އުނގޫފާރުގައި ޢިމާރާތް ކުރި އިސްލާމީ މަރުކަޒު މިއަހަރު ހުޅުވަނީ
މާޅޮސް މަޑުލު އުތުރުބުރީ (ރ. އަތޮޅު) އުނގޫފާރުގައި ޢިމާރާތް ކުރި އިސްލާމީ މަރުކަޒު މިއަހަރު ހުޅުވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައެވެ. ނަމަވެސް ހުޅުވާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެ އެވެ.
އުނގޫފާރުގައި ޢިމާރާތް ކުރި އިސްލާމީ މަރުކަޒަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި، އަލްމަރްޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ދީނީ ތަފާތު ހަރަކާތްތައް ހިންގުމަށް ބޭނުން ކުރެވޭފަދަ ގޮތަކަށް ބިނާކުރަން ފެށި ތަނެކެވެ.
ހަތާވީސް މިލިއަން ފަސްލައްކަ ފަސްހާސް އަށްސަތޭކަ ނަވާވީސް ރުފިޔާ ހަތްދިހަ އެއް ލާރީ ޚަރަދު ކޮށްގެން ޢިމާރާތްކުރާ އިސްލާމިކް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވަނީ 02 މާރޗު 2017 ގައެވެ.
މިސެންޓަރުގައި ނަމާދު ކުރާ ހޯލަކާއި ޤުރްއާނުގެ ޢިލްމު ފެތުރުމަށް ކިލާސް ރޫމާއި، ދެ ޖިންސަށް ވަކިން ޚާއްޞަކޮށް ވުޟޫކުރުމާއި ފާޚާނާ ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. އަދި މިސެންޓަރު ފަރުމާ ކުރެވިފައިވަނީ ކަރަންޓުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތަކާއި، ސާފުވަޔާއި، ގުދުރަތީ އަލި ލިބޭނެގޮތްތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތަކަށް ބަލައިގެންނެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް 10 ޖަނަވަރީ 2020 ގައި ވަނީ ނިމިފައެވެ. ނަމަވެސް ރަސްމީކޮށް ހުޅުވުން ވަނީ ބޭނުންވާ ފަރުނީޗަރުތައް ހޯދުމުގެ މަސައްކަތްތައް ކުރިއަށްގެންދާތީ ފަރުނީޗަރު ހަމަޖެހެންދެން ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
ނަމަވެސް 2021 ވަނަ އަހަރު ރ. އުނގޫފާރު އިސްލާމިކް ސެންޓަރުގެ ހުރިހާ މަސައްކަތްތައް ނިމި ސެންޓަރ ރަސްމީކޮން ހުޅުވޭނެކަމަށް ލަފާކުރެވޭކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.