ޚަބަރު ފީތާ

ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރީ ދަރިފުޅުގެ އުފަންދުވަހުގެ ޕާޓީއަށް އައުމުން

އިޓަލީގައި ޑްރަގް ވިޔަފާރީގެ ކުށުގައި ހައްޔަރުކުރަން އުޅުމުން 15 އަހަރު ވަންދެން ފިލައިގެން އުޅުނު މީހަކު، އޭނާގެ އަންހެން ދަރިފުޅުގެ އުފަންދުވަހުގެ ޕާޓީއަށް އިޓަލީއަށް އައުމުން ހައްޔަރު ކޮށްފިއެވެ. ޑްރަގް ވިޔަފާރީގެ ކުށުގައި އިޓަލީގެ ޑޭވިޑް ސިޓަޑީނީ (49 އަހަރު) ވަނީ 13 އަހަރާއި 4 މަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ.

ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ސިޓަޑީނީ ފިލައިގެން ސްޕޭންގައި އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. ހަމަ އެހެންމެ އިޓަލީގައި ދިރިއުޅޭ އޭނާގެ މަންމައާއި އަންހެން ދަރިފުޅަށް ގުޅާ ކަމަށާއި، އެމީހުންނާއި ގާތް ގުޅުމެއް ބާއްވާ ކަންވެސް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންކަމުން އޭނާގެ އަންހެން ދަރިފުޅުގެ 23 ވަނަ އުފަންދުވަހުގެ ހަފްލާއަށް ސިޓަޑީނީ އަންނަ ކަމުގެ މަޢުލޫމާތު ލިބުމުން އޭނާ ހައްޔަރު ކުރުމަށް އާންމު ހެދުމުގައި އެތައް ދުވަހެއް ވަންދެން އޭނާގެ މަންމަ ދިރިއުޅޭ އެޕާޓްމަންޓް ކައިރީގައި ފާރަލާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ކާއެއްޗެހި ޑެލިވަރ ކުރާ މީހުންގެ ހެދުމުގައި އެއެޕާޓްމަންޓަށް ވަދެ އޭނާ ހައްޔަރު ކުރުމުން، ބާސެލޯނާއިން އިޓަލީއަށް އެނބުރި އައުމަށް އޭނާ ބޭނުންކުރި ޕާސްޕޯޓާއި އައިޑީ ކާޑުވެސް ވަނީ ފެނިފައެވެ. އެއެއްޗެހި ހައްދާފައި ވަނީ އެހެން ނަމެއްގައެވެ.

އޭނާ ހައްޔަރު ކުރީ އެޕާޓްމަންޓުގެ ނިދާ ކޮޓަރިއެއް ތެރޭގައި ފިލަން މަސައްކަތް ކުރަނިކޮށެވެ.

އިޓަލީގައި މާފިޔާ ގޭންގުގެ މީހުން ހައްޔަރު ކުރުމަށް ހިންގި ހާއްސަ ތަހުގީގެއްގައި ސިޓަޑީނީއާއި އިތުރު 26 މީހުން ހައްޔަރު ކުރުމަށް އަމުރު ކޮށްފައި ވަނީ 2006 ގައެވެ. ޕްރޮސެކިއުޓަރުން ބުނެފައިވާ ގޮތުގައި ދެކުނު އެމެރިކާ އަދި މޮރޮކޯއިން ޑްރަގް އެތެރެކޮށް ރޯމްގެ ޑީލަރުންނަށް ފޯރުކޮށްދިނުމުގައި ސިޓަޑީނީ ވަނީ އިސް ރޯލެއް ކުޅެފައެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: