
ރައީސް ނަޝީދު ޖަރުމަންގެ ހޮސްޕިޓަލުން ދޫކޮށްލައިފި
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖަރުމަންގެ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
އެމަނިކުފާނު ޖަރުމަނުގެ ހޮސްޕިޓަލުން ފަރުވާ ހީއްދަވާފައިވަނީ މި މަހުގެ ހަވަނަ ދުވަހު، އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި އަނިޔާތަކަށެވެ.
އެމަނިކުފާނުގެ ހަށިކޮޅަށް އަމާޒުކޮށް ދީފައިވާ މި ހަމަލާއާ ގުޅިގެން އެންމެފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލުން ނެވެ. އަދި އެ ހޮސްޕިޓަލުގައި ގިނަ އޮޕަރޭޝަންތަކެއް ވަނބީ ކޮށްފަ އެވެ.
އެ ހަމަލާގައި ރައީސް ނަޝީދުގެ ހަށިކޮޅަށް ވަން ރޭޒަރފުއްތައް ނެގުމަށް 16 ގަޑިއިރުގެ ތެރޭގައި ޑޮކްޓަރުން މުހިންމު ގިނަ އޮޕަރޭޝަންތަކެއް ކުރިއެވެ. އެއަށްފަހު އޭޑީކޭގައި 8 ދުވަސް ހޭދަކުރުމަށްފަހު އެމަނިކުފާނު ޖަރުމަނަށް ފުރާވަޑައިގެންނެވި މިދިޔަ ހުކުރު ދުވަހުއެވެ.
އެމަނިކުފާނު ދަތުރުކުރެއްވި އެއަރ އެމްބިއުލާންސްގެ ޚަރަދާއި ޖަރުމަންވިލާތުގައި ބޭސްފަރުވާ ކުރެއްވުމުގެ ޚަރަދު ހަމަޖައްސަވާފައިވަނީ ޖަރުމަންވިލާތުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓިން އެވެ.
ރައީސް ނަޝީދު އަރިހުގައި އެމަނިިކުފާނުގެ އާއިލީ ބޭފުޅުންކަމަށްވާ ފާތިނާ އަބްދުލް ހަކީމް އާއި އީވާ އަބްދުﷲ ގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) ވެސް ޖަރުމަނަށް ވަޑައިގެންނެވިއެވެ.
އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އަނބުރާ ރާއްޖެ ވަޑައިގަންނަވާނެ ވަކި ދުވަހެއް އަދިހާމައެއް ނުކުރައްވަ އެވެ.



