އޭއެފްސީ ޕްލޭއޮފް މެޗު ކުޅުމަށް ބެންގަލޫރު ޓީމު ރާއްޖެ އަތުވެއްޖެ
އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗު ކުޅުމަށް އިންޑިއާގެ ބެންގަލޫރު އެފްސީ ޓީމު ރާއްޖެ އަތުވެއްޖެއެވެ.
ޕްލޭއޮފް މެޗު ކުޅުމަށް ބެންގަލޫރު އެފްސީ ޓީމުގެ ކުޅޫންތެރިންނާއި އޮފިސަލުން ރާއްޖެ އަައިސްފައިވަނީ މިއަދު މެންދުރުފަހުއެވެ.
ޕްލޭއޮފުގައި އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.
މި މެޗަކީ އޭއެފްސީ ކަޕުގެ ގްރޫޕް ޑީއަށް ކޮލިފައިވުމަށް ކުޅޭ ފައިނަލް ކޮލިފިކޭޝަން މެޗެވެ. މި މެޗުގައި ބެންގަލޫރު އެފްސީ ބައްދަލުކުރަނީ ރާއްޖޭގެ ކްލަބް އީގަލްސްއާއެވެ.
ބެންގަލޫރު ޓީމު ރާއްޖެއައިރު، މި މުބާރާތުގެ ކުރިން އެ ޓީމު ކޭމްޕްކޮށްގެން ތިބީ އިންޑިއާގެ ގޯއާގައެވެ. މީގެ އިތުރުން އޭއެފްސީ ކަޕުގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމު ކަމަށްވާ އީގަލްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކުޅުންތެރިންނާއި އޮފިޝަލުން ބުރާސްފަތި ދުވަހު ވަނީ ކޮވިޑަށް ޓެސްޓުކުރުމަށްފަހު، ކޭމްޕްކޮށްފައެވެ. ހަމަ އެގޮތަށް ބެންގަލޫރު ޓީމު ކޭމްޕު ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ހޮޓަލެއްގައެވެ.
މި ފަހަރުގެ ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާއިރު، މި މެޗުން އީގަލްސްއަށް ފުރުސަތު ލިބުނީ ޕްރިލިމިނަރީ ދެވަނަ ބުރުން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ވަކިކުރަން ނިންމުމުންނެވެ. ޕްލޭއޮފުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބިގެންދާނެއެވެ.
ކޮވިޑުގެ ކޭސްތައް ރާއްޖޭގައި އިތުރުވެ ހާލަތު ގޯސްވުމުން އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗާއި ގްރޫޕް ސްޓޭޖުގެ މެޗުތައް ފަސްކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އޭއެފްސީއާއެކު މަޝްވަރާކޮށްފައިވެއެވެ. އެހެން ނަމަވެސް އޭއެފްސީން ނިންމާފައިވަނީ މިހާރު އޮތް ތާވަލާ އެއްގޮތަށް އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ޕްލޭއޮފް މެޗަށްފަހު މި މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮވިޑުގެ ހާލަތު ރާއްޖޭގައިވެސް ގޯސްވެފައިވާ މިފަދަ ދަނޑިވަޅެއްގައި އިންޑިއާ ޓީމު ރާއްޖެ ގެނެސް ފުޓްބޯޅަ މެޗެއް ކުޅޭތީ އާންމުން އަންނަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ.