
މިނީ ބަހުގެ ޚިދުމަތް ފެށުމަށް ހިލޭ އެހީގެ ދަށުން ފައިސާ ލިބޭތޯ މަސައްކަތް ކުރަނީ
މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ހިލޭ އެހީގެ ދަށުން ފައިސާ ލިބޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ މިނީ ބަހުގެ ޚިދުމަތް ނުފެށި ލަސްވަނީ، އެކަމަށް ބޭނުންވާ ވަރަށް ފައިސާ ނެތުމުން ކަމަށެވެ.
”ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ މިނީބަހުގެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް ކަމަށްވުމާއެކު އެ ޚިދުމަތް ފަށަން މަސައްކަތް ކުރަމުންދަނީ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން ކާމިޔާބުވެފައެއް ނުވޭ. އެގޮތުން އެ ޚިދުމަތް ފަށައިގަތުމަށް ބޭނުންވާވަރުގެ ބަޖެޓެއް އަދިވެސް ލިބިފައެއް ނުވޭ. އެ މައްސަލަ ޚާއްސަ މައްސަލައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއާ ވެސް ހިއްސާކުރެއްވި.“ މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ މިއަހަރު ލިބުނު ބަޖެޓުގެ ތެރެއިން 16 މިލިއަން ރުފިޔާ އެކަމަށް ކަނޑައެޅުނު ކަމަށާއި އެކަމަކު އެފައިސާއިން ދެ ބަސް ނުވަތަ ތިން ބަސް ގަނެގެން މި ޚިދުމަތް ނުފެއްޓޭނެތީ އެބަޖެޓު ހުރި ގޮތަށް ބެހެއްޓީ ކަމަށެވެ. އަދި އެ މަސައްކަތް ފަށައިގަތްއިރު ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީއެއް ލިބޭތޯވެސް ބެލި ކަމަށާއި ނަމަވެސް އެކަންވެސް ކާމިޔާބުވެފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން އިންޑިއަން އެއިޑްއަށް ހުށަހަޅައިގެން މިނީބަސް ލިބޭތޯވެސް މަސައްކަތް ކުރަމުންދާ ކަމަށާއި ބޭނުންވަނީ އިލެކްޓްރިކް ބަސްތަކެއް ހޯދަން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
2020 ވަނަ އަހަރު އެ ޚިދުމަތް ފެށުމަށް ކުރިން ރާވާފައިވާ އިރު، އެކަން ކުރުމަށްޓަކައި 2019 ވަނަ އަހަރު އެމްޓީސީސީއާއެކު އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފަ އެވެ.
ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަސްޓަމައިޒްކޮށްފައިވާ ބަސްތަކެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދި ކަމަށާއި ނަމަވެސް އެ ބަސްތައް ނުގެނެވުނީ ފައިސާގެ ދަތިކަން ހުރުމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ކުރިން ވެސް ވަނީ ބުނެފަ އެވެ.



