އިތުރަށް އަޅާ 16 ފުޓްބޯޅަ ދަނޑާއެކު ދިވެހި ޕްރިމިއަރ ލީގު މުޅި ރާއްޖެއަށް ފުޅާ ކުރެވޭނެ: މަހްލޫފް
އިތުރަށް އަޅާ 16 ފުޓްބޯޅަ ދަނޑާއެކު ދިވެހި ޕްރިމިއަރ ލީގު މުޅި ރާއްޖެއަށް ފުޅާ ކުރެވޭނެ ކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންވަރު ރަނގަޅު 16 ފުޓްބޯޅަ ދަނޑު އަޅަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާ، އެކަމުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
މަހްލޫފް ވިދާޅުވީ އެ ވުޒާރާއިން މިހާރުވެސް 75 ދަނޑެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެފްއޭއެމުން 16 ދަނޑު އެޅުމަށް ރަށްތައް އެކުލަވާލީ މަޝްވަރާކުރުމަށްފަހު ކަމަށެވެ.
މީގެ އިތުރުން ދަނޑުތަކާއެކު ދިވެހި ޕްރިމިއަރ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލަން އެފްއޭއެމުން މަސައްކަތްކުރަމުން އަންނައިރު، އެކަމުގެ ސަބަބުން ފުޓްބޯޅައަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
“ ދަނޑުތަކުގެ ގިނަ މަސައްކަތް ކުރާލެއް ގިނަ ކަމުން ފާޑުކިޔުންވެސް އާދޭ. އެކަމަކު އެންމެ ގިނައިން ރަށްރަށުން އެދޭ ކަމަކީ ފުޓްބޯޅަ ދަނޑުތައް އެޅުން.“ ކުރތިން ވެސް ވަޒީރު ވިދާޅެފައިވާ މި ޢިބާރާތް އަނެއްކާ ވެސް ތަކުރާރު ކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމުން 16 ރަށެއްގައި ޓާފް ދަނޑުތައް އެޅުމަށް ނިންމީ، މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކާ އެއްގޮތަށް ރާއްޖޭގެ 100 ރަށެއްގައި ޓާފް ދަނޑުތައް އަޅަމުންދާތީ، އެކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
”މި ކޮންމެ ދަނޑަކީވެސް ފީފާ އެޕްރޫވްޑް ޓާފް ދަނޑެއް. މި ދަނޑުތައް ވަށައިގެން ފެންސް ޖެހިގެންދާއިރު، ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރުމާއި، ދަނޑުގައި އިލެކްޓްރޯނިކް ސްކޯރ ބޯޑެއް ހަރުކުރެވިގެންދާނެ.“ ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމުގެ އެހީގައި ދަނޑުތައް އަޅާ ރަށްތަކަކީ ހއ. ކެލާ، ށ. ކޮމަންޑޫ، ރ. އިނގުރައިދޫ، ބ. ކަމަދޫ، ކ. ހުރާ، އއ. އުކުޅަސް، މާޅޮސް، އދ. ދަނގެތި، މ. ނާލާފުށި، ފ. ބިލެއްދޫ، ތ. ގުރައިދޫ، ވަންދޫ، ލ. މާބައިދޫ، ގއ. ގެމަނަފުށި، ކޮލަމާފުށި އަދި ގދ. ނަޑެއްލާ ގައެވެ.
ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅަކަށް ވާ އިރު، މިހާތަނަށް މި ސަރުކާރުން ވަނީ 10 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އަޅާފައެވެ.