ކުރު ވާހަކަ “ޔަލީނާ” (1)

ފަތިހުގެ ތެއްފިނިކަން މުޅިޖައްވުގައިވަނީ ހިފާލާފައެވެ. ރޭއިރާކޮޅުވެހެން ފެށިވާރޭ ހުއްޓާލީ ފަތިސް ނަމާދަށް ވެސްގޮވި ފަހުންނެވެ. މާލޭގެ މަގުތަކުގައި ހެދިފައި އޮތް ފެންކޯރުތައް ހިނދެން ވަގުތު ނަގާނެވެ. އަސްކަނިތަކުން ފައިބާ ފެނުން ވާރޭ ނުވެހުނަސް ނުތެމި ސަލާމަތްވާނީ ވަރަށް ހުޝިޔާރު މީހަކަށެވެ. ދެކަނިދޭތެރެއިން ނުތެމިދުވަން އަހަރެން ދަސްކުރީ ކުޑައިރުއެވެ. މިހާރު އެހެން ދުވެވޭނީ ކިހިނެތް ހެއްޔެވެ. އޭރު ވާރޭ ވެހެން ފަށާއިރަށް އަހަރުމެން މަގުތަކުގައި ފިކުރެއްނެތި ދުވެހެދީ މިނިވަން ކަމާއެކުގައެވެ. އެހެންނަމަވެސް މިޒަމާނުގައި ދަރިއަކު ވާރެއާ ތެމެން ކީއްކުރަން ހެއްޔެވެ، ކޮންމެ ހެން ދާންޖެހޭ ތާކަށް ފޮނުވަންވެސް އަހަރެން ބިރުގަނެއެވެ.

ސަލާމަތުން ގެޔަށް އާދެވޭނެ ކަމުގެ ޔަގީންކަމެއްނޯވެއެވެ. އަނެއްކޮޅުން އަހަރެންގެ އެއްވަރު އެއްވަރުގެ ލޯބިލޯބި ހަތަރު އަންހެންދަރިން ބަލަހައްޓަމުންމިދަނީ ނުލާހިކު ފަރުވާތެރިކަމާއެކުގައެވެ. ބޭނުންވާހާ ކަމެއް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމް އަހަރެން ހަމަޖައްސައިދީފައި ހުންނާނެއެވެ. އެކުދިން ބޭރުތެރެއަށް ނިކުމެ އުޅެންޖެހޭނެ މާކަ ބޮޑުބޭނުމެއްވެސް ނޯންނާނެއެވެ. ކުދިންނަކީ އަހަރެންގެ ފުރާނައެވެ. ދިރިހުރުމެވެ. އަހަރެންގެ އުފަލަކީ އަދި ހިތްހަމަ ޖެހުމަކީވެސް ހަމަ އެހަތަރު ކުދިންނެވެ.

އިޝްތިހާރު Below Header ad

ޖެހިލި ވައިރޯޅިއަކާއެކު ކައިރީގައި ހުރިގޭގެ ކުންނާރު ގަސްހަލުވާލައި އަހަރެން ތެންމާލައިފިއެވެ. ކުޑަކޮށް ހިނިއައިސްފައި އަހަންނަށް ގަހަށް ބަލާލެވުނެވެ. ގަސްވެސް ސަމާސާކޮށްލިހެން ހީވިއެވެ. އެއީ ޖީޒާކޮށްއުޅުން ޒާތުގެ ސަމާސާއެކެވެ. އެކުގައި ހިގާލަންދާއިރު އަތްފޯރާފަށުގައި ހުންނަ ގަހެއްވިއްޔާ އަހަރެން ގަޔަށް އެގަހަކުން ފެންބުރުވާލާނެއެވެ. އަހަރެން ވަގުތުން ނުރުހޭ ކަމަށް ހަދާލަމެވެ. އެކަހަލަ ވަގުތަކު ޖީޒާ އެޖަހާލާ ހިނިގަނޑު ގަނޑަކީ މިހިތަށް ކިހާ އުފަލެއްގެނެސްދޭ ކަމެއްހެއްޔެެވެ. އެކުގައި ހޭދަ ކޮށްލަންލިބުނު މަދު ދުވަސްކޮޅު ގައިވެސް ދޫކޮށްފައި ދިޔައީ ހާދަބައިވަރު ހަނދާން ތަކެކެވެ.

ޚިޔާލުގައި ހިނގަމުން އަހަންނަށް ގެޔާހަމައަށް އާދެވުނު އިރު ހަމަ ރަގަޅަށްވެސް ތެމިއްޖެއެވެ. ގައިން ފެންފޮޅަމުން ގޭގެ މައިދޮރުން އެތެރެއަށް ވަދެ ލިފްޓުން މައްޗައް އެރީމެވެ. ހަމަ ކޮންމެ ދުވަހެކޭ އެއްގޮތަށް އަހަރެން ގެއަށް ވަންނަން ވާއިރު ހުންނާނީ އަހަރުމެން އުޅޭ ފްލޯގެ މައިދޮރު ހުޅުވާލާފައެވެ. މުޅިގޭތެރެއިންދުވާނީ ތާޒާ ކޮފީވަހެވެ. ހިތްފުރި އަރާނެއެވެ. އެތައްދުވަހަކު އަހަރެން ހިތައް އަރައެވެ. ޖީޒާއަށް މިމަންޒަރު ބަލަން ހުރެވުނު ނަމައެވެ. ޖީޒާގެ ދަރިފުޅުގެ މުރާލިކަމާ ހީވާގިކަމަށް ތައުރީކޮށްކޮށް ލޮލުން އެތައް ކަރުނައެއްބޭލީހެވެ. ގޭތެރޭގެ ތަރުތީބުކަމާ އެއްވަރަށް އަހަރެންގެ ވިޔަފާރީގެ ކަންކަމުގައިވެސް އަހަރެންގެ ޔަލީނާ އެހީތެރިވެދީހަދަނީކީ މަދެއްކޮށެއްނޫނެވެ.

“ދަރިފުޅު ކޮފީ ބޮއެނިންމީތަ”

އެންމެ ޖޯޑެއްގެ ކޮފީ ގެނެސް މޭޒުމަތީ ބެހެއްޓީމާ އަހަރެން ހައިރާންވިއެވެ. ޔަލީނާ ނިކަން ހެވިފައި ބޯހޫރާލިއެވެ. އަދި ގޮސް އައިސް އަލަމާރިން ކޮފީމަގު ނަގާފައި ދައްކާލިއެވެ. ކޮފީއާއެކު އޭގައި ވެނީލާ އައިސްކްރީމްވެސް ހުއްޓެވެ.

“މިއޮއްފިނި ދުވަހު ދަރިފުޅު އައިސްކޮފީތަބޮނީ”

“ފިނިތަ” ކުޑަކޮށް ހީލާފައި ޔަލީނާ ބުނެލިއެވެ. ތިޔަހެން ހީލުމުން ދަރިފުޅު މަންމައާއި ވަކިން ވައްތަރެވެ. އެކަމަކު އެޚިޔާލުއޮތީ ހަމަ އެކަނި އަހަރެންގެ ހިތުގައެވެ. ޔަލީނާގާތު އޮޅުމަކުންވެސް އޭނަގެ މަންމަގެ ވާހަކަ ދައްކައިފިނަމަ އެދުވަހެއްގެ ކަންތައް އެނިމުނީއެވެ. ރޮއެރޮއެ ހަލާކުވާނެއެވެ. އެހިތުގައި އަދިވެސް ތާޒާކަމާއެކު މަންމަގެ ވަކިވެ ދިޔުން ހަރުލާފައި ހުރި ފަދައެވެ. މަންމައަށް ޓަކައި ޔަލީނާ އަދި އަދަށްވެސް ހެޔޮދުޢާ ކުރުމުގައި ދެމިހުރެއެވެ. މަންމަގެ ނަމުގައި ޞަދަގާތްކޮށް ނިކަމެތިން ނަށް އެހީވެދީ ހަދައެވެ. އަހަރެންނޫޅޭވަރަށް އެކުއްޖާ ޖީޒާއާއި ހެދި އުޅޭތީ ބައެއްފަހަރު އަހަރެން އަމިއްލަ ނަފްސައްވެސް އަޑުލައި ހަދަމެވެ. ދަރިންގެ ހެޔޮދުޢާ މައިންބަފައިން ލޯމަރާލުމުން ލިބެމުން ދިއުމަކީ ކިހާބޮޑު ނިޢުމަތެއްހެއްޔެވެ.

އަހަރެން ހިތާހިތުން ޙަމްދުކޮށްލީމެވެ. އަދި ޔަލީނާގެ ބޮލުގައި އަތުން ފިރުމާލީމެވެ. ފުންކޮށް އެދެލޮލަށް ބަލާލީމެވެ. ސާފުހުދު ކުލައިގެ ބޮޑުދެ ލޮލެވެ. ހަމަ ދެންމެ އަދުންއަޅާ ފަވާލެވިފައި ހުރިހެން ހީވާކަހަލަ ކަޅިރަވައެކެވެ. އެލޯބި ހިނިތުންވުން ފުރިހަމަވެގެން ދަނީ ދެކޮލަށް އެހެރަ އެޅިލާ ފާޅުކަންބޮޑު އަޑިކޮޅުންނެވެ. ރީތި އިސްކޮޅަކާއެއްވަރުގެ ރޫފައެއް ލިބިފައި ހުއްޓަސް އެއީ އަހަރެންގެ އެހެން ކުދިންހާ ކުލަ އަލި ކުއްޖެއްނޫނެވެ. ޖީޒާގެ ހުންނަ ކަހަލަ އޮފް ކަމެއް އެމޫނުމަތީގައި ހުރެއެވެ. ހަމުގެ ކުލައިގައި ހުންނަނީ ހައިރާންކުރާވަރުގެ ގަދަ މުށިކުލައެކެވެ. އެއީ ޖީޒާގެ ހަމުގެ ކުލައަށްވުރެވެސް މާގަދަ ކުލައެކެވެ.

ކޮންމެ ކުލައެއްގައި ހުރިނަމަވެސް އަހަންނަށް އެންމެރީތި ދަރިއަކީ އަހަރެންގެ ދެވަނަ ދަރި ޔަލީނާއެވެ. އެހާ އަޚްލާގު ރަގަޅުވެފައި ހިތްހެޔޮވާނެއެވެ. ކިޔެވުމަށް ބެލިއަސް އެހެން ކުދިންނަށްވުރެ ތޫނިފިލި ކުއްޖެކެވެ. ދެރަކަމަކީ އެންމެ ކަމެކެވެ. އެހެންކުދިން ޔަލީނާ އާއި ގުޅިގެން ނޫޅުމެވެ. އެކުދިން ކުރާކަންކަމުގައި ޔަލީނާ ބައިވެރިއެއް ނުކުރާނެއެވެ. އަހަރެންނަށް ދެވޭނީ ނަސޭހަތެއެވެ. އެކުދިން ގަބޫލެއްނުކުރެއެވެ. އެކަމަކުން ޔަލީނާ ފަރުވާލެއްނެތެވެ. އޭނާ އެކަހަލަ ކުދިކުދި ކަންކަމާ ރޮއެ ޝަކުވާކޮށް ނަހަދައެވެ. އެވެސް ޔަލީނާ ކިބައިން ފެންނަ ތަފާތު ކަމެކެވެ.

“ޖީޒާއެވެ! ނިކަންބަލާބަލާށެވެ. ހުރިހާ ގޮތަކުންވެސް އަހަރުމެންގެ ދަރިފުޅަކީ ހަމަ ޖަވާހިރެކެވެ.”

ޖީޒާ މަތިން ހަދާންވެލިއެވެ. ހިތްހީވީ ހިނދުކޮޅަކަށް ވިންދު ޖަހަންވެސް ހަދާން ނެތުނު ހެނެވެ. ޖީޒާއަދިވެސް ހަމަ އަހަރެންގެ ހިތާކުޅެލަނީތާއެވެ…

ނުނިމޭ…

(ސާނަގެ ކުރުވާހަކަ ކޮންމެ ބުރާސްފަތި އަދި އާދީއްތަ ދުވަހެއްގެ ހެނދުނު 7:00 ގައި އިންތިޒާރު ކޮށްލައްވާ)

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.