ޚަބަރު ފީތާ

މިފަހަރު ބެލަންޑޯ ރޭހުގައި މެސީއާއި ރޮނާލްޑޯ އަށް ބޮޑު ވެއްޓުމެއް

މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިމުމަކަށް އަންނައިރު، ދުނިޔޭގެ ފުޓްބޯޅައިގެ ދެ ރަސްގެފާނު ކަމަށް ވާ ބާސެލޯނާގެ ތަރި ލިއޮނެލް މެސީއާއި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ބެލަންޑޯ އެވޯޑް 2021 ގައި ބޮޑު ވެއްޓުމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ފުޓުބޯޅައިގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ވެބްސައިޓެއް ކަމުގައިވާ ގޯލް އިން އާންމުކޮށްފައިވާ އެނޫހުން އަންދާޒާ ކުރާ ރޭންކިންގ ލިސްޓުގައި ފާއިތުވީ ހަފްތާގައި މެސީ އޮތީ ރޭންކިންގ ގެ ހަތަރުވަނައިގައެވެ. އެހެންނަމަވެސް މިހާރު މެސީ ވަނީ މި ލިސްޓުގެ ފަސްވަނަ އަށް ވެއްޓިފައެވެ. އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޮތީ މި ލިސްޓުގެ 12 ވަނައަށް ވެއްޓިފައެވެ.

ކޮންމެ ސީޒަނެއްގައިވެސް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް ފަރަންސޭސްވިލާތުގެ ކުޅިވަރު ނޫސް “ފްރާންސް ފުޓްބޯލް” އިންދޭ ބެލަންޑޯ އެވޯޑަކީ ފުޓުބޯޅައިގައި ވަކި ކުޅުންތެރިއަކަށް ދެވޭ އެންމެ ޝަރަފުވެރި އަދި އެންމެ ތާރީހީ އެވޯޑެވެ. މި އެވޯޑް އެންމެ ފަހުން ހޯދާފައިވާ މެސީ އަށް ދެން މި އެވޯޑް ހޯދޭނެ އިތުރު ގޮތެއް ނެތްކަމަށް ގޯލް އިން އާންމުކުރި ރިޕޯޓުގައިވެއެވެ. މެސީ ކުޅެމުން އަންނަ ބާސެލޯނާ އަށް މިފަހަރުގެ ސީޒަނުގައި މާ ބޮޑު ކާމިޔާބީތަކެއް ހާސިލް ކުރެވިފައި ނުވާއިރު، އެ ކުލަބު ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ކަޓާފައެވެ. އަދި ސްޕެނިޝް ލީގުގެވެސް ކާމިޔާބު ކުރެވޭގޮތް ނުވިއިރު، މެސީއަށް މި ލިސްޓުން އިތުރު ކުރިއެރުމެއް ލިބޭނެ އެއްވެސް ގޮތެއް މިހާރު ނެތްކަމަށް ރިޕޯޓުގައިވެއެވެ.

ނަމަވެސް މި އެވޯޑް ފަސް ފަހަރަށް ހޯދާފައިވާ ރޮނާލްޑޯ އަށް މި ލިސްޓުގެ ކުރި ހޯދޭނެ ފުރުސަތު އަދި އެބައޮތްކަމަށް ރިޕޯޓުގައި ބުނެފައިވާއިރު، ރޮނާލްޑޯއަށް ދެން މި ލިސްޓުގެ ކުރި ހޯދޭނެ އޮތީ ހަމަ އެކަނި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުން ކަމަށް ގޯލްގެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މިކަން ނުވެއްޖެ ނަމަ ބެލަންޑޯ ލިސްޓުން ރޮނާލްޑޯ އަށް ކުރިއެރުމެއް ލިބުން ނާދިރުކަމަށްވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.

މިހަފްތާއަށް ގޯލް އިން އާންމުކުރި ރޭންކިންގ ލިސްޓުގައި އެންމެބޮޑު ކުރިއެރުމެއް ހޯދާ ލިސްޓުގެ އެއްވަނަ ހޯދާފައިވަނީ ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް، ކީލިއަން އެމްބާޕޭއެވެ. އެމްބާޕޭ ވަނީ ފާއިތުވީ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ބާސެލޯނާ ކަޓުވާލާ ޕީއެސްޖީ މޮޅުވުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން މި ދެޓީމު ކުޅުނު ފުރަތަމަ ލެގުގައި 1-4 އިން ޕީއެސްޖީ މޮޅުވިއިރު އެމްބާޕޭ ވަނީ ހެޓްރިކެއް ހަދާފައެވެ. އަދި ދެވަނަ ލެގު 1-1 އިން އެއްވަރުވިއިރު އެމެޗުގައިވެސް ޕީއެސްޖީގެ ލަނޑު ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ.

ރޮނާލްޑޯ އާއި އެންމެ ވާދަވެރި އަދި މިއެވޯޑް ހަފަހަރު ހޯދާ، މިއެވޯޑް އެންމެ ގިނަފަހަރު ހޯދާފައިވާ ލިއޮނެލް މެސީއަށް ލިސްޓުގެ ހަތަރުވަނަ ލިބޭއިރުރޭންކިންގެ ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރެއިނާއެވެ. ލިސްޓުގެ ތިންވަނާގައި އޮތީ ޖަރުމަނުގެ ޗެމްޕިއަން ބަޔާންއަށް ކުޅެމުންއަންނަފޯވާޑް ރޮބަޓް ލެވެންޑޯސްކީއެވެ.

ކޮވިޑް-19 ގެ ސަބަބުން ފާއިތުވީ ސީޒަނުގައި ބެލަންޑޯ އެވޯޑް ދީފައިނުވާއިރު އެންމެފަހުން މިއެވޯޑް ހޯދާފައިވަނީ 2019 ވަނަ އަހަރުގައެވެ. 2021 ވަނަ އަހަރު ބެލަންޑޯ އެވޯޑް ދޭ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

Like
Like Love Haha Wow Sad Angry