ދީނީ އިލްމުވެރިންނާއި ހަރުކަށި ވިސްނުމާއި ގުޅުވައި އިލްމުވެރިންނަށް ހަޖޫ ޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ނިޒާރު
ދީނީ އިލްމުވެރިންނާއި ހަރުކަށި ވިސްނުމާއި ގުޅުވައި މި ނާޒުކު ވަގުތުގެ ފައިދާ ނަގައި އިލްމުވެރިންނަށް ހަޖޫ ޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އައްޑޫ ސިޓީގެ އިންތިހާބީ މޭޔަރު އަލީ ނިޒާރު ގޮވާލައިފިއެވެ.
ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނީ އިލްމުވެރިންނާއި ހަރުކަށި ވިސްނުމާއި ގުޅުވައި މި ނާޒުކު ވަގުތުގެ ފައިދާ ނަގައި އިލްމުވެރިންނަށް ހަޖޫ ޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
”އިސްލާމްދީނުގެ މަތިވެރި ނޫރު އެއީ ދިވެހިންގެ ނަސީބު. ސުލްހަ އާއި އަމާންކަން އަދި ދެ ދުނިޔޭގެ ބާއްޖަވެރި އޮތް ހަމައެކަނި ހައްލު“ ނިޒާރު ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ހަމަލާގައި ހަރުކަށި ފިކުރާ ގުޅުންހުރި ކަންތައްތަކެއް ފެންނަކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވިނަމަވެސް މި ހަމަލާ ސިދާ ގުޅެނީ ކޮން ދިމާލަކަށްކަން އިނގޭނީ ތަހުގީގު އެއްކޮށް ކޮށް ނިމުމުންކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އެ ތިން މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި ފަރާތެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.