ޚަބަރު ފީތާ

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 100 އަހަރުގެ މީހެއް ރާއްޖެއިން ނިޔާވެއްޖެ

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 100 އަހަރުގެ މީހެއް ރާއްޖެއިން ނިޔާވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 9:33 ހާއިރު ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި ފަރުވާ ދެމުންދިޔަ އުމުރުން 100 އަހަރުގެ މީހެއް ކަމަށެވެ. އަދި އެއީ ދިވެހި ފިރިހެނެއް  ކަމަށެވެ.

މި މަރާއެކު މިއަދުގެ މިހައިތަނަށް 2 މީހުން ވަނީ ކޮވިޑު ބަލީގައި ނިޔާވެފަ އެވެ. އަދި ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 187 އަށް އަރާފަ އެވެ.

މިއީ މި ބަލީގައި ރާއްޖެއިން މިހައިތަނަށް ނިޔާވި އެންމެ ޢުމުރުން ދުވަސްވީ މީހާ އެވެ. ރާއްޖެއިން މި ބަލީގައި އެންމެ ޅަ ޢުމުރުގައި މިހައިތަނަށް ނިޔާވެފައިވަނީ 10 އަހަރުގެ ކުއްޖެކެވެ.

މިއަދު އެންމެ ފުރަތަމަ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 86 އަހަރުގެ ދިވެހި ފިރެހެނެކެވެ. އޭނާ ނިޔާވީ ރޭ 12:19 ހާއިރުއެވެ.

ކޮވިޑް-19ގައި ރާއްޖޭގެ ޙާލަތު އެންމެ ގޯސްވީ މިދިޔަ މަހު އެވެ. މިބަލީގައި މިދިޔަ މަހު 80 އަށްވުރެ ގިނަ މީހުން ވަނީ ނިޔާވެފަ އެވެ.

ރާއްޖެއިން ކޮވިޑު ބަލީގައި މިހައިތަނަށް ނިޔާވެފައިވަނީ 170 ދިވެހިންނާއި 17 ބިދޭސީން ނެވެ.