ޚަބަރު ފީތާ

ޖިންސުގެ ހަމަހަމަކަން ނެތް އެއްވެސް ޕެނަލެއްގައި ބައިވެރި ނުވާނަން: މިނިސްޓަރ ޝާހިދު

ޖިންސުގެ ހަމަހަމަކަން ނެތް އެއްވެސް ޕެނަލެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތު ކާމިޔާބު ކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ޖެނެރަލް އެސަމްބްލީގައި ޒުވާނުންގެ އަޑު އިތުރުކޮށް ޒުވާނުންނަށް އޮތް ޖާގަ އިތުރުކޮށްދޭނޭ ކަމުގެ ޔަގީން ކަން މެމްބަރު ގައުމުތަކަށް ދެއްވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ އދ ގެ ނިޒާމުގެ ތެރޭގަ އާއި، އދ ގެ އެކި ގުނަވަންތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވާންޖެހޭ ކަމަށާއި މިކަންކަން ދިރުވޭނޭހެން އދ ގެ މަސައްކަތް ބައްޓަން ކުރުމާއެކު އދގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރެވޭނޭ މަގުތައްވެސް ހޯދާ ބަލަންޖެހިފައިވާ ކަމަށެވެ.

މިއަދުގެ ބޭނުންތަކަށް ޖާވާބުދާރީ ވުމަށް އދ އަކީ މިއަށްވުރެވެސް ވަރުގަދަ ތަނެއް ކަމުގައި ވާންޖެހޭ ކަމަށާއި، ދެފުއް ފެންނަ، ފުރިހަމަ އަށް މަސައްކަތް ކުރެވޭ، ނަތީޖާ ނެރެވޭ، ޒިންމާދާރު ތަނަކަށް އެ މުވައްސަސާ ވާންޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ކުރިޔަށް އޮތް ދައުރުގެ ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސްކަމަށް ވާދަކުރައްވާ ދެ ކެނޑިޑޭޓުންނާއެކު، އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޔޫއެން ހެޑްކުއާޓަރގައި ފާއިތުވި މޭމަހުގެ 7 ވަނަ ދުވަހު ބޭއްވި ކެނޑިޑޭޓުންގެ ޑައިލޮގްގައި، ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވެފައިވަނީ، އޭނާ މިމަގާމަށް ވަޑައިގަންނަވާނީ “އުއްމީދު”ގެ މެސެޖު ހިއްޕަވައިގެން ކަމުގައެވެ.

ދިވެހިރާއްޖެއިން އދގެ މެމްބަރު ޤައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

Like
Like Love Haha Wow Sad Angry