ހުޅުމާލޭ ހޮސްޕިޓަލުން ދެމުންގެންދާ ބައެއް ޚިދުމަތްތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފި
ހުޅުމާލޭ ހޮސްޕިޓަލުން ދެމުންގެންދާ ބައެއް ޚިދުމަތްތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ މިގޮތަށް ނިންމީ ކޮވިޑް-19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން ކަމަށެވެ.
މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލި ޚިދުމަތްތަކުގެ ތެރޭގައި ޚާއްސަ ބަލިތަކުގެ އޯޕީޑީ އާއި އެޑްމިޓްކޮށްގެން ފަރުވާ ދިނުން ހިމެނެ އެވެ.
އެހެންނަމަވެސް ކުރި އެކޭ ގޮތަށް 24 ގަޑިއިރުގެ އިމަޖެންސީ ޚިދުމަތްތާއި މިހާރު ރަޖިސްޓަރީ ކޮށްފައި ތިބި މާބަނޑު މީހުންނަށް ދޭ އޭއެންސީ އާއި ޑައިލަސިސް ގެ ޚިދުމަތް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އޮންކޮލޮޖީ އާއި ކުޑަކުދިންނަށް ވެކްސިން ޖަހައި ދިނުމާއި ލެބޯރެޓަރީ އަދި ރޭޑިއޯލޮޖީ ޑިޕާޓްމަންޓްގެ ޚިދުމަތް ވެސް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ކޮވިޑް ޙާލަތު ގޯސްވުމާއި ގުޅިގެން މިހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެ ތެރެއިން ތިރީގައިބަޔާން ކޮށްފައިވާ ޚިދުމަތްތައް ފިޔަވާ އެހެނިހެން ޚިދުމަތްތައް 10 މެއި 2021 ވާ ހޯމަ ދުވަހުން ފެށިގެން ވަކިގޮތަކަށް އަންގަންދެން މެދުކަނޑާލެވިފައިވާ ކަމުގައި ދެންނެވީމެވެ. pic.twitter.com/UwSRoAjvkN
— Hulhumalé Hospital (@HMH_mv) May 10, 2021
މިފަހަކަށް އައިސް ރާއްޖޭގައި އަނެއްކާވެސް ކޮވިޑުގެ ކޭސްތައް އިތުރުވެފައިވާ އިރު، މާލެ ސަރަހައްދުގެ ފެސިލިޓީތަކުގެ 80 އިންސައްތަ ފުރިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އެހެންވެ ހުޅުމާލޭ ހޮސްޕިޓަލްގެ ޢާންމު ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައި އެ ހޮސްޕިޓަލް ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ހާމަކޮށްފަ އެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި ވަކިން ހުންނަ ޢިމާރާތުގައި ހަދާ އެ ބައިގައި 120 އެނދު ހުންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި މި ފެސިލިޓީ ހަދަނީ އައިސީޔޫ ޚިދުމަތް ވެސް ދެވޭ ގޮތަށް ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
އެ ފެސިލިޓީގައި ބޭނުން ކުރާ 58 އެނދަކީ މިހާރު ވެސް ހޮސްޕިޓަލުގައި ބޭނުންކުރަމުން އަންނަ އެނދެވެ.