އެންމެ އަގުބޮޑުކޮށް ރޫޅުނު 6 ކައިވެނި

ޝައްކެއްވެސް ނެތް ގޮތުގައި ދެމީހަކު ކައިވެނި ކުރަނީ ވަރަށްވެސް ފޮނި އުންމީދު ތަކަކާއި އެތައް ކުލަގަދަ ހުވަފެން ތަކަކާއި އެކުއެވެ. މުޅި އުމުރު އެއްކޮށް އުޅުމަށާއި، ދިމާވާ ކޮންމެ އުފާވެރި ކަމަކާއި އަދި ހިތާމައެއްގައި ވެސް، އަދި ފުރިހަމަ ސިއްޙަތަކާއި ބަލި ޙާލަތުގައި ވެސް އަބަދުވެސް ބައިވެރިޔާއާއި އެއްކޮށް އުޅުމަށް އަޒުމް ކަނޑައަޅައި، އެތައް ވަޢުދު ތަކަކާއިވެސް އެކުގައެވެ. މި ފޮނި އުންމީދުގައި ކުރާ ކައިވެންޏަށް ބައެއް މީހުން ހާހުން، ލައްކައިން އަދި ބައެއް މީހުން މިލިއަނުން ވެސް ޚަރަދުތައް ކޮށްލައެވެ.

ނަމަވެސް ދަންނަމުތޯއެވެ. ޚަރަދު ބޮޑުވަނީ، ހަމައެކަނި ކައިވެންޏަކަށް ނޫނެވެ. ބައެއް ފަހަރު ކައިވެނި ރޫޅުމަކީވެސް އެހާމެ އަގުބޮޑު ކަމެކެވެ. ހާއްސަކޮށް ބައެއް ޤައުމު ތަކުގައި ކައިވެނީގެ ކުރިން ހަދާ ޕްރީ ނަޕްޗުއަލް އެގްރީމެންޓްގެ ސަބަބުން ފިރިހެން މީހާގެ މިލްކިއްޔާތުގެ ދެބައިކުޅަ އެއްބައި ވަރިކުރި އަނބިމީހާއަށް ދޭން ޖެހި، އޭނާއަކީ ބޮޑު މަހުޖަނަކަށް ވާ ފަހަރުވެސް އާދެއެވެ.

އިޝްތިހާރު Below Header ad

އެގޮތުން މި ރިޕޯޓުގައި މި ބަލައިލަނީ މިހާތަނަށް ދުނިޔޭގައި އެންމެ އަގުބޮޑުކޮށް ރޫޅުނު 6 ކައިވެންޏަށެވެ.

  • ބިލް އަދި މެލިންޑާ ގޭޓްސް

ދެމަފިރިންގެ މުދަލުގެ އަގު ޖުމްލަ 130 ބިލިއަން ޑޮލަރަށް އަރާފައި ވުމުން، ބިލް އަދި މެލިންޑާ ގޭޓްސް ހިމެނިފައި ވަނީ މި ލިސްޓުގެ އެންމެ ކުރީގައެވެ. 27 އަހަރުގެ ކައިވެންޏަކަށް ފަހު މައިކްރޮސޮފްޓްގެ ކޯ-ފައުންޑާރ ބިލް ގޭޓްސް، 65، އަދި އަނބިކަނބަލުން މެލިންޑާ ގޭޓްސް،56، ވަކިވާން އުޅޭ ޚަބަރު ދުނިޔޭގެ ސަމާލުކަމަށް އައިސް، ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާފައި ވަނީ މިމަހުގެ ކުރީކޮޅުއެވެ. ބިލް އަދި މެލިންޑާ ވެސް ބުނެފައި ވަނީ، ވަކި ވާން ނިންމީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށާއި، ދެމީހުން ވަކި ވިޔަސް ދެމީހުން އެކުވެގެން ހިންގާ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، އެ ފައުންޑޭޝަންގެ މަސައްކަތް ކުރާނީ ދެމީހުން އެކުވެގެން ކަމަށެވެ.

  • ޖެފް ބީޒޯސް އަދި މެކެންޒީ ސްކޮޓް

އެމެޒޮންގެ ފައުންޑަރ އަދި ބިލިއަނަރ ޖެފް ބީޒޯސް އޭނާގެ އަނބިމީހާ މެކެންޒީ ސްކޮޓްގެ ކައިވެނި ރޫޅާލުމަށް ނިންމާފައިވާ ކަން އިޢުލާނު ކުރީ ކައިވެނި ކޮށްގެން 25 އަހަރު ދެމީހުން އެކުގައި ހޭދަ ކުރުމަށްފަހުއެވެ. ނަމަވެސް މި ވަރި ވެގެން ދިޔައީ މެކެންޒީ ސްކޮޓްއަށް ދުނިޔޭގެ 3 ވަނައަށް އެންމެ މުއްސަނދި އަންހެނާގެ މަޤާމު ހޯދައިދިން ވަރިއަކަށެވެ. ސަބަބަކީ ދެމީހުން ކޮށްފައިވާ އެގްރީމެންޓްގެ ދަށުން މެކެންޒީއަށް ބީޒޯސްގެ މުދަލުން 35 ބިލިއަން ޑޮލަރު ދޭން ޖެހުމުންނެވެ.

  • ޖޯސްލީން އަދި އެލެކް ވައިލްޑަންސްޓައިން

މިއީ 1990ގެ އަހަރުތަކުގައި އެންމެ އަގުބޮޑުކޮށް ރޫޅުނު ކައިވެންޏެވެ. ޕްލާސްޓިކް ސާޖަރީތަކެއް ހެދުމުގެ ސަބަބުން “ކެޓް ވުމަން”ގެ ގޮތުގައި މަޝްހޫރު ވެފައިވާ ޖޯސްލީންއާއި އެލެކްގެ ކައިވެނި ރޫޅުމުން، ޖޯސްލީންއަށް ބަދަލެއްގެ ގޮތުގައި 2.5 ބިލިއަން ޑޮލަރު ލިބިފައި ވެއެވެ. މިއީ އެދުވަސްވަރާއި ބަލާފައި ވަރަށްވެސް ބޮޑު އަދަދެކެވެ. ނަމަވެސް ހިތާމައަކީ، މިހުރިހާ ފައިސާއެއް ހުސްވެ 2018 ގައި ބަނގުރޫޓު ވެފައިވާ މީހުންގެ ނަން ލިސްޓުގައި ޖޯސްލީން ރެޖިސްޓްރީ ވާން ޖެހުމުންނެވެ.

  • އީލޮން އަދި ޖަސްޓިން މަސްކް

މަޝްހޫރު ޓެސްލާ ކުންފުނީގެ ސީއީއޯ އަދި ބިލިއަނަރ އީލޮން މަސްކް އޭނާގެ ސްކޫލް ދައުރުގެ ލޯބިވެރިޔާ ޖަސްޓިންގެ ކައިވެނި ރޫޅާލާފައި ވަނީ 8 އަހަރަށް ފަހުއެވެ. އެއިރު އެ ކައިވެންޏަށް 6 ކުދިންވެސް ވަނީ ލިބިފައެވެ. މަސްކް ބުނެފައިވާ ގޮތުގައި، ވަރިވުމަށް ފަހު އެދެމީހުންގެ ކުދިން ބެލުމުގެ ކަންތައްތައް ބަލަހައްޓަނީ ދެމީހުން ބަހާލައިގެން ކަމަށެވެ. ކުދިންގެ ނަނީއަށް ދޭންޖެހޭ މުސާރަ ދިނުމުގެ އިތުރުން ކުދިންގެ ޚަރަދަށް ކޮންމެ މަހަކު 20،000 ޑޮލަރު ޖަސްޓިންއަށް ފޮނުވާ ކަމަށް ވެސް ބުނެފައިވެއެވެ. މި ކައިވެނި ރޫޅުމުން ކޮންމެ މަހަކު 170،000 ޑޮލަރު ޚަރަދުވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

  • ބާރނީ އަދި ސްލެވީކާ އެކްލްސްޓޯން

ފޯމިއުލާ 1 ގެ ކުރީގެ އިސް ވެރިޔާ ބާރނީ އޭނާގެ އަންހެނުން ކްރޮއޭޝިއާއަށް ނިސްބަތްވާ ކުރީގެ އަރްމާނީ މޮޑެލް ސްލެވީކާ ވަރި ކޮށްފައި ވަނީ ކައިވެންޏަށް 24 އަހަރަށްފަހު 2009 ގައިއެވެ. ބުނެވޭ ގޮތުގައި ވަރިއަށް ފަހު ބަދަލެއްގެ ގޮތުގައި ބާރނީ ވަނީ ސްލެވީކާއަށް 1.2 ބިލިއަން ޑޮލަރު ދީފައެވެ.

  • ޓައިގަރ ވުޑްސް އަދި އެލިން ނޯރޑެގްރެން

ގޮލްފްގެ ދުނިޔޭގައި މަޝްހޫރް ޓައިގަރ އަދި ސްވިޑިޝް މޮޑެލް އެލިން އެންމެ ފުރަތަމަ ބައްދަލުވެފައި ވަނީ 2001 ވަނަ އަހަރުގެ އޯޕަން ޗެމްޕިއަންޝިޕްގެ ތެރެއިންނެވެ. ދެމީހުން ކައިވެނި ކޮށްފައި ވަނީ އޭގެ 3 އަހަރު ފަހުން ބާބަޑޮސްގައެވެ. ނަމަވެސް ޓައިގަރ ވުޑްސްއާއި ނައިޓް ކްލަބް މެނޭޖަރެއްގެ މެދުގައި އުފެދުނު ގާތް ގުޅުމެއްގެ ވާހަކަތައް ފެންމަތިވެ، މި ކައިވެނި ރޫޅިފައިވަނީ 2009 ގައެވެ. ކައިވެނި ރޫޅުމުން ބަދަލެއްގެ ގޮތުގައި ޓައިގަރ ވުޑްސް ވަނީ އެލިންއަށް 110 މިލިއަން ޑޮލަރު ދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.