ޔޫރޯ 2020 ޓީމް ޕްރޮފައިލް: ފްރާންސް
ދުނިޔޭގެ ޗެމްޕިއަން ފްރާންސަކީ ހުނަރުވެރި ގިނަ ތަރިންތަކެއް ހިމެނޭ ޓީމެކެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ވަރުގަދަ ބާރެއްވެސް މެއެވެ. ފްރާންސްއަކީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަނުންނެވެ. މިހާތަނަށް ޔޫރޯ ގެ ދެ މުބާރާތެއް ކާމިޔާބު ކޮށްފައިވާ ފްރާންސް އެންމެ ފުރަތަމަ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ކުޅެފައިވަނީ 1984 ވަނައަހަރު ޖަރުމަންގައި ބޭއްވުނު މުބާރާތުގައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ވެސް ފްރާންސްއިންނެވެ. އޭގެ ފަހުން ޖެހިގެން އައި މުބާރާތަށް ކޮލިފައި ނުވިނަމަވެސް ޔޫރޯގައި އެޓީމުން ހޯދާފައިވާ ނަތީޖާތައް ގޯހެއް ނޫނެވެ. އެގޮތުން 1996 ވަނަ އަހަރު އިނގެރޭސި ވިލާތުގައި ބޭއްވުނު މުބާރާތުގެ ސެމީފައިނަލްގައި ކުޅުނުއިރު، ޖެހިގެން އައި މުބާރާތުގެ ޗެމްޕިއަންކަން ވަނީ ހޯދާފައެވެ. އެއީ 2000 ވަނަ އަހަރު ނެދަލެންޑް އަދި ބެލްޖިއަމްގައި ބޭއްވުނު މުބާރާތުގައެވެ. 2004 ވަނަ އަހަރާއި 2012 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާއިރު، އެންމެ ފަހުން ކުޅުނު މުބާރާތުގެ ފައިނަލްގައިވެސް ފްރާންސް ވަނީ ކުޅެފައެވެ. ފައިނަލް ކުޅެ ފްރާންސް ބަލިވީ ޕޯޗުގަލް އަތުންނެވެ.
ކޮލިފައިވި ގޮތް
ފްރާންސް މިހަފަރުގެ ޔޫރޯ އަށް ކޮލިފައިވީ ގުރޫޕް އެޗްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގުރޫޕްގައި ފްރާންސް ކުޅުނު 10 މެޗުގެ ތެރެއިން 8 މެޗުން މޮޅުވި އެވެ. 1 މެޗު އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ފްރާންސް ގުރޫޕްގެ އެއްވަނަ ހޯދީ 25 ޕޮއިންޓާ އެކު އެވެ. މި ގުރޫޕްގެ ދެވަނަ ހޯދި ތުރުކީ އަށް ލިބުނީ 23 ޕޮއިންޓެވެ. ކޮލިފައިންގައި ފްރާންސް ކުޅުނު 10 މެޗުގައި އެ ޓީމުން 25 ލަނޑު ޖެހި އެވެ. ބައިކޮޅަށް ވަނީ ހަ ލަނޑެވެ.
ކޯޗު
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަކީ ކުޅުންތެރިއެއްގެ ގޮތުގައި އެ ގައުމު ލެޖެންޑެކެވެ. ފްރާންސް އިން 1998ގެ ވޯލްޑް ކަޕާއި 2000ގެ ޔޫރޯ ކާމިޔާބުކުރިއިރު، ކެޕްޓަނަކީ ޑެޝޯމްޕްސް އެެވެ. އޭނާގެ ކޯޗިން ކެރިއަރު 2001 ގައި ފެށީ ފްރާންްސްގެ މޮނާކޯ އިންނެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ޔުވެންޓަސް އާއި މާސޭ އަށް ކޯޗުކޮށްދީފަ އެވެ.
ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ޑެޝޯމްޕްސް ހަވާލުވީ 2012 ވަނަ އަހަރެވެ. ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް ވަނީ 2014 ގެގެ ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. ފްރާންސްގައި 2016 ގައި އޮތް ޔޫރޯގެ ފައިނަލަށް ފްރާންސް ދަތުރުކުރީ ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުންނެވެ. ފައިނަލްގައި ފްރާންސް ބަލިވީ ޕޯޗުގަލް އަތުންނެވެ.
މުހިންމު ކުޅުންތެރިން
ޕޯލް ޕޮގްބާ: ފްރާންސްގެ މުހިންމު މިޑްފީލްޑަރެއް ކަމަށްވާ ޕޮގްބާ އަށް މިއީ ދެވަނަ ޔޫރޯ މުބާރާތެވެ. ފްރާންސްގެ ގައުމީ ޓީމަށް ޕޮގްބާ ކުޅެން ފެށީ 2013 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ފްރާންސްގެ ޔޫތު ޓީމުތަކަށް ކުޅެފަ އެވެ. ފްރާންސް އިން 2013 ގައި އޮތް 20 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކުރީ ޕޮގްބާގެ އިރުޝާދުގެ ދަށުންނެެވެ. ބޮޑު އަގެއްގައި ޔުވެންޓަސް އިން މެންޗެސްޓާ ޔުނައިޓެޑަށް 2016 ގައި ބަދަލުވި ޕޮގްބާ މި ސީޒަންގައި ދެއްކިި ކުޅުމަށް ބައެއް ތަޖުރިބާކާރުން ވަނީ ފާޑުކިޔައިފަ އެވެ. އެހެންކަމުން މި ފަހަރުގެ މުބާރާތަކީ ޕޮގްބާ އަށް އޭނާގެ ފެންވަރު ދައްކާލަން ލިބޭ ރަނގަޅު ފުރުސަތެކެވެ.
އެންޓޮއިން ގްރީޒްމަން: ފްރާންސްގެ ޔޫތު ޓީމުތަކަށް ކުޅުމަށް ފަހު، ގްރީޒްމަން ގައުމީ ޓީމަށް ކުޅެން ފެށީ 2014 ގަ އެވެ. އެ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕަށް ނެގި ފްރާންސްގެ ޓީމުގައި ގްރީޒްމަން ހިމެނުނެވެ. އަދި ފްރާންސްގައި 2016 ގައި އޮތް ޔޫރޯގެ ފައިނަލަށް ފްރާންސް ދަތުރުކުރިއިރު، ގްރީޒްމަން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެ މުބާރާތުގައި ގްރީޒްމަން ހަ ލަނޑު ޖެހި އެވެ. މުބާރާތުގެ ރަން ބޫޓާއި މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ގްރީޒްމަނަށެވެ. ބާސެލޯނާއަށް ކުޅޭ ގްރީޒްމަނަކީ މި ވަގުތު ޔޫރަޕްގައި ހުރި އެންމެ ހުނަރުވެރި އެއް ފޯވަޑެވެ.
ހޫގޯ ލޮރިސް: ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް އަކީ ތަޖުރިބާކާރު ގޯލްކީޕަރެކެވެ. އުމުރުން 34 އަހަރުގެ ލޮރިސް ގައުމީ ޓީމަށް ކުޅެން ފެށީ 2008 ގަ އެވެ. ލޮރިސް ވަނީ 2010 އަދި 2014 ގެ ވޯލްޑް ކަޕާއި 2012 އަދި 2016ގެ ޔޫރޯގައި ފްރާންސްގެ ގޯލު ބަަަލަހައްޓައިފަ އެވެ. ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ ލޮރިސް އަކީ މި ވަގުތު ފްރާންސްގެ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އެހެންކަމުން މި ފަހަރުގެ ޔޫރޯ އަށް ލޮރިސްގެ މުހިންމުކަން ފްރާންސަށް ބޮޑުވާނެ އެެެވެ.
ކަރީމް ބެންޒެމާ: 2015 ވަނަ އަހަރުން ފެށިގެން ފްރާންސްގެ ގައުމީޓީމުން ފުރުސަތު ނުލިބި ހުރި ބެންޒެމާއަށް މިފަހަރުގެ ޔޫރޯ މުބާރާތަށް ފްރާންސްއިން ނެގި ސްކޮޑުން ފުރުސަތު ލިބިގެން ދިއުމަކީ ގިނަ ބަޔަކަށް ހައިރާންކަމެއް ގެނުވި ކަމަކެވެ. ފްރާންސްގެ ސްކޮޑުން ބެންޒެމާއަށް ދެން ފުރުސަތެއް ނެތް ކަމަށް ހީކުރެވުނު ނަމަވެސް މިފަހުރުގެ މުބާރާތުން ފްރާންސްގެ ސްކޮޑުގައި ބެންޒެމާ ވަނީ ހިމަނާފައެވެ. ސްޕެއިންގެ ރެއާލް މެޑްރިޑުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ބެންޒެމާއަކީ ފްރާންސްގެ ޓީމުގައި މިފަހަރު ހިމެނުނު ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު އަދި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. ނިމިގެން ދިޔަ ސްޕެނިޝް ލީގުގައި ބެންޒެމާ ދެއްކި މޮޅު ކުޅުމާއި އެކު އޭނާ ވަނީ މިފަހަރު ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑަށް 30 ގޯލު ޖަހާދީފައެވެ. ބެންޒެމާ އެންމެ ފަހުން ފްރާންސް ގައުމީޓީމުގައި ހިމެނިގެން ކުޅެފައިވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕެވެ. 2007 ވަނަ އަހަރު ފްރާންސްގެ ގައުމީޓީމަށް ކުޅެން ފެށި ބެންޒެމާއަށް މި ފަހަރުގެ ޔޫރޯ މުބާރާތަކީ އޭނާ ފްރާންސްގެ ގައުމީޓީމުގައި ހިމެނިގެން ކުޅޭ ތިން ވަނަ ޔޫރޯ މުބާރތެވެ.
ގްރޫޕުގައި އޮތް ފުރުސަތު
ގުރޫޕް އެފްގެ ފޭވަރިޓުންގެ ތެރޭގައި ފްރާންސް ހިމެނެއެވެ. މި ގުރޫޕްގައި ދެން އޮތީ ޖަރުމަން އާއި ޕޯޗުގަލް އަދި ހަންގޭރީއެވެ. މި ގުރޫޕް ވެގެންދާނީ ފްރާންސް ވާދަވެރި އަދި އުނދަގޫ ގުރޫޕަކަށެވެ. ފްރާންސްއަށް ކިރިޔާވެސް މޮޅުވަން ފަސޭހަ ޓިމަކަށް އޮތީ ހަންގޭރީއެވެ. ދެން އޮތް ޖަރުމަން އަދި ޕޯޗުގަލް މެޗަކީ ފްރާންސްއަށް މޮޅުވަން ވަރަށް އުނގަދަގޫ ދެމެޗަށް ވާނެއެވެ. ނިސްބަތުން މިއީ ފްރާންސަށް އުނދަގޫ ގުރޫޕެކޭ ބުނެވިދާނެ އެވެ.
ގުރޫޕް “އެފް” ގައި ހިމެނޭ ޓީމުތައް
ފްރާންސް، ހަންގޭރީ، ޕޯޗުގަލް، ޖަރުމަން
ގުރޫޕް ސްޓޭޖުގައި ފްރާންސް ކުޅެން ޖެހޭ މެޗުތައް
16 ޖޫން – ފްރާންސް – ޖަރުމަން
19 ޖޫން – ފްރާންސް – ހަންގޭރީ
24 ޖޫން – ފްރާންސް – ޕޯޗުގަލް