ބުންޑެސްލީގާ: ބަޔާނުން ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ޖަރުމަން ލީގު ޗެމްޕިއަންކަން ހޯދައިފި
ބަޔާނުން ޖެހިޖެހިގެން ނުވަނަ ފަހަރު ޖަރުމަން ލީގުގެ ޗެމްޕިއަންކަން ކާމިޔާބުކޮށްފިއެވެ.
ލީގުގައި ކުޅެން ބާކީ ދެމެޗު އޮއްވައި ބަޔާނަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ މިރޭ ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވުވެ، ކުޅުނު 32 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ބަޔާނުން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ހަތަރު ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑުތައް ބަޔާނަށް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި ރޮބަޓް ލެވަންޑޯސްކީ އާއި ތޯމަސް މުލާ އަދި ކިންގްސްލީ ކޯމަނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހައި، މެޗުގައި ހެޓްރިކް ވެސް ހަދާފައެވެ. މިއީ މި ސީޒަނުގެ ލީގުގައި އޭނާ ކާމިޔާބުކުރި 39 ވަނަ ލަނޑެވެ. ދެން މި ހާފުގައި ބަޔާނުން ޖެހި އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ލެރޯއި ސާނޭއެވެ.
ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ބަޔާން ކަށަވަރުކުރިއިރު، މިހާތަނަށް ޖަރުމަން ލީގުގައި އެންމެ ގިނަ ފަހަރު ލީގު ޗެމްޕިއަނަކަން ހޯދާފައިވަނީ ވެސް ބަޔާންއިންނެވެ. އެޓީމުން ވަނީ ލީގު ޗެމްޕިއަންކަން ޖުމްލަ 30 ފަހަރު ހޯދާފައެވެ.
ބަޔާން މިޔުނިކަށް މިރޭ ލީގު ކަށަވަރުވިއިރު އެ ޓިމު މި ސީޒަނުގައި މިހާތަނަށް ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވީ އެންމެ ހަތަރު މެޗުންނެވެ. 22 މެޗު ބަޔާނުން ވަނީ ކާމިޔާބުކޮށްފަ އެވެ.