ސޫރަތުއްނާޒިޢާތި ތަފްސީރު 5

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް. 19 އޮކްޓޯބަރު 2016އާ ގުޅޭ..

( وَأَمَّا مَنْ خَافَ مَقَامَ رَ‌بِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ﴿٤٠﴾  ) ﷲގެ މަތިވެރި ކަމާއި މެދު ބިރުވެތިވެ، ގިޔާމަތް ދުވަހު ﷲ ގެ ޙަޟްރަތުގައި ޙިސާބު ބެއްލެވުމަށް ޓަކައި ކޮޅަށް ހުންނަން ޖެހޭނެކަން ގަބޫލުކޮށްފި މީހާ، އެހެނީ ގިޔާމަތް ދުވަހުގައި ﷲ އަޅުތަކުންގެ ޙިސާބު ބައްލަވާ ހިނދުގައި އެވެރިންގެ ޢަމަލުތަކަށް އިގްރާރު ކުރައްވާނެއެވެ. އެދުވަހުގެ ކަންތައް ބަޔާން ކުރައްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ اللَّهَ عَزَّ وَجَلَّ يُدْنِي الْعَبْدَ يَوْمَ الْقِيَامَةِ , فَيَضَعُ كَنَفَهُ عَلَيْهِ فَيَسْتُرُهُ مِنَ النَّاسِ , وَيَقُولُ : أَتَعْرِفُ كَذَا وَكَذَا ؟ أَتَعْرِفُ ذَنْبَ كَذَا وَكَذَا ؟ حَتَّى إِذَا قَرَّرَهُ بِذُنُوبِهِ كُلِّهَا وَرَأَى فِي نَفْسِهِ أَنَّهُ قَدْ هَلَكَ , قَالَ : ” فَإِنِّي قَدْ سَتَرْتُهَا عَلَيْكَ فِي الدُّنْيَا وَإِنِّي أَغْفِرُهَا لَكَ الْيَوْمَ ” . قَالَ : ثُمَّ يُعْطَى كِتَابَ حَسَنَاتِهِ , قَالَ : وَأَمَّا الْكَافِرُ وَالْمُنَافِقُ : وَيَقُولُ الأَشْهَادُ هَـؤُلاءِ الَّذِينَ كَذَبُوا عَلَى رَبِّهِمْ أَلا لَعْنَةُ اللَّهِ عَلَى الظَّالِمِينَ ، سورة هود 18 .   ) މާނައަކީ: “ހަމަކަށަވަރުން ﷲ ތަޢާލާ ގިޔާމަތް ދުވަހުގައި އެކަލާންގެ އަޅާ ގާތް ކުރައްވާނެއެވެ. އަދި އެއިލާހުގެ ހިޔަނި ފުޅު އެމީހެއްގެ ގައިގާ އަޅުއްވާ އެހެން މީސްތަކުންނަށް ނުފެންނަ ގޮތް ހައްދަވާނެއެވެ. އަދި އިންސާނާ އާއި މުޚާޠަބު ކުރައްވާ ވަޙީ ކުރައްވާނެއެވެ. “މިވެނި ކަމެއް އެވެނި ކަމެއް އެނގޭ ހެއްޔެވެ؟ އެވެނި މިވެނި ފާފަ އެއް އެނގޭ ހެއްޔެވެ؟” އެހިނދު އިންސާނާ އޭނާގެ ހުރިހާ ފާފަތަކަށް އެއްބަސްވާނެއެވެ. އަދި އޭނާ ހަލާކުވެއްޖެ ކަމަށް ހީކުރާނެއެވެ. އެހިނދު މާތް ﷲ ވަޙީ ކުރައްވާނެއެވެ. “ހަމަކަށަވަރުން، ތިމަން ﷲ މިހުރިހާ ކަމެއް ތިބާ އަށް ޓަކައި ދުނިޔެމަތީގައި ފޮރުއްވާ ދެއްވީމެވެ. އަދި މިއަދު ތިބާ އަށް އެކަންތަކުގެ ފާފަ ފުއްސަވައި ދެއްވައިފީމެވެ.” އެއަށްފަހު އޭނާގެ ހެޔޮ ޢަމަލުތަކުގެ ފަތް ދެވޭނެއެވެ. އެހިނދު ކާފިރުންނާއި މުނާފިގުން ބުނާނެ ކަމަށް ސޫރަތު ހޫދުގެ 18 އަދި 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَنْ أَظْلَمُ مِمَّنِ افْتَرَ‌ىٰ عَلَى اللَّـهِ كَذِبًا ۚ أُولَـٰئِكَ يُعْرَ‌ضُونَ عَلَىٰ رَ‌بِّهِمْ وَيَقُولُ الْأَشْهَادُ هَـٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَ‌بِّهِمْ ۚ أَلَا لَعْنَةُ اللَّـهِ عَلَى الظَّالِمِينَ ﴿١٨﴾ الَّذِينَ يَصُدُّونَ عَن سَبِيلِ اللَّـهِ وَيَبْغُونَهَا عِوَجًا وَهُم بِالْآخِرَ‌ةِ هُمْ كَافِرُ‌ونَ ﴿١٩﴾   މާނައަކީ: ” اللَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް އެއުރެން ހުށަހެޅޭނެތެވެ. އަދި ހެކިން ބުނާނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ. އެއުރެންނީ اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުރާ މީހުންނެވެ. އަދި އެ މަގު ގުދުމަގަކަށްވުމަށް އެދޭ މީހުންނެވެ. އަދި އެއުރެންނީ آخرة ދުވަހަށް كافر ވެގެން ތިބޭ މީހުންނެވެ.”

( وَنَهَى النَّفْسَ عَنِ الْهَوَىٰ) އެމީހެއްގެ ނަފްސު ޝަހްވަތްތަކާއި ފާފަތަކުން މަނާކޮށްފި މީހާ.

އިޝްތިހާރު Below Header ad

ނަފްސުގެ ތިން ބާވަތެއް ވެއެވެ. މިހުރިހާ ބާވަތެއްވެސް ގުރްއާނުގައި ބަޔާން ކުރައްވާފައިވެއެވެ. އެއީ:

  1. 1. މުޠްމައިންނާ، ސޫރަތުލް ފަޖްރިގެ 27 އިން 30 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ﴿٢٧﴾ ارْ‌جِعِي إِلَىٰ رَ‌بِّكِ رَ‌اضِيَةً مَّرْ‌ضِيَّةً ﴿٢٨﴾ فَادْخُلِي فِي عِبَادِي ﴿٢٩﴾ وَادْخُلِي جَنَّتِي ﴿٣٠﴾ ) މާނައަކީ: ” އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ! ރުހިގެންހުރެ، ރުހުން ލިބިގެންވާ حال، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް އެނބުރިދާށެވެ!  ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެޔަށް ވަންނާށެވެ! އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ! “
  2. އައްމާރާ، ސޫރަތު ޔޫސުފްގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا أُبَرِّ‌ئُ نَفْسِيۚ إِنَّ النَّفْسَ لَأَمَّارَ‌ةٌ بِالسُّوءِ إِلَّا مَا رَ‌حِمَ رَ‌بِّي ۚ إِنَّ رَ‌بِّي غَفُورٌ‌ رَّ‌حِيمٌ ﴿٥٣﴾  ) މާނައަކީ: ” އަދި ތިމަންކަލޭގެފާނުގެ نفس ވެސް (ތުހުމަތުން) ބަރީއައެއް ނުކުރައްވަމެވެ. ހަމަކަށަވަރުން، نفس އަކީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ލައްވައިފިނަމަ، މެނުވީ، ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.”
  3. ލައްވާމާ، ސޫރަތުލް ގިޔާމާގެ 1 އަދި 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَا أُقْسِمُ بِيَوْمِ الْقِيَامَةِ ﴿١﴾ وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ ﴿٢﴾  ) މާނައަކީ: ” قيامة ދުވަސް ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. އަދި النفس اللّوّامة ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. (ނޯޓު: النفس اللّوّامة އަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ نفس އަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ نفس އެކެވެ.)”

(فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ﴿٤١﴾  ) އެފަދަ މީހުންގެ އެނބުރި ދިޔުން އޮތް ތަނަކީ ސުވަރުގެ އެވެ. އެސުވަރުގެ އަކީ ﷲ ގެ ނިޢްމަތްތަކުގެ ގޯއްޗެވެ. އެތަނުގައި އިންސާނުންގެ ލޮލަށް ނުފެންނަ، ކަންފަތުން އަޑު ނާހާ، ހިތަށް ތަޞައްވުރުވެސް ނުކުރެވޭ ފަދަ މަތިވެރި ނިޢްމަތްތައް ލައްވާފައިވެއެވެ.  ސޫރަތުއް ސަޖްދާގެ 17 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّ‌ةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ﴿١٧﴾  ) މާނައަކީ: “ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ. ”

ގުދްސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَعْدَدْتُ لِعِبَادِي الصَّالِحِينَ مَا لَا عَيْنٌ رَأَتْ ، وَلَا أُذُنٌ سَمِعَتْ ، وَلَا خَطَرَ عَلَى قَلْبِ بَشَرٍ فَاقْرَءُوا إِنْ شِئْتُمْ فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ سورة السجدة آية 17   ) މާނައަކީ: “ތިމަން ﷲގެ ޞާލިޙް އަޅުތަކުންނަށް ޓަކައި އެބައިމީހުންގެ ލޯތަކަށް ނުފެންނަ، ކަންފަތުން އަޑު ނާހާ، އަދި އިންސާނާގެ ހިތަށް ތަޞައްވުރުވެސް ނުކުރެވޭ ފަދަ ނިޢުމަތްތައް ތިމަން ﷲ ތައްޔާރު ކުރެއްވީމެވެ. ތިޔަބައިމީހން ސަޖިދަ ސޫރަތުގެ 17 ވަނަ އާޔަތް ކިޔަވާށެވެ. ” ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ. ”

ހެޔޮޢަމަލު ކުރާ މީހުން މަރުވުމުގެ ކުރިން މިސުވަރުގެތައް އެބައިމީހުންނަށް ފެންނާނެއެވެ. އެބައިމީހުންގެ އަޖަލުހަމަވެ، މަލާއިކަތް ބޭކަލުން އެބައިމީހުންގެ ފުރާނަ ހަށިގަނޑުން ނެރުއްވުމަށް ވަޑައިގެން ވިދާޅުވާނެއެވެ. “އޭ ހިތްހަމަ ޖެހިފައިވާ ފުރާނައެވެ. ﷲ ގެ ރުއްސެވުމާއި ދިމާލަށް ދިޔުމަށް ނިކުންނާށެވެ. އަދި އޭނާ އަށް ސުވަރުގެ ލިބޭނޭ ކަމުގެ އުފާވެރި ކަމުގެ ޚަބަރު ދެއްވޭނެއެވެ. އެހިނދު އުފަލާއި ހިތްހަމަ ޖެހުމާއި އެކު އޭނާގެ ފުރާނަ ހަށިގަނޑުގެ ތެރެއިން ނިކުމެގެންދާނެއެވެ. ސޫރަތުއް ނަޙްލުގެ 32 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (الَّذينَ تَتَوَفَّاهُمُ الْمَلَائِكَةُ طَيِّبِينَ ۙ يَقُولُونَ سَلَامٌ عَلَيْكُمُ ادْخُلُوا الْجَنَّةَ بِمَا كُنتُمْ تَعْمَلُونَ ﴿٣٢﴾   ) މާނައަކީ: “އެއުރެންނަކީ، ކުށްފާފަތަކުން طاهر ވެގެންވާ حال، ملائكة ން އެއުރެން މަރުގަންނަވާ މީހުންނެވެ. (އެ ހިނދު) އެ ملائكة ން ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން، ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ!”

ބައެއް މީހުންނަށް ދުނިޔެ އާއި ވަކިވުމުގެ ކުރިން ސުވަރުގޭގެ ވަސްފެންނަ ކަމީ ޙަގީގަތެކެވެ. އިމާމް ބުޚާރީ އާއި މުސްލިމް އަދި ތިރްމިޛީ އަނަސް ބިން މާލިކްގެ ކިބައިން ރިވާ ކުރައްވާފައިވެއެވެ. “ތިމަން ކަލޭގެފާނުގެ ބޮޑުބޭބެ އަނަސް ބިން އައްނަޟްރު- އަށް ބަދުރު ހަނގުރާމާގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިވަޑައެއް ނުގަތެވެ. އެކަމާ ބޭބޭފުޅު ވަރަށް ހިތާމަ ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. “މާތް ﷲ ގަންދީ ބުނަމެވެ. ދެން އެންމެ އަވަހަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބައިވެރިވެ ވަޑައިގަންނަވާ ހަނގުރާމަ އެއްގައި ތިމަންކަލޭގެފާނު ބައިވެރިވެ ވަޑައިގަންނަވާނަމެވެ. އަދި ތިމަންކަލޭގެފާނު ކަންތައް ކުރާ ގޮތް މާތް ﷲ ތިޔަބައިމީހުންނަށް ދައްކަވާނެތެވެ.” ވިދިގެން އައި އަހަރު އުޙުދު ހަނގުރާމާގައި ބައިވެރިވެ ވަޑައިގަތެވެ. ހަނގުރާމަ އަށް ވަޑައިގަންނަވަނިކޮށް ސަޢުދު ބިން މާލިކް އާއި ބައްދަލުވެގެން ސަޢުދު ވިދާޅުވިއެވެ. “އޭ އަބޫ ޢަމްރު އެވެ. ކޮންތަނަކަށް ހެއްޔެވެ؟” ވިދާޅުވިއެވެ. “ތިމަންކަލޭގެފާނަށް ސުވަރުގޭގެ ވަސް ދުވަން ފަށައިފިއެވެ. އުޙުދާއި ހަމައަށް ވަޑައިގަތުމުގެ ކުރިން ސުވަރުގޭގެ ވަސް އެކަލޭގެފާނުގެ ނޭފަތްފުޅުގައި ޖެހިއްޖެއެވެ. ދެން އެކަލޭގެފާނު އުޙުދުގައި ހަނގުރާމަ ކުރައްވަނިކޮށް ޝަހީދުވެ ވަޑައިގަތެވެ. އެކަލޭގެފާނުގެ ހަށިގަނޑަށް އަށްޑިހަ އެތައް އެތިފަހަރެއް އަރާފައި ހުއްޓެވެ. އެކަލޭގެފާނުގެ އެއްބަނޑު އެއްބަފާ ދައްތަ ވިދާޅުވިއެވެ. “ޒަޚަމްވެފައި އޮތްލެއް ބޮޑު ކަމުން ތިމަންކަމަނާގެ އަޚާ ވަކި ކުރަން އެނގުނީ އެކަލޭގެފާނުގެ އިނގިލިތަކުންނެވެ.”

 

(يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْ‌سَاهَا ﴿٤٢﴾ ) މީސްތަކުން ކަލޭގެފާނާއި ސުވާލު ކުރާނެތެވެ.  ސޫރަތުލް އަޙްޒާބްގެ 63 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَسْأَلُكَ النَّاسُ عَنِ السَّاعَةِ ۖ قُلْ إِنَّمَا عِلْمُهَا عِندَ اللَّـهِ ۚ وَمَا يُدْرِ‌يكَ لَعَلَّ السَّاعَةَ تَكُونُ قَرِ‌يبًا ﴿٦٣﴾ ) މާނައަކީ: ” قيامة ވުމުގެ ވަގުތާމެދު މީސްތަކުން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ علم ވާކަން ކަށަވަރީ، اللَّه ގެ حضرة ގައެވެ. އަދި ކަލޭގެފާނަށް އެކަން އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ قيامة ވުމުގެ ވަގުތު ވަރަށް ގާތްވެފައިވެސް އޮވެދާނެތެވެ. ”

( مُرْ‌سَاهَا  ) އެކަން ވާނީ ކޮން އިރަކުންތޯ؟  މީސްތަކުން ގިޔާމަތް ވަނީ ކޮން އިރަކުންތޯ ސުވާލު ކުރުމުގައި ދެބަޔަކަށް ބެހިފައި ވެއެވެ. އެއީ:

  1. އެއީ ވުން ދުރުކަމެއް ކަމަށާއި، އެކަމަށް އެބައިމީހުން އިންކާރު ކުރާކަން ބަޔާން ކުރުމުގެ ގޮތުން ސުވާލު ކުރުން، މިއީ މުޝްރިކުންގެ ގޮތެވެ. މިކަން ބަޔާން ކުރައްވާ ސޫރަތުއް ޝޫރާގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَسْتَعْجِلُ بِهَا الَّذِينَ لَا يُؤْمِنُونَ بِهَاۖ وَالَّذِينَ آمَنُوا مُشْفِقُونَ مِنْهَا وَيَعْلَمُونَ أَنَّهَا الْحَقُّ ۗ أَلَا إِنَّ الَّذِينَ يُمَارُ‌ونَ فِي السَّاعَةِ لَفِي ضَلَالٍ بَعِيدٍ ﴿١٨﴾  ) މާނައަކީ: ” އެދުވަހަށް (އެބަހީ: قيامة ދުވަހަށް) إيمان ނުވާމީހުން އެދުވަސް އަވަހަށް އައުމަށް އެދޭނެތެވެ. އަދި إيمان ވިމީހުން އެދުވަހަށް ބިރުވެތިވާނެތެވެ. އެދުވަހަކީ، ހަމަކަށަވަރުން، حق ގޮތުގައި އަންނާނޭ ދުވަހެއްކަން، އެއުރެން ދަނެތެވެ. ދަންނާށެވެ! ހަމަކަށަވަރުން، قيامة ދުވަހާމެދު ޖަދަލުކުރާމީހުންވަނީ، ދުރުވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.”
  2. ގިޔާމަތް ދުވަހަށް ތައްޔާރު ވުމުގެ ގޮތުން އެދުވަސް އަންނަނީ ކޮން އިރަކުންތޯ ސުވާލު ކުރާ މީހުން، މިއީ މުއިމިނުންގެ ޞިފައެވެ. އަނަސް ބިން މާލިކް- ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާ ވެގެންވެއެވެ. (أَنَّ أَعْرَابِيَّا قَالَ لِرَسُولِ اللهِ -صَلَّى اللهُ عَلَيْهِ وَسَلَّمَ-: مَتَىَ السَّاعَةُ ؟ قَالَ لَهُ رَسُولُ اللهِ -صَلَّى اللهُ عَلَيْهِ وَسَلَّمَ-: “مَا أَعْدَدْتَ لَهَا؟”قَالَ: حُبُّ اللهِ وَرَسُولِهِ.قَالَ: “أَنْتَ مَعَ مَنْ أَحْبَبْتَ) މާނައަކީ: “އަޢުރާބީންގެ މީހަކު އައިސް ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. “ގިޔާމަތް ވަނީ ކޮން އިރަކުން ތޯ އެވެ؟”، ޙަދީޘް ކުރެއްވިއެވެ. “އެކަމަށް ޓަކައި ތިބާ ތައްޔާރު ކުރީ ކޮންކަމެއްތޯ އެވެ؟” އޭނާ ދެންނެވިއެވެ. ” ﷲ އާއި ރަސޫލާ އަށް ލޯބި ކުރުމުވެ”، ޙަދީޘް ކުރެއްވިއެވެ. “ތިބާ ވަނީ ތިބާ ލޯބިވީ މީހުންނާއި އެކުގައެވެ”. އަނަސް- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. “މުސްލިމުން އީމާންވުމަށްފަހުގައި މިއަށްވުރެ ބޮޑަށް އުފާވި ކަމެއް ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ. އެކަލޭގެފާނާއި އެއްފަދައިން ޢަމަލު ނުކުރެވުނުކަމުގައިވީނަމަވެސް އަހަރުމެން އެކަލޭގެފާނު ދެކި ލޯބިވަމެވެ. އެކަލޭގެފާނާއި އެކުގައި ވުމުން އަހަރުމެންނަށް ފުދެއެވެ”.

ކޮންމެ އަކަސް ގިޔާމަތް ދުވަސް އަންނާނީ ކޮން އިރަކުންތޯ އެކި މީހުން ސުވާލު ކުރަނީ އެކި ނިޔަތުގައެވެ. ކޮންމެ ނިޔަތެއްގައި ސުވާލު ކުރިނަމަވެސް އެކަމުގެ ޢިލްމު ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ އަށެވެ. އެހެން އެއްވެސް ފަރާތަކަށް އެކަމެއް ނޭނގޭނެއެވެ. އެހެންވެ މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(فِيمَ أَنتَ مِن ذِكْرَ‌اهَا ﴿٤٣﴾   ) އެކަމުގެ ޢިލްމު ކަލޭގެފާނަށް ލިބިވޮޑިގެން ނުވެއެވެ. އެހެންކަމުން އެކަން ބަޔާން ކޮށްދެއްވުން އެއީ ކަލޭގެފާނަށް ކުރެއްވޭނެ ކަމެއް ނޫނެވެ. ވަޙީގެ މަލާއިކަތާ ޖިބްރީލް ޢަލައިހިއްސަލާމް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ގިޔާމަތް ވަނީ ކޮން އިރަކުންތޯ ސުވާލު ކުރެއްވުމުން ޖަވާބުގައި ވިދާޅުވިއެވެ. (مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ  ) މާނައަކީ: “ކަލޭގެފާނަކީ ވަޙީގެ ކަންތަކާއި ޙަވާލުވެ ވަޑައިގެން ހުންނަވާ މަލާއިކަތާ ކަމަށްވެފައި، އެކަމުގެ ޚަބަރުވަނީ ކަލޭގެފާނަށްވެސް ސިއްރު ކުރިވެފައި ކަމަށްވީތީވެ، ތިމަންކަލޭގެފާނަކަށްވެސް އެކަމުގެ ޚަބަރު ލިބިގެންނެއް ނުވެއެވެ.” މަލާއިކަތުންނާއި އިންސާނުންގެ ތެރޭގައި ތިއްބެވި އެންމެ ޝަރަފުވެރި އެންމެ މާތް ދެމަޚްލޫގުންނަށްވެސް ގިޔާމަތްވަނީ ކޮން އިރަކުކަން ނޭނގޭ އިރު އެހެން މީހަކަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟

(إِلَىٰ رَ‌بِّكَ مُنتَهَاهَا ﴿٤٤﴾  ) މާނައަކީ ގިޔާމަތުގެ ޚަބަރުތައް ވަނީ ހަމައެކަނި ﷲ އަށެވެ. އެހެން އެއްވެސް ފަރާތަކަށް އެކަމުގެ ޢިލްމު ލިބިގެން ނުވެއެވެ.

(إِنَّمَا أَنتَ مُنذِرُ‌ مَن يَخْشَاهَا ﴿٤٥﴾   )  ހަމަކަށަވަރުން ކަލޭގެފާނަކީ އެދުވަސް އަންނާނެ ކަމާއިމެދު ބިރުވެތިވާ މީހުންނަށް އެދުވަހުގެ ބިރުވެރި ކަމުގެ އިންޛާރު ދެއްވާ ބޭކަލަކީމެވެ. އަދި އެދުވަސް އަންނާނީ ކޮން އިރަކުންކަން އަންގަވައި ދެއްވާ ބޭކަލެއް ކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވައެވެ.  ގިޔާމަތް ދުވަސް އަންނާނެ ކަމާއި މެދުގައި އިންކާރު ކުރާ މީހުންނަށް ކަލޭގެފާނުގެ އިންޛާރަކުން ފައިދާ އެއް ނުކުރާނެއެވެ. ސޫރަތު ޔޫނުސްގެ 101 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا تُغْنِي الْآيَاتُ وَالنُّذُرُ‌ عَن قَوْمٍ لَّا يُؤْمِنُونَ ﴿١٠١﴾   ) މާނައަކީ: “އަދި إيمان ނުވާ ބަޔަކަށް آية ތަކުންނާއި، إنذار ކުރައްވާ رسول ންގެ ކިބަޔަކުން ކަމެއް ފުއްދައެއް ނުދެވޭނެތެވެ. ”

އެހެންވީމާ، މަރުވާނެ ދުވަހާއި މަރުވާނެ ތަނާއި މިކަންތައްތަކަކީ ކަނޑައެޅި ފައިވާ ކަންތައްތަކެވެ. އެކަމާއި މެދުގައި ސުވާލުކޮށް ހެދުމަކީ ބޭނުން ހުރި ކަމެއް ނޫނެވެ. ސުވާލު ކުރިނަމަވެސް ނުވަތަ ނުކުރިނަމަވެސް އެކަން ވުމަށް ކަނޑައެޅިފައިވާ ވަގުތު ޖެހުމުން ވާނެއެވެ.

(كَأَنَّهُمْ يَوْمَ يَرَ‌وْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا ﴿٤٦﴾  ) ކާފިރުވީ މީހުންނަށް މަރު އައިސް ބައްދަލު ކުރާ ހިނދު، އެބައިމީހުން ކުޑަވަގުތު ކޮޅަކު މެނުވީ ދުނިޔޭގައި އުޅެފައި ނުވާ ފަދައެވެ.  އެއް ދުވަހެއްގެ ރޭގަނޑުގެ ވަގުތެއްގައި ނުވަތަ ޟުޙާ ނަމާދުގެ ވަގުތުގައި މެނުވީ ދުނިޔޭގައި އުޅެފައި ނުވާ ފަދަ އެވެ.

ކޮންމެ އަކަސް ކޮންމެ ވަގުތެއްގައިވެސް މަރު އައިސް ބައްދަލުކޮށްފާނެ ކަމާއި މެދުގައި ތިބެން ޖެހޭނީ ތައްޔާރު ވެގެންނެވެ. ދުނިޔޭގެ ދުވަސްތައް ފާއިތުވަމުން ދަނީ ކިހިނަކުން ކަމެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ކޮންމެ މީހަކަށް ވެސް އިޙްސާސް ކުރެވެނީ ދާދި ކުޑަ ވަގުތުކޮޅެއްގައި މެނުވީ ދުނިޔޭގައި އުޅެފައި ނުވާ ކަމަށެވެ. އަޅަމެންގެ ނިމުން ބާއްޖެވެރި ކުރައްވާށި. އަދި ނަރަކައިގެ ޢަޛާބުން ސަލާމަތްވެ، ސުވަރުގޭގެ ދާއިމީ ނިޢްމަތް ލިބިގެންވާ ބަޔަކު ކަމުގައި އަޅަމެން ލައްވާށި. އާމީން.

ނިމުނީ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.