ރަޝިއާއިން އުފައްދާފައިވާ ވެކްސިން ރާއްޖޭގައި ޖެހުމުގެ ހުއްދަ ދީފި
ކޮވިޑް-19އިން ދިފާޢުވުމަށް ރަޝިއާއިން އުފައްދާފައިވާ ވެކްސިން ރާއްޖޭގައި ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ.
ސްޕަޓްނިކް-5 ގެ ނަން ދީފައިވާ މި ވެކްސިނާއި ބެހޭގޮތުން އެމްއެފްޑީއޭ އިން ބުނީ މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް ”ރެސްޓްރިކްޓެޑް ޔޫސް އިން އިމަރޖެންސީ ސިޗުއޭޝަން“ ގައި ބޭނުން ކުރުމަށް ކަމަށެވެ. އަދި އުމުރުން 18 އަހަރުގެ މަތީގެ މީހުންނަށް ވެކްސިން ޖެހުމަށް ކަމަށެވެ.
އެމްއެފްޑީއޭ އިން ބުނީ ރާއްޖޭގައި މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ، މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމަ އަށް ބަލައި ދިރާސާކުރުމަށްފަހު ކަމަށެވެ. އަދި ފަންނީ ލަފާދޭ ޓެކްނިކަލް ބޯޑު ކަމުގައިވާ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއި މަޝްވަރާއާއެކުގައި ކަމަށެވެ.
ސްޕަޓްނިކް-5 ވެކްސިން އުފައްދަނީ ރަޝިއާގެ ކުންފުންޏެއްކަމަށްވާ ”ދި ގަމާލޭޔާ ނޭޝެނަލް ސެންޓަރ އޮފް އެޕިޑާރމަލޮޖީ އެންޑް މައިކްރޯބައޮލޮޖީ“ އިންނެވެ. އަދި ދުނިޔޭގެ 66 ޤައުމެއްގައި އިމަރޖެންސީ ޔޫސް އެޕްރޫވަލް ލިބި، މިހާރުވެސް އަންނަނީ މި ވެކްސިން ބޭނުންކުރަމުން ނެވެ.
މި ވެކްސިން ބަހައްޓަންޖެހޭނީ -18 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައެވެ. އެމް.އެފް.ޑީ.އޭއިން މި ވެކްސިނަށް ހުއްދަ ދީފައިވަނީ ވެކްސިން ރާއްޖެ އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހުގައްޔާއި، އަދި އެ ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް ”ކޯލްޑް ޗެއިން“ ބެލެހެއްޓުމަށް ޝަރުތުކޮށްގެންނެވެ. އަދި އެމް.އެފް.ޑީ.އޭއާއި މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއާއި ގުޅިގެން މި ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓަރކުރަމުންދާނެކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެފައިވެއެވެ.
މިއީ ރާއްޖޭގައި ކޮވިޑްގެ ހާލަތުގައި ބޭނުންކުރުމަށް ހުއްދަ ދިން ހަތަރުވަނަ ވެކްސިނެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އެގޮތުން 3 ވެކްސިނެއް ޖެހުމުގެ ކަންކަން ރާއްޖޭގައި މިހާރުދަނީ ކުރަމުންނެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޯފާމް ވެކްސިންގެ އިތުރުން ފައިޒަރ ވެކްސިނެވެ.