جَاءَهُ الْأَعْمَىٰ ﴿٢﴾) މި އާޔަތްތަކުގައި މިވަނީ ޣައިބުގެ ޞީޣާގައެވެ. މުޚާޠަބުގެ ޞީޣާ އަކު ނޫނެވެ. އެހެނީ އެއީ ޢިޠާބުގެ ބަސްފުޅުތަކެއް ކަމަށްވާތީވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުޚާޠަބުކޮށް އެފަދަ ބަސްފުޅެއް ވަޙީ ކުރެއްވުމުން އެކަލޭގެފާނަށް އިތުރަށް ހަރުކަށިވެވޭނެތީވެއެވެ.

އަދިވެސް މިއާޔަތްތަކުން ދޭހަވާ ގޮތުގައި އިންސާނާ އަށް ލަގަބަކުން ގޮވުން އެއީ ހުއްދަކަމެކެވެ. މި އާޔަތުގައި މިވަނީ (ލޯފަންމީހާ) ގެ ލަގަބުންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ވަކި މީހަކު ވަކި ކުރުމަށް ނޭނގި، އެމީހެއްގެ ކިބައިގާ ހުރި ޢައިބު ޞިފައެއް ބުނެދީގެން މެނުވީ ކާކުކަން ވަކިކޮށްދޭން ނޭނގޭ ފަދަ ޙާލަތެއްގައި އެފަދަ ލަގަބެއް ބޭނުން ކުރެވިދާނެއެވެ. މިޘާލަކަށް ކޮރު، ލޯފަން، ބީރު އަދިވެސް މިނޫންވެސް އެހެން ލަގަބުތަކެވެ. ނަމަވެސް، އެފަދަ ލަގަބުތައް ބޭނުންކުރަނީ މީހަކު ނިކަމެތިކޮށްލަން ކަމަށް ވަނީނަމަ އެއީ ހުއްދަވެގެންވާ ގޮތެއް ނޫނެވެ.


[1]  މިކަލޭގެފާނުގެ ނަންފުޅެއް ކަމުގައި ބުނެވެއެވެ. ޢަމްރު ބިން ގައިސް ބިން ޒާއިދު އަލްގުރަޝީ. މުހާޖިރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޞަޙާބީ އެއް. އެންމެ ކުރީކޮޅުގައި އިސްލާމްވެ ވަޑައިގެންނެވި ބޭކަލެއް. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަނގުރާމަ ތަކަށް ވަޑައިގަންނަވާ ހިނދުގައި ބައެއް ފަހަރަށް މަދީނާގެ ކަންކަން ބެލެހެއްޓެވުމަށް ޙަވާލު ކުރައްވާ. ގާދިސިއްޔަ ހަނގުރާމާގައި މުސްލިމުންގެ ދިދަ އުފުއްލަވައިގެން ހުންނެވި. އަދި އެހަނގުރާމާގައި ޝަހީދުވެ ވަޑައިގެންނެވި. އެކަލޭގެފާނުގެ ނަންފުޅެއް ކަމުގައި ޢަބްދުﷲ ބިން އުއްމި މަކްތޫމްވެސް ކިޔާ އުޅޭ.

ނުނިމޭ…..

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.