ރާއްޖޭގެ ޓީޓީ ކުރިއެރުވުމަށް މިނިސްޓަރ މަހްލޫފް، އިންޑިއާގެ ޓީޓީ އެސޯސިއޭޝަނާ މަޝްވަރާ ކުރައްވައިފި
ރާއްޖޭގެ ޓީޓީ ކުރިއެރުވުމަށް ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް، އިންޑިއާގެ ޓީޓީ އެސޯސިއޭޝަނާ މަޝްވަރާ ކުރައްވައިފި އެވެ.
އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ރައީސް ޑުޝްޔަންޓް ޗޯޓާލާ އާ މި މަޝްވަރާ ބާއްވާފައިވަނީ މިއަދު ހެނދުނު ޔޫތު މިނިސްޓްރީގަ އެވެ.
މި މަޝްވަރާގައި ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް އިންޑިއާ އަދި ރާއްޖެ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި މި ބައްދަލުކުރެއްވުމުގައި މުޅި ރާއްޖެއަށް އިންޑިއާގެ އެހީތެރިކަމާއެކު ޓީޓީ ފުޅާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މީގެ އިތުރުން ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ޔޫތު ޓުއަރ އަދި ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.
އިންޑިއާގެ ޓީޓީ ފެޑެރޭޝަންގެ ރައީސް ވިދާޅުވީ މިއީ ގައުމަކާއެކު މިފަދަ މަސައްކަތްތަކެއް ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.
މިއީ ރާއްޖެއަށް އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި އޮންލައިންކޮށް ކޮމަންވެލްތު ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ރައީސް އަދި ދުނިޔޭގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ސްޓެގް ގެ ޗެއަރމަން ވިވެކް ކޯލީ ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.