ޚަބަރު ފީތާ

އިހުމާލުގެ މައްޗަށް އިހުމާލު!

ކޮވިޑު ބަލީގައި ރާއްޖެއިން ނިޔާވަމުންދާ މީހުންގެ ޢަދަދު މަތިވަމުން އަންނަ އިރު، އެބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް އެކަށީގެންވާ އަޅާލުން ނުލިބޭ ވާހަކައަކީ ކުރިންވެސް ދެކެވެމުން އަންނަ ވާހަކަ އެކެވެ.

ރަށްރަށް މޮނިޓަރިންގއަށް ލުމަށް ފަހު، އެރަަށްރަށުގައި ތިބި އެހެން ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް އަޅާނުލެވިދާ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކައެކެވެ.

މީގެ އިތުރުން މާލެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންނަށް ފެސިލިޓީތަކުން އެންމެ އެދެވޭ ފަރުވާ އާއި އަޅާލުން ނުލިބޭ ވާހަކަ އެކި މަންސަތަކުގައި ދެކެވެއެވެ.

ޚާއްސަކޮށް އެޗްއީއޯސީގެ ހޮޓްލައިން 1676 އަށް ގުޅުމުން ޖަވާބު ނުލިބޭ ވާހަކައާއި ފޯނަށް ޖަވާބު ދިނުން ލަސްވާ ވާހަކަ އަބަދުވެސް ދައްކަ އެވެ.

އެކަމަށް އެޗްއީއޯސީން ބުނެފައިވަނީ މަސައްކަތް ކުރާނެ މީހުން މަދު ކަމަށެވެ. އާއެކެވެ. މިފަދަ ޕެންޑަމިކެއްގައި އިންސާނީ ވަސީލަތަކީ ވަރަށް މުހިންމު ބޭނުންތެރި އެއްޗެކެވެ. ޚާއްސަކޮށް މިފަދަ ބަލިމަޑުކަމެއްގައި ތަމްރީނުލިބިފައިތިބި މީހުން ނޫނީ ކަމަކުވެސް ނުދާނެ އެވެ.

ކަން މިހެން އޮތް އިރު، މި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު ރާއްޖޭގައި ވެސް އިތުރުވަމުން ގޮސް، ޒުވާނުންނާއި ކުޑަކުދިން ވެސް މިވަނީ މިބަލީގައި ދުނިޔެ ދޫކުރަން ފަށާފަ އެވެ.

އެގޮތުން މިބަލީގައި މިހައިތަނަށް ނިޔާވި އެންމެ ހަގު ނުވަތަ ކުޑަ ކުއްޖާ ޢުމުރުން އެންމެ 10 އަހަރުގައި މިވަނީ ނިޔާވެފަ އެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތެވެ.

މިކުއްޖާ މަރުވުމުގައި ނުވަތަ ހާލު ގޯސްވެގެން ހޮސްޕިޓަލަށް ގެންދިއުމުގައި ލަސްތަކެއް ވެފައިވާކަމަށް މިހާރުވަނީ އަޑުތައް ފެތުރިފައެވެ. އެކަން ބެލުމަށް ވެސް މިހާރުވަނީ ނިންމާފަ އެވެ.

ކޮވިޑްގައި ރޭ މަރުވި ކުޑަ ކުއްޖާގެ ހާލު ގޯސްވެގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހޮޓްލައިނަށް ގުޅުމުން އެމްބިއުލާންސް ފޮނުވުނީ ދެ ގަޑިއިއަރަށް ވުރެ ގިނައިރު ވީ ފަހުން ކަމަށް އެ ކުއްޖާގެ ޢާއިލާއިން ވަނީ ބުނެފަ އެވެ. އެކުއްޖާ ކޮވިޑް19 އަށް ޕޮޒިޓިވްވުމުން ކަރަންޓީނުކޮށްފައި ހުރީ މައިންބަފައިންނާ އެކު ގޭގަ އެވެ.

“ހުން ގަދަވި ނަމަވެސް އިއްޔެއާ ހަމައަށް ވެސް ކުއްޖާގެ ހާލު ރަނގަޅު. އެކަމަކު ރޭ ނޭވާލާން އުނދަގޫވާންފެެށީ. ނޭފަތުން ލޭ އަންނަން ފެށީ. އެއާ އެކު، ގަޑިން 9:00 ހާއިރު އެމްބިއުލާންސް އެއް ފޮނުވައިދިނުމަށް އެދި އެޗްޕީއޭ އަށާއި އައިޖީއެމްއެޗް އަށް ގުޅިން. އަދި 1676 އަށް ވެސް ގުޅަމުން ދިޔައިން.” ޢާއިލާ އާހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ.

މެޑިކަލް ޓީމަށް މައުލޫމާތު ދީފައިވާ ކަމަށާއި އެމްބިއުލާންސް އިރުކޮޅަކުން ދާނެ ކަމަށް 1676 އިން ތަކުރާރުކޮށް ބުނަމުން ދިޔަ ކަމަށް ޢާއިލާ އިން ވަނީ ބުނެފަ އެވެ. ނަމަވެސް އެމްބިއުލާންސް އައީ 11:40 ގައި ކަމަށާއި އޭރު ކުއްޖާގެ ވިންދެއް ނެތް ކަމަށް ވެސް ބުނެފައި ވެއެވެ.

އައިޖީއެމްއެޗް އިން އެމްބިއުލާންސް ފޮނުވައިދޭން ދެކޮޅު ހެދީ އާއިލާ ކޮވިޑަށް ޕޮޒިޓިވްވެފައި ވާތީ ކަމަށް ޢާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެމްބިއުލާންސް ފޮނުވުން ލަސްވި ގޮތުގެ ކޭސް ރިވިއުއެއް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފެންމަތިވުމާ އެކު، އެމްބިއުލާންސް ޑިޕްލޯއީ ކުރާ އުސޫލަށް ވަގުތުން ބަދަލު ގެނެސްފައިވާ ކަމަށެވެ.

މައްސަލަތައް ރިވިއުކުރާ ވާހަކައަކީ “ފަލަ ސުރުޚީ” ތަކަށް އަރުވާލަން ވަރަށް ފަސޭހަ ވާހަކަތަކެވެ. އެކަމަކު ރައްޔިތުން ބޭނުންވަނީ އެގޮތެއް ނޫނެވެ. ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަކީ “ބޮޑުނަގުލަށް” ދުއްވާލުމެއް ނޫނެވެ.

ކޮންމެ 5 އަހަރަކުން ރައްޔިތު މީހާގެ ގާތަށް ސަލާންޖަހަން އަންނަން ޖެހޭ އިރު، ފަސްބައިގާ “ކިލަނބު” ކަމެއް އޮތަނުދެއްވާށެވެ. ރައްޔިތުންގެ ކުރިމަތީގައި ކޮންމެފަހަރަކު “ފެއިލިއަރ” ބޯޑު އެޅުއްވަކީ ރީތި އާދައެއް ނޫނެވެ.

މިނިވަންކަމާއެކު އިންސާފުގެ ތަރާދު ރައްޔިތުންނަށް ދައްކަވާށެވެ.

 

Like
Like Love Haha Wow Sad Angry
%d bloggers like this: