ޚަބަރު ފީތާ

ކޮވިޑުގެ ސަބަބުންވިޔަސް ގަދައަށް ރޯގާޖެހި ނޭވާއަށް އުނދަގޫވެ ކެއްސާނަމަ ކުރެވިދާނެ ފަސޭހަ ފަރުވާއެއް

މިޙިއްސާކޮށްލަނީ، ކޮވިޑުގެ ސަބަބުން ވިޔަސް، ނުވަތަ އެހެން ސަބަބަކާއި ހުރެ ކަމުގައި ވީނަމަ ވެސް، ގަދައަށް ރޯގާ ޖެހުމާއި، ކެއްސުމާއި، ކަރުގައި އަރިދަފުސް ހިފުމާއި، ނޭވާއަށް އުނދަގޫވުން ފަދަ ކަންކަމަށް، ގޭގައި ތައްޔާރުކޮށްލެވިދާނެ ދިވެހި ބޭހުގެ ފަރުވާއެކެވެ. މިއީ މިފަރުވާ ކޮށްގެން އެކި ބޭފުޅުންނަށް ލުއި ލިބެމުންދާކަމަށް ބުނަމުން އަންނަ، ދިވެހި ބޭހެކެވެ. މިދަ އުނދަގޫތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށ މިފަރުވާއިން ލުއި ލިބުމުގެ އުއްމީދުގައި މިފަރުވާ ޙިއްސާކޮށްލަނީއެވެ.

ބޭނުންވާ ތަކެތި:

1 ޖޯޑު ފެން

ލުނބޯ ފަޅިއެއްގެ ހުތް

1/2 އިންޗި އިނގުރުގެ ދިޔަ

1 ސައިސަމްސާ ހުއިސުން ޕައުޑަރ

1/2 ސައިސަމްސާ ރީނދޫ

1/2 ސައިސަމްސާ ފޮނިތޮށި (މުގުރާފަ)

1 ސައިސަމްސާ މާމުއި

1 ސައިސަމްސާ އެޕަލްސިޑަރ ވިނެގަރ

ކުޑަ ބޭކިން ސޮޑަރ ކޮޅެއް

ކުޑަ އަސޭމިރުސްކޮޅެއް (މުގުރާފަ)

ތައްޔާރު ކުރާނެ ގޮތް:

1 ޖޯޑު ފެން ކުޑަކޮށް ކަށްކާލާށެވެ. ދެން ކެކެނިކޮށް އޭގެ ތެރެއަށް އެޕަލް ސިޑަރ ވިނެގަރ އަޅާ އެއްކޮށްލާށެވެ. އެއްވުމުން ލުބޯ ހުތް ފޮދު އަޅާލާށެވެ. ދެން އިނގުރުދިޔަ ފޮދުވެސް އެއްކޮށްލާށެވެ. ދެން ރީނދޫކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ފޮނިތޮށި ޕައުޑަރުކޮޅު އަޅާ އެއްކޮށްލާނީއެވެ. ދެން އޭގެތެރެއަށް، މުގުރާފައި ހުރި އަސޭމިރުސްކޮޅު އަޅާލާށެވެ. އެއަށްފަހު ހުއިސުން ޕައުޑަރުކޮޅުވެސް އަޅާލާށެވެ. ދެން ރަނގަޅަށް އެއްކޮށްލުމަށްފަހު އޭގެ ތެރެއަށް ކުޑަ ބޭކިން ސޮޑަރ ކޮޅެއް އަޅާލާށެވެ. ރަނގަޅަށް އެއްވުމުން އުނދުން ނިއްވާލުމަށްފަހު ހިހޫވެލަންދެން ބަހައްޓާށެވެ. ދެން ހިހޫވުމުން އޭގެ ތެރެއަށް މާމުއި އެއްކޮށްލާށެވެ. ކަކްކާފައި ހުންނަ އެއްޗަކަށް މާމުއި އަޅާނަމަ ހިހޫވުމުން ނޫނީ ނާޅާށެވެ. އެހެނީ ހޫނުކޮށް ހުއްޓާ މާމުއި އަޅައިފިނަމަ މާމުއިގެ ފައިދާއެއް އެއެއްޗަކުން ނުކުރާނެއެވެ.

މިހާރު މިހުރީ މިބޭސް ތައްޔާރުކުރެވިފައެވެ.

ބޭސް ބޭނުންކުރާނެ ގޮތް:

މިބޭސް ބުއިމަށް ބޭނުން ކުރާނީ، ތައްޔާރު ކުރި ތަށިން އެއްބައި ދުވާލުގެ ވަގުތު ބުއިމަށެވެ. އަދި އަނެއްބައި ރޭގަނޑުގެ ވަގުތުގައި ބުއިމަށެވެ. މިގޮތުން 5 ދުވަހާއި 7 ދުވަހާއި ދެމެދުގެ މުއްދަތަކަށް މިބޭސް ބޭނުން ކުރާނީއެވެ.

މިބޭސް ބޭނުން ކުރެވޭނީ ކޮން ބަޔަކަށް؟:

މާބަނޑު މީހުންނާއި، 6 އަހަރުން ދަށުގެ ކުޑަކުދީން މިބޭސް ބޭނުންކުރުން އެދެވިގެން ނުވެއެވެ. ކުޑަކުދީންނަށް މިބޭސް ދޭނަމަ ބޭހަށް ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ.

މިބޭހަށް ރުޤްޔާވެސް ކިޔަވާލުން ބޮޑަށް ރަނގަޅު:

ބޭހުން އިތުރު ފައިދާ ލިބި ޝިފާ ލިބުން އަވަސްވުމަށްޓަކައި، މިބޭހަށް ޤުރުއާނުގެ ފަރުވާ އިތުރު ކުރުމުގެ ގޮތުން، ރުޤްޔާ ކިޔަވައިގެންވެސް ބޭނުން ކުރެވިދާނެއެވެ. މިގޮތުން، ސޫރަތުލް ފާތިޙާ، އާޔަތުލް ކުރުސި، ސޫރަތުލް ބަޤަރާގެ ފަހު ދެއާޔަތް، ކާފިރޫން ސޫރަތް، ސޫރަތުލް އިޚްލާޞް، ފަލަޤް ނާސް، ކިޔަވާލެވިދާނެއެވެ. 7 ފަހަރު ނުވަތަ އެނޫންވެސް އޮނަހިރި ޢަދަދަކަށް ކިޔަވާލެވިދާނެއެވެ. 1 ފަހަރު ކިޔެވިޔަސް މައްސަލައެއް ނެތެވެ. ކިޔަވާއިރު އަނގައިގެ ވައި އެޔަށް ދާގޮތަށް ކައިރި ކޮށްގެން ކިޔެވުން އެދެވިގެން ވެއެވެ. އަދި ކިޔެވުމަށްފަހު އޭގެތެރެއަށް ފުމެލަންވާނެއެވެ. (ރުޤްޔާގެ މަޢުލޫމާތު ދެއްވީ: އައްޝެއިޚް މުޙައްމަދު ޠާހާ)

މިއީ އެއްވެސް ޙާލެއްގައި ސީދާ ކޮވިޑު ބަލީގެ ފަރުވާގެ ގޮތުގައި ޙިއްސާކޮށްފައިވާ ފަރުވާއެއް ނޫނެވެ. ނަމަވެސް، ކޮވިޑުގެ ސަބަބުން ވިޔަސް، އަދި އެހެން ސަބަބަކާއިހުރެ ވިޔަސް، ގަދައަށް ރޯގާޖެހި، ކެއްސައި، ކަރުގައި އަރިދަފުސް ހިފުމާއި، ނޭވާއަށް އުނދަގޫވުމަށް ލުއި ލިބުމަށްޓަކައި ގޭގައި ފަސޭހައިން ކޮށްލެވިދާނެ ފަރުވާއެއްގެ ގޮތުން ޙިއްސާކޮށްފައިވާ ބޭހެކެވެ.

ކޮވިޑުގެ ސަބަބުން މިދެންނެވި އުނދަގޫތައްވާ އެކި މީހުނަށް، މިފަރުވާއިން ލުއި ލިބިފައިވާކަމުގައި ޙިޖާމާ ފަރުވާ ޕޭޖުގައި ހާމަކޮށްފައި ވެއެވެ.

ދާއިމީ އެކި ބައްޔަށް ބޭސް ކުރާ ފަރާތްތަކުން މިފަދަ ބޭސްތައް ބޭނުންކުރާއިރު ޑޮކްޓަރުގެ ލަފާ ހޯދާލުން މުހިއްމެވެ.

މާތް ﷲ ކޮވިޑުގެ އަދި އެންމެހާ ބަލިމަޑުކަމުން އަޅަމެން ސަލާމަތް ކުރައްވައި، ބަލިމީހުނަށް ޝިފާ ދެއްވާށިއެވެ އާމީން.

މަސްދަރު: ‘ޙިޖާމާ ފަރުވާ’ ކްލިނިކްގެ ފޭސްބުކް ޕޭޖް

Like
Like Love Haha Wow Sad Angry
51
%d bloggers like this: