ވެކްސިން ޖެހުމަށް ކިޔުބީ ނަމްބަރު ދޫކުރުން ހުއްޓާލައިފި
ކޮވިޑް ވެކްސިން ޖެހުމަށް ކިޔުބީ ނަމްބަރު ދޫކުރުން ހުއްޓާލައިފި އެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މާލޭގައި ދެވަނަ ޑޯޒް ޖަހައިދޭ ސެންޓަރުތަކުން ކިއުބީ މެދުވެރިކޮށް ޓޯކަން ދޫކުރުން ރެއިން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.
އާންމުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ވެކްސިން ތިން ސެންޓަރެއްގެ ކިއު ނަމްބަރު އޮންލައިންކޮށް ކިއުބީ މެދުވެރިކޮށް ދޫކޮށް، ކިއު ނަންބަރު ބެލޭ ގޮތަށް ކުރިން ވަނީ ހަމަޖައްސާފަ އެވެ.
ނަމަވެސް ކިއުބީއިން ޓޯކަން ނެގުމަށް ފަހު 100-300 އަ ދެމެދުގެ އަދަދެއްގެ މީހުން ވެކްސިން ޖަހަން މިހާތަނަށް ނުދާކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެހެން އެކަން ވާތީ އާއި ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ފިޒިކަލްކޮށް (ސެންޓަރުތަކަށް ދާ މީހުންނަށް) ނަންބަރު ދޫކުރަން ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ ފިޒިކަލްކޮށް ނަންބަރު ދޫކުރިނަމަވެސް ކިއުބީ އިން ނަންބަރު ކުރިއަށް ދާވަރު ފެންނާނެ ކަމަށެވެ.
ކިއުބީ މެދުވެރިކޮށް ޓޯކަން ދޫކޮށް، ވެކްސިން ކިއު އޮންލައިންކޮށް ބެލޭ ގޮތް ހަދާފައި ވަނީ މާލޭގައި ވެކްސިން ކިއުތައް ދިގުވެގެން ޝަކުވާތައް އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.
މިދިޔަ ހޯމަ ދުވަހު ރާއްޖެއިން 6838 މީހުން ވެކްސިން ޖާހާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 1016 މީހުންނާއި ދެވަނަ ޑޯޒް ޖެހި 5822 މީހުންނެވެ.
މާލެ ސަރަހައްދުން މިދިޔަ ހޯމަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ 313 މީހުން ޖަހާފައެވެ. އަދި އަތޮޅު ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަިއ ވަނީ 703 މީހުންނެވެ. ހަަމައެއާއެކު މިދިޔަ ހޯމަ ދުވަހު މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 2780 އެވެ. އަތޮޅު ތެރެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ވަނީ 3042 މީހުންނެވެ.
މިއާއެކު މުޅި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 293،429 އަށް އަރާފައެވެ. އޭގެތެރެއިން 88،649 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.