އިންޓަ އަތުން ޔުވެންޓަސް އަށް މުހިންމު މޮޅެއް
މިފަހަރުގެ ސީޒަނުގައި އިޓާޅިއަން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރި އިޓަމިލާން އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުން އެޓީމު މޮޅުވެއްޖެއެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން އިންޓަގެ މައްޗަށް ކުރި ހޯދީ 2-3 ގެ ނަތީޖާއިންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މެޗުގެ ލީޑު ނަގައިދިން މި ލަނޑު 24 ވަނަ މިނެޓުގައި ޔުވެންޓަސްއަށް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. މި ލަނޑު ރޮނާލްޑޯ ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ ފޮނުވާލުމުން އިންޓަގެ ގޯލް ކީޕަރުގެ އަތުގައި ޖެހިފައި ބައުންސްވެގެން ނިކުތް ބޯޅަ ދެވަނަ ފަހަރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެގެ ކުޑަ އިރުކޮޅެއް ފަހުން ލިބުނު ޕެނަލްޓީ އަކުން އިންޓަ މެޗުގެ ނަތީޖާ އެއްވަރުކުރި އިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލުކާކޫއެވެ. ޔވެންޓަސްއިން މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގީ ފުރަތަމަ ހާފު ނިމެން ދަނިކޮށް ކުއަޑްރާޑޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ޔުވެންޓަސް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އިންޓައިން ހަމަހަމަ ކުރީ މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަކީ ޔުވެންޓަސްގެ ކުޅޫންތެރިއެއްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. ޔުވެންޓަސްއިން މެޗުގެ ތިން ޕޮއިންޓު ކަށަވަރަުކޮށްދިން ލަނޑު ލިބުނު ޕެނަލްޓީ އަކުން މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔުވެންޓަސްއަށް މެޗުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ކުއަޑްރާޑޯއެވެ.
އިންޓަމިލާންގެ މައްޗަށް ޔުވެންޓަސް ހޯދި މި މޮޅާއި އެކު އެޓީމަށް ވަނީ ލީގުގެ ގަދަ ހަތަރަކަށް އެރާ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރެވޭނެ ކަމުގެ އުންމީދު އާވެފައެވެ. ރޭގެ މި މޮޅާއި އެކު ޔުވެންޓަސް މިހާރު އޮތީ 75 ޕޮއިންޓާއެކު ޓޭބަލްގެ ހަތަރު ވަނައިގަ އެވެ. އެހެން ނަމަވެސް ޔުވެންޓަސް އަށް ވުރެ މަދުން އެއް މެޗު ކުޅެގެން ފަސް ވަނައިގައި އޮތް ނަޕޯލީން ދެން ފިއޮރެންޓީނާ އާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ ޔުވެންޓަސް އަށްވުރެ ޕޮއިންޓެއް އިތުރަށް ލިބިގެން ހަތަރު ވަނައަށް ޖެހިލާނެ އެވެ. ޔުވެންޓަސް އަށް ލީގުގައި ބާކީ ދެން އޮތީ އެންމެ މެޗެކެވެ. އެ މެޗަކީވެސް އެޓީމަށް މުހިންމު މެޗެކެވެ. އެއީ، ރަށުން ރަށުން ބޭރުގައި ބޮލޯނާ އާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗެވެ.