ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ސިޓީއަށް
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީއަށް ކަށަވަރުވެއްޖެއެވެ.
ސިޓީއަށް ޗެމްޕިއަނަކް ކަށަވަރުވީ މިރޭ މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ އަތުން ބަލިވުމުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
މި ވަގުތު ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑަކާއެކު ސިޓީ އޮތްއިރު، އަދި ބާކީ ތިން މެޗު ކުރިޔަށް އޮތަނަމަވެސް އެއްވެސް ޓީމަކަށް ސިޓީއާ އަރާހަމަނުކުރެވޭނެއެވެ. ސިޓީ އެއްވަނަގައި އޮތީ ކުޅުނު 35 މެޗުން 80 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް ޔުނައިޓެޑަށް 35 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. ތާވަލުގެ ތިންވަނައިގައި 36 މެޗުން 66 ޕޮއިންޓާއެކު ލެސްޓާ އޮތްއިރު، ހަތަރުވަނައިގައި ޗެލްސީއަށް އޮތީ 35 މެޗުން ލިބުނު 64 ޕޮއިންޓާއި އެކުގައެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ލެސްޓާއިން ވަނީ ލަނޑުޖަހާ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ތޯމަސްއެވެ. އެކަމަކު ފަސް މިނެޓު ފަހުން މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ލެސްޓާއިން ލަނޑެއް ޖަހާ އަލުން ލީޑު ނަގާފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައި ޗާލާ ސޮޔުންޖޫ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މިރޭގެ މޮޅާ އެކު 36 މެޗުން 66 ޕޮއިންޓް ހޯދައި ލެސްޓާ ވަނީ ތިން ވަނަ އަށް އަރައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ޖެހިލާފަ އެވެ.
ރޭގެ މި ނަތީޖާއާއި އެކު ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވިއިރު، މިއީ ސިޓީން ޕްރިމިއާ ލީގު ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ.