އޭއެފްސީ މެޗުތައް ކުޅެން ހާއްސަ ހުއްދައެއް ދީފި
މި މަހު ރާއްޖޭގައި އޭއެެފްސީ ކަޕްގެ މެޗުތައް ކުޅެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާއްސަ ހުއްދައެއް ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއޯއީސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމާ މެދު ހެލްތު މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީން މަޝްވަރާކުރަމުން އަންނަ ކަމަށާއި އެޗްޕީއޭ އާއި އޭއެފްސީން ހަދާފައިވާ ގައިޑްލައިންތަކެއްގެ ތެރެއިން އޭއެފްސީ ކަޕްގެ މެޗުތައް ބާއްވަން ހާއްސަ ހުއްދައެއް ދޭން ނިންމާފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، މިމުބާރާތަށް ޓީމުތައް ރާއްޖެއަށް އަންނަންޖެހޭނީ އޭއެފްސީންވެސް ހަދާފައިވާ ގައިޑްލައިންއާއި އެއްގޮތަށް ނެގެޓިވް ޕީސީއާރް ޓެސްޓެއް ހަދައިގެން ކަމަށާއި އަދި ޓީމުތައް އައިސް ތިބެން ވެސް ޖެހޭނީ ވަކި ހޮޓަލެއްގައި ކަރަންޓީނުވެގެން ކަމަށެވެ. އަދި އިތުރުތަނަކަށް ދިއުމުގެ ހުއްދައެއް ކުޅުންތެރިންނަކަށް ނޯންނާނެ ކަމަށާއި އަދި ޓީމުތަކަށް ހިދުމަތްދޭ ފަރާތްތަކުންވެސް މުޖުތަމައުގެ ތެރެއަށް ނުކުތުމުގެ ހުއްދައެއް ނޯންނާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ އޭއެފްސީ މުބާރާތަކީ ރާއްޖޭގެ ޓީމުތައް ބައިވެރިވާ ބައިނަލްއަގްވާމީ މުބާރާތަކަށް ވާތީ ރާއްޖޭގައި ކުޅެންޖެހޭ މެޗުތައް ކުޅުމަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މިވަގުތު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން މި ވަގުތު ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނީ ހަމައެކަނި އޭއެފްސީ ކަޕްގައި ކުޅޭ ޓީމުތަކަށް ކަމަށާއި ނަމަވެސް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މެދުކަނޑާލަން ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މި މަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ކްލަބު އީގަލްސްއާ އިންޑިއާގެ ބެންގަލޫރު މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އޭއެފްސީ ކަޕްގެ ސައުތު ޒޯންގެ ގުރޫޕް ސްޓޭޖުގެ މެޗުތައް މާލޭގައި ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 އިން 20 އަށެވެ.