މެމްބަރު ޝިޔާމްގެ ފާޑުކިޔުން އެމްއެންޑީއެފް އަށް
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް ނަޝީދަށް ޙަމަލާދިނުމަކީ ސެކިއުރިޓީ ދޭންޖެހޭ މުއައްސަސާތަކުގެ ވަރަށް ބޮޑު ފެއިލިއަރއެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ”ޖަޒީރާ އޮންލައިން“ އަށް ދެއްވި އިންޓަރވިއު އެއްގައި ޝިޔާމް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް އެތައް ފަހަރެއްގެ މަތިން އިންޒާރުތައް ދެމުންގެންދިޔައިރު، އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަ ނުކުރުމަކީ ސަލާމަތީ ޚިދުމަތްތަކުގެ އިހުމާލެއް ކަމަށެވެ.
“ ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ތިން ބާރުގެ ތެރެއިން އެއްބާރުގެ ވެރިއަކަށް ހުންނެވި ބޭފުޅާ. ސަލާމަތީ ޚިދުމަތްތަކުން ރައީސް ނަޝީދަކީ އެންމެ ހައި ޕްރިއޯރިޓީ ދީގެން ސެކުއރިޓީ ބަލަހައްޓަންޖެހޭ ނުރައްކާތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްފައިވީނަމަވެސް، ސަލާމަތީ ޚިދުމަތްތަކުގެ ވަސީލަތްތައް ބޭނުންކޮށް އެންމެ އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދެމުންދިޔަތަނެއް ނުފެނުނު އެރޭ“ ޝިޔާމް ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވީ ރައީސް ނަޝީދަށް ލިބެމުންދިޔަ އިންޒާރުތަކުގެ ވާހަކަތަކީ ހާމަކޮށް ފެންނަން ހުރި ކަންކަން ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދިން ރޭ އެއީ ރޫޓީންގ މޫވް އެއް ނޫން ކަމަށާއި އެއީ ރައީސް ނަޝީދަށް ސެކިއުރިޓީ ދޭންޖެހޭ މުއައްސަސާތަކުގެ ވަރަށް ބޮޑު ފެއިލިއަރއެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް ރިސޯސްތައް ރަނގަޅުކުރުމަށާއި ވަސީލަތްތައް ތަރައްޤީކުރުމަށް ގިނަ އަދަދެއްގެ ފައިސާ ހިމަނާ ކަމަށެވެ.
އެގޮތުން ދިފާއީ ކަންކަން ބެލެހެއްޓުމަށް އެކަނިވެސް މި ހިނގަމުންދާ އަހަރަށް ފާސްކުރި ބަޖެޓުގައި 1,431.3 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި މި ބައިން އެންމެ ބޮޑު ޚަރަދެއް ހިނގަނީ މިލިޓަރީ ޑިފެންސަށް ކަމަށާއި އެގޮތުން 1,272.4 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ވޭތިވެދިޔަ ތިން އަހަރާއި އަޅާބަލާއިރު އެމްއެންޑީއެފްގެ ކަންކަން ހަރުދަނާ ކުރުމަށް ކަނޑައެޅުނު އެންމެ ބޮޑު އަދަދު ކަމަށާއި ނަމަވެސް އެ ރިސޯސްތައް ސަލާމަތީ ބާރުތަކުގައި ހުރިކަމަކަށް ނުފެންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.