
ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމުގެ 31 އިންސައްތަ މަސައްކަތް ނިމިއްޖެ
ނ. ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ %31 ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ %58 އަދި 9.5 ކިލޯ މީޓަރގެ ދިގު ފެން ހޮޅިގެ މައިނެޓްވޯރކްގެ ހޮޅިވަޅުލުމުގެ %93 މަސައްކަތް ނިމިފައިވާ ކަމަށެވެ.
މީގެއިތުރުން ކުޑަފަރީގައި ފެން އުފެއްދުމަށްޓަކައި 2 އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުން ހިމެނެއެވެ. އަދި 169 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރ ބަހައްޓައި، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިމަޝްރޫޢުގެ ނަރުދަމާ ނިޒާމުގައި ހިމެނޭ 8.1 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ 50 އިންސައްތަ އަދި ޕަންޕިން ސްޓޭޝަންތަކުގެ %44 މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.
އެ ކުންފުނިން ބުނީ ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކުޑަފަރީގައި 650 މީޓަރގެ ޕަމްޕިން ލައިން އެޅުމާއި، 1 ސީ އައުޓް ފޯލް ޤާއިމްކުރާނެ ކަމަށެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
މިއާއެކު، މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢަށް ޖުމްލަ 38،245،917.74 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ކުޑަފަރީގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.